ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ފަލަސްތީނުގެ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ދެމިއޮންނާނެ
Uncategorized

ފަލަސްތީނުގެ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ދެމިއޮންނާނެ

މމުހައްމަދު އަލީ30 ނޮވެމްބަރު 2024
ދިރިއުޅުމުގެ ހައްގު ހޯދުމަށް އަދުލުއިންސާފާއި ސުލްހަވެރިކަމާއެކު ފަލަސްތީނުން ކުރަމުންދާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ދެމިއޮންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ދެއްވި މެސެޖުގައެވެ. ރައީސް ވިދާޅުވެފައިވަނީ ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ދޭ އެއްބާރުލުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުން ހިއްސާކުރާ ކަމެއް ކަމުގައެވެ. މިއަދާހަމައަށްވެސް ފަލަސްތީނުގެ އެކި ޖީލުތަކުގެ ރައްޔިތުން ކުރިމަތިލަމުން ގެންދާ އަނިޔާވެރިކަމާއި، ފަސާދައާއި، ގެދޮރު ގެއްލެމުންދާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ރައީސް ވިދާޅުވީ ކޮންމެދުވަހަކީ ފަލަސްތޫނުގެ ރައްޔިތުންނަށް އަނިޔާލިބޭ ދުވަހެއް ކަމަށެވެ. އެހެން ކަމުން ކޮންމެ ދުވަހަކީ ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިތިބުމުގެ އަޒުމް ވަރުގަދަވެ، އަދި އެ އަޒުމު އައުކޮށްދޭ ދުވަހެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ރައްޔިތުންނާމެދު ބޭއިންސާފުން ހިންގާ ކަންކަމަކީ ތާރީޚުގައި ޖެހިފައިވާ ލައްގަނޑެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިޒްރޭލަށް ހަތިޔާރު ވިއްކުން މި ހިނދުން މި ހިނދަށް ހުއްޓާލުމަށް ވެސް ރައީސްވަނީ ވިދާޅުވެފައެވެ. ހަނގުރާމައިގެ ޖަރީމާތަކުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް، ބައިނަލްއަގްވާމީ މުޖުތަމައު އެއްބައިވެ، އެގައުމެއްގެ ސިޔާސީ ވިސްނުމާއި އިގްތިސާދީ ބާރުގެ ބޭނުންހިފުމަށް ވެސް ރައީސް ގޮވަައިލެއްވިއެވެ. ފަލަސްތީނުގެ ރެފިއުޖީންގެ ހައްގުގައި އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫ.އެން.އާރު.ޑަބްލިއު.އޭ) އަދާކުރަމުންގެންދާ މުހިންމު ދައުރަށް 75 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމަށާއި، އެ އެޖެންސީން ކުރަމުންގެންދާ ހައްސާސް މަސައްކަތްތަކަށް ހުރިހާ ގައުމުތަކުންވެސް އެއްބާރުލުން ދެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ. އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގެ ޖަރީމާތަކާއި، އެ ގައުމުގެ އަމަލުތައް ކުށްވެރިކުރައްވައި، އެ ލާއިންސާނީ އަމަލުތަކަކީ ހަމައެކަނި ފަލަސްތީނުގެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ގައުމުތަކުގެ ގުޅިފައިވާ ނިޒާމަށް ދެވޭ ހަމަލާއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބައިނަލްއަގުވާމީ މުޖުތަމަޢުން، ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، އިޒްރޭލު ޖަވާބުދާރީ ކުރުވަން ޖެހޭކަމަށް އެމަނިކުފާނު ތަކުރާރުކުރައްވާފައިވެއެވެ.  

ގުޅުންހުރި ޚަބަރު