ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
މަސްވެރީންގެ ދުވަސް: ތަހުނިޔާއަށްވުރެ މަސްވެރީންނަށް މުހިންމީ ފައިސާ
Uncategorized

މަސްވެރީންގެ ދުވަސް: ތަހުނިޔާއަށްވުރެ މަސްވެރީންނަށް މުހިންމީ ފައިސާ

މމުހައްމަދު އަލީ10 ޑިސެމްބަރު 2024
މިއަދަކީ ރާއްޖޭގެ ފަޚުރުވެރި މަސްވެރީންގެ ދުވަހެވެ. މިދުވަސް ފަޚުރުވެރި ދުވަހަކަށްވަނީ މަސްވެރިންގެ ޝަރަފަށްޓަކައެވެ. އެމީހުންގެ މަސައްކަތުގެ ބުރަކަމަށްޓަކައެވެ. ގައުމަށްޓަކައި ރެއާއިދުވާލު ހީވާގިކަމާއެކު އެކުރާ މަސައްކަތުގެ ނާޒުކު ކަމަށްޓަކައެވެ. ގަދަވަޔާއި ވިއްސާރައިގައި ބިޔަރާޅުތަކުގެ މަތީން ދުއްވަމުން ﷲ ދެއްވާ ހަލާލު ރިޒުގު ލިބިގަތުމަށް އެކުރަނީ އާދައިގެ ދަތުރެއްނޫނެވެ. އެ ހާލަތުގައި މަސްވެރީން ދަތުރު ކުރަމުންދާއިރު އަޅުގަނޑުމެން މިތިބެނީ އަރާމުގައެވެ. ނިދާފައެވެ. ކޮފީއެއްގައެވެ. އަނބިދަރީން ކައިރީ އެއްގަމުގައެވެ. މަސްވެރީންގެ ދުވަހުގެ ތަހުނިޔާ އެންމެން މިއަދު އެބަފޮނުވައެވެ. މި ދުވަސް މިއަހަރު ލައިގަތީ މަސްވެރީން މާޔޫސްވެފައި ތިއްބައެވެ. ބާނާ މަހަށް ލިބެންވާ ފައިސާކޮޅު ލިބުން ލަސްވެގެންނެވެ. އިންޖީނަށް އަޅާ ތެލުގެ އަގު ބޮޑުވެފައިވާތީ އެކަމުގެ ހިތްދަތި ކަމުގައި ތިއްބައެވެ. މިހެން ތިބި ބަޔަކަށް ތަހުނިޔާގެ ކޮން މެސެޖެއް ހެއްޔެވެ؟ ކޮން އުފަލެއް ހެއްޔެވެ؟ މަސްވެރީންނަށް އެހެން ފޮނުވާ މެސެޖެއްގެ ސަބަބުން އަންނީ ރުޅިނޫން ބާވައެވެ. އެމީހުން ބޭނުވަނީ ފައިސާއެވެ. ހަލާލު ފައިސާއެވެ. އަތްމަތި ތަނަވަސްވެ އާއިލާ އުފަލުގައި އުޅެވޭގޮތް ވީމާ އެވީއެވެ. މަސްވެރިންގެ އަގު މިއަދު ވަޒަން ކުރެވޭނީ އެމީހުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދީގެންނެވެ. އެކަންކަމަށް ހައްލު ގެނެސްދެއްވާނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެކަންކަން ކޮށްދެއްވުމަށްފަހު ދެން ތަހުނީޔާ ވިދާޅުވުން ކިހިނެއް ހެއްޔެވެ؟ ދެން އޮތީ ސަރުކާރު ޖަވާބު ދާރީކުރުވަން އޮތް އެމްޑީޕީއެވެ. އިދިކޮޅު ޕާޓީއެވެ. އެ ޕާޓީން ވެސް މިވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުވައިފައެވެ. "މަސްވެރިންގެ ދުވަހުގެ ތަހުނިޔާ މަސްވެރިންނަށާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ބޭފުޅުންނަށް އަރިސްކުރަން. މިފަދަ ދުވަހެއް ފާހަގަ ކުރަމުންދާއިރު ސަރުކާރުން ވައުދު ނުފުއްދާތީ މަސްވެރިކަން އިނދަޖެހި މަސްވެރިން ތިބީ ވަރަށް ދަތި ހާލުގައި،" އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ އެކަންކަމަކީ ސަރުކާރަށް އަޑުއިއްވަން ޖެހޭ ކަންކަން ކަމަށެވެ.  "އެ ކަންބޮޑުވުންތައް މި ސަރުކާރަށް އިއްވުމަށް މިރޭ ކާނިވާ ސަރަހައްދުގައި އޮންނަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު އަރުވަން،" ފައްޔާޒު ވިދާޅުވެފައިވެއެވެ. އެމްޑީޕީން މިރޭ  ބާއްވާ ޖަލްސާއަކީ މަސްވެރިންނަށްޓަކައި ބާއްވާ ޖަލްސާއަކަށްވީތާއެވެ؟

ގުޅުންހުރި ޚަބަރު