ދިވެހި|English 9 ޖުލައި 2026 · 02:23
Top banner
Advertisement
ކަނޑޫފާތައް: މިއަދާއި މާދަމާއަށްޓަކާ ހިމާޔަތް ކުރުން މުހިންމު
ތިމާވެށި

ކަނޑޫފާތައް: މިއަދާއި މާދަމާއަށްޓަކާ ހިމާޔަތް ކުރުން މުހިންމު

އއާމިނަތު ދުންޔާ12 ސެޕްޓެމްބަރު 2024
މެންގްރޫވްއަކީ ޗަސް ބިމުގައި ހެދޭ ވަކިބާވަތެއްގެ ގަސްގަހަށް ކިޔާނަމެކެވެ. ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ޗަސްބިންއޮވެއެވެ. އަދި އެތަންތަނުގައި މިބާވަތުގެ ގަސްތައް ގިނައިން ހުރެއެވެ. ޗަސް ބިމުގައި ހެދޭ މިފަދަ ގަސްގަހަށް ދިވެހިބަހުން ކިޔާނަންތަކެއް ހުރެއެވެ. އޭގެ ތެރޭގައި ދިވެހީން އާންމުކޮށް ދަންނަނީ ކަނޑޫ، ރަނޑޫ، ކުށްޅަވަށް، ބޮނޑަވަކި އެވެ. ދުނިޔެއިން މިހާތަނަށް މީގެ 57 ބާވަތެއް ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް މިހާތަނަށް ރާއްޖެއިން ފެނިފައިވަނީ 13 ނުވަތަ 14 ވަރަކަށް ބާވަތެވެ. އޭގެތެރެއިން އެންމެގިނަ ވައްތަރުތައް ފެނިފައިވަނީ ކ.ހުރާކުޅީންނާއި ގދ. ލާބަދޫއިންނާއި، އައްޑޫ ހިތަދޫ އީދިގަލި ކިޅިންނެވެ. އިތުރު ބަވަތެއް އައްޑޫ މީދޫއިން ވެސް ފެނިފައިވާކަމަށް އެނގިފައިވެއެވެ. މެންގްރޫވްސް މުހިންމުވަނީ ކީއްވެ؟ މެގްރޫވްސްއަކީ ގަދަވަޔާއި ވިއްސާރައިގެ ސަބަބުން ރަށަށް ލިބޭ ގެއްލުން ކުޑަކޮށްދޭ ގުދުރަތީ އައްޑަނައެކެވެ. އުދައެރުމާއި އޮއިގަދަވާ ހިނދު ފަސްގަނޑު ހިފެހެއްޓުމަށް މިފަދަ ގަސްގަހުގެ މޫތައް އެހީވެއެވެ. ގަދަވައިޖެހޭ ހިނދު މިގަސްތަކުގެ ސަބަބުން ރަށަށް ހިމާޔަތް ލިބެއެވެ. އެހެންކަމުން މިއީ ތިމާވެށީގެ ހިމާޔަތުގައި އޮތް ގުދުރަތީ އައްޑަނައެކެވެ. ސުނާމީ ކާރިސާފަދަ ކަންކަން ދިމާވާހިނދު މެންގްރޫވް ހިމެނޭ ސަރަހައްދަށް ލިބޭގެއްލުން ވަރަށްކުޑައެވެ. އެހެންކަމުން އެއީ ފުރާނައާއި މުދާވެސް ސަލާމަތް ކުރުމަށްހުރި ވަސީލަތަކަށް ވެދާނެއެވެ. ކަނޑުގެ ދިރުންތައް ހިމާޔަތްކޮށްދޭ މީގެ އިތުރުން ކަނޑޫފާތަކަކީ ކަނޑުގެ ދިރުންތައް ދެމެހެއްޓުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ މަހައުލެކެވެ. ކަނޑޫފާތަކުގައި ހެދޭ ގަސްގަހާގެހީގެ މޫތަކުން އުފެދިފައިވާ މާހައުލަކީ އެކި ބާވަތްތަކުގެ މަހާއި، ކަކުންޏާއި ކަނޑުގެ އެހެނިހެން ދިރުންތަކަށް ނާސަރީއެކެވެ. މި ނާސަރީތަކަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް މުހިންމު އެތައް ބާވަތެއްގެ ދިރުންތައް އުފެދި ބޮޑުވުމަށް ކޮންމެހެން ބޭނުން ތަންތަނެވެ. ކަނޑުގެ އެތައް ދިރުންތަކެއްގެ ލައިފް ސައިކަލްގެ ފުރަތަމަ މަރުހަލާތަކުގައި ރައްކާތެރިކަން ހޯދައެވެ. ނަތޯޖާއަކީ ބޮޑެތި މަސްމަހުގެ ޝިކާރައަކަށްނުވެ ސަލާމަތްތެރި ކަމާއެކު ބޮޑުވުމެވެ. އެހެންކަމުން މިއީ ދިރިއުޅުމަށް ބޭނުންވާ މަހުގެ ބާވަތްތައް އާލާކޮށް ގިނަކުރުމަށްއޮތް ރައްކާތެރި ތަނެކެވެ. ކަނޑޫފާތަކުން މުޅި ކަނޑުގެ މާހައުލީ ނިޒާމް ދެމެހެއްޓުމަށްވެސް އެހީތެރިވެދެއެވެ. ދުޅަހެޔޮ ކަނޑޫފާތަކުގެ ސަބަބުން ކައިރީގައިވާ މުރަކައިގެ ބަގީޗާތަކާއި މޫދު ވިނަ ހެދޭ ސަރަހައްދުތަކަށްވެސް ފައިދާކުރެއެވެ. މިއީ ގުޅިލާމެހިފައިވާ މާހައުލުތަކެކެވެ. ދިވެހިންގެ އާންމު ދިރިއުޅުމަށް ބަލާއިރު، ކަނޑޫފާތަކުން ލިބޭ އެންމެ ބޮޑުއެއް ފައިދާއަކީ މަސްވެރިކަމަށް ވެދޭ އެހީތެރިކަމެވެ. މަސްމަހާމެހި އެތަނުގައި އާލާކޮށް ބޮޑުކޮށްގެން އިގްތިސާދީ ފައިދާ ހޯދިދާނެއެވެ. މިއީ ރާއްޖެއިން ބޭރުގައި ކޮށްއުޅޭ މަސްވެރިކަމެކެވެ. މިފަދަ ތަންތަނުގައި މަހުގެ ގިނަ ބާވަތްތައް އާލާކުރުމުން މަސް ހޯދުމަށް މަސްވެރީންނަށް ފަސޭހަވެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ކަނޑޫފާތަކުން ވަރަށް ބޮޑު ފައިދާއެއް ކުރެއެވެ. ކަނޑޫފާތައް ހިމެނޭ ރަށްތައް ވަރަށްގިނަ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން 2015 ވަނަ އަހަރު ލަފާކޮށްފައިވާގޮތުގައި ދިވެހިރާއްޖޭގެ ކަނޑޫފާތަކުގެ ޖުމްލަ ބޮޑުމިނަކީ ގާތްގަނޑަކަށް 7.39 އަކަކިލޯމީޓަރެވެ. ރިޕޯޓުތަކުން ދައްކާގޮތުގައި ހުރިހާ ބާވަތެއްގެ ކަނޑޫފާތަކެއް އެއް ރަށަކުން ފެންނާކަށް ނުހުރެއެވެ. މިހެންވަނީ ރާއްޖޭގެ ރަށްތައް ކުޑަވެފައި ކަނޑޫފާތައްވެސް ކުޑަވުމުން ދިމާވާކަމެއް ކަމަށްވެދާނެއެވެ. ތަފާތު މަސްދަރުތަކުން ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މުޅި ދިވެހިރާއްޖޭގެ އަތޮޅުތަކުގައި ހިމެނޭ ރަށްތަކުގެ ތެރެއިން ގާތްގަނޑަކަށް 108 ރަށެއްގައި ކަނޑޫފާ ހުރިކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. ކަނޑޫފާތައް އެންމެ ގިނައިންހުރީ އުތުރުގެ އަތޮޅުތަކުގައެވެ. އެއީ 70.4 ޕަސެންޓެވެ. ކަނޑޫފާ ހުރި 108 ރަށުގެ ތެރެއިން 55 ރަށަކީ މީހުން ދިރިއުޅޭ ރަށްރަށެވެ. މުޅި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ޖުމްލަ 188 ރަށް އޮންނަކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގެ ރިޕޯޓުތަކުން ދައްކައެވެ. މާނައަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތިންބައިކުޅަ އެއްބައިގައި ރަށްރަށުގައި ކަނޑޫފާ އެހުއްޓެވެ. ކަންބޮޑުވާންޖެހޭ ކަމެއް ރާއްޖޭގެ ނިސްބަތުގައި ކަނޑޫފާތައް ގިނައެވެ. އެހެންނަމަވެސް ކަންބޮޑުވާންޖެހެނީ މީގެ މުހިމުކަން އާންމުކޮސް މީހުންނަށްނޭގޭތީއެވެ. ނޭނގުމުގެ ސަބަބުން މިތަންތަނަށް ދޭންޖެހޭ ސަމާލުކަމެއް ނުދެވެއެވެ. ނަތީޖާއަކީ އިންސާނުންގެ ޙަރަކާތްތަކުގެ ސަބަބުން މި ނިޒާމަށް ނޭދެވޭ އަސަރުކުރުމެވެ. މާހައުލީ ނިޒާމް އެއްކޮށް ހަލާކުވެދާނޭ ކަމުގެ ބިރުވެރިކަން އޮތުމެވެ. އެހެންކަމުން މި މާހައުލު ހަލާކުވިޔަނުދީ އާލާކުރެވޭނޭ ގޮތެއް ހޯދުންވަރަށް މުހިންމެވެ. އެކަން ކުރެވޭނީ މީހުންނަށް މައުލޫމާތު ދީގެންނެވެ. ހޭލުންތެރިކޮށްގެންނެވެ. މި ނިޒާމު ޙިމާޔަތްކޮށް ރައްކާތެރިކުރާނޭގޮތް ކިޔައިދީގެންނެވެ. މިނިޒާމް ރަނގަޅު ގޮތުގައި މެނޭޖްކުރުމަކީ ރަށުގެ ރަށްޔިތުންނަށްއެންމެ ފައިދާބޮޑު ގޮތެވެ. މިހާރުވެސް ނޭދެވޭ އަސަރުކުރޭ ކަނޑޫފާތަކުގެ މުހިންމުކަން ވަރަށް ބޮޑެވެ. ނަމަވެސް، މިހާރު ދިމާވެފައިވާ މޫސުމީ ބަދަލުތަކާއި އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ކަނޑޫފާތަކަށް އޮތް ނުރައްކާ ބޮޑެވެ. މިސާލަކަށް، ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މުރަކަތައް ހުދުވެ މަރުވަމުންދެއެވެ. ޕްލާސްޓިކް ފަދަ ތަކެތި ކަނޑަށް އެޅުމުގެ ސަބަބުން ކަނޑޫފަލުގެ ދިރުންތަކަށް ގެއްލުން ލިބެމުންދެއެވެ. އެހެންކަމުން، ކަނޑޫފާތައް ރައްކާތެރިކޮށް ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަމަށްޓަކައި، ސަރުކާރުންނާއި އަމިއްލަ ޖަމްޢިއްޔާތަކުން ކުރަމުންދާ މަސައްކަތައް އިތުރުކުރުން ވަރަށް މުހިންމެވެ. މިހާރުވެސް ބައެއް ކަނޑޫފާތައް ވަނީ ހިމާޔަތް ކުރެވިފައެވެ. އެތަންތަނުގައި މަސްވެރިކަން ކުރުން ވެސް ވަނީ މަނާކުރެވިފައިވެއެވެ. ކަނޑޫފާތަކުގެ މުހިންމުކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައްވެސް ހިންގަމުންދިއުމަކީ އުފާކުރަންޖެހޭ ކަމެކެވެ. ކަނޑޫފާތަކަކީ މި ޤައުމުގެ ޤުދުރަތީ ވަސީލަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވަސީލަތެވެ. މި މި ވަސީލަތްތަކުން ތިމާވެއްޓަށާއި، އިޤްތިޞާދަށާއި، ދިވެހިންގެ ދިރިއުޅުމަށްކުރާ ފައިދާ އިންތިހާއަށް ބޮޑެވެ. އެހެންކަމުން، މި އަގުހުރި ވަސީލަތް ރައްކާތެރިކޮށް ދެމެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެވެސް ޒިންމާއަކަށް ހަދަމާ ހިނގާށެވެ.    

ގުޅުންހުރި ޚަބަރު