ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ވިލުފުށީގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި
ފީޗާޑް އާޓިކަލް

ވިލުފުށީގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ހިރި ނިއުސްހިރި ނިއުސް24 ސެޕްޓެމްބަރު 2025
ތ. އަތޮޅު ވިލުފުށީގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. އެރަށުގައި މި ޚިދުމަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ 16ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ. އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި މި ޚިދުމަތް ފަށަމުން އަންނައިރު މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓްގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ. ވިލުފުށީގައި މި ފެށުނު ޕާސްޕޯޓުގެ ޚިދުމަތާއެކު މިހާރު 16 އަތޮޅަށް މި ޚިދުމަތް ވަނީ ފުޅާކުރެވިފައެވެ. މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ. ނަމަވެސް މިއަމާޒަށް ވުރެ އަވަހަށް މިއަންނަ އޮކްޓޯބަރ ނިޔަލަށް މި ޚިދުމަތް ރާޢްޖޭގެ ހުރިހާ އަތޮޅެއްގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕާސްޕޯޓާއި އައިޑީކާޑް ހެއްދުމުގެ ޚިދުމަތް ދެމުން އަންނައިރު މެލޭޝިއާގައި ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ. މިއީ ބޭރު ޤައުމެއްގައި މި ޚިދުމަތް ފެށި ފުރަތަމަ ޤައުމެވެ.  

ގުޅުންހުރި ޚަބަރު