ދިވެހި|English Jul 10, 2026 · 01:31
Top banner
Advertisement
ކެނެޑާގެ ސްކޫލެއްގައި ބަޑިޖަހައި 8 މީހުން މަރާލައިފި
World

ކެނެޑާގެ ސްކޫލެއްގައި ބަޑިޖަހައި 8 މީހުން މަރާލައިފި

އއިބްރާހީމްް ސަމީރުFeb 11, 2026
ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާގެ ސިޓީއެއް ކަމަށްވާ ޓަމްބްލަރ ރިޖްގެ ސެކަންޑަރީ ސްކޫލެއްގައި ބަޑިޖަހައި ހިންގި ނުރައްކާތެރި ހާދިސާއެއްގައި، ހަމަލާދިން މީހާއާއެކު ޖުމްލަ 8 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން މިއަދު ހެނދުނު ހާމަކޮށްފިއެވެ. މީގެ އިތުރުން މި ހާދިސާއާ ގުޅުން ހުރި ކަމަށް ބެލެވޭ ގެއެއްގެ ތެރެއިންވެސް އިތުރު ދެ މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސް (އާރް.ސީ.އެމް.ޕީ) އިން މައުލޫމާތު ދޭ ގޮތުގައި، ޓަމްބްލަރ ރިޖް ސެކަންޑަރީ ސްކޫލުގައި ހިނގި މި ހާދިސާގައި 25 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ. މީގެ ތެރެއިން ދެ މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާގެ ރިޕޯޓް ލިބުމާއެކު ފުލުހުން ސްކޫލަށް ވަދެ ބަލައި ފާސްކުރިއިރު، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފައި ތިއްބާ ފެނިފައިވާ ކަމަށެވެ. އަދި ހަމަލާދިން ކަމަށް ބެލެވޭ މީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ އަމިއްލައަށް ދިން ހަމަލާއަކުން ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މި ހާދިސާގައި ސްކޫލް ތެރެއިން ހަމަލާދިން މީހާއާ ނުލައި 6 މީހަކު މަރުވެފައި އޮއްވާ ފެނިފައިވެއެވެ، ސީރިއަސް އަނިޔާތަކެއް ލިބުނު ދެ މީހަކު ވައިގެ މަގުން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އަދި ހޮސްޕިޓަލަށް ގެންދިޔުމުގެ މަގުމަތީގައި ތިންވަނަ މީހަކު ވަނީ މަރުވެފައެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. ޓަމްބްލަރ ރިޖް އަކީ ގާތްގަނޑަކަށް 2400 މީހުންގެ އާބާދީއެއް އޮންނަ، ވެންކޫވަރާ 1000 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ ރަށެކެވެ. ކެނެޑާއަކީ އާންމުކޮށް ސްކޫލްތަކުގައި ބަޑިޖެހުމުގެ ހާދިސާތައް މަދުން ހިނގާ ގައުމެއްކަން ފާހަގަކުރެވެއެވެ.

Related News