ޕީއެންސީގެ އެތެރޭ އިންތިޚާބުގެ ވޯޓުލުމަށްފަހު ގުނުމުގެ މަސައްކަތް ކުރަމުންދަނިކޮށް ވޯޓުލާ މަރުކަޒަށް ވަދެ މާރާމާރީ ހިންގި މައްސަލާގައި މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ވޯޓުލާ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި ހުޅުމާލޭ ފޭސްދޭއްގެ ކާމިލްދީދީ ޕްރީސްކޫލުގައި ވޯޓު ގުނަމުންދަނިކޮށް ބަޔަކު ވަދެ ވަނީ އެތާތިބި މީހުންނަށް ހަމަލާދީ މާރާމާރީ ހިންގާފައެވެ.
މިމާރާމާރީ ހުއްޓުވަން ފުލުހުން ވެސް ވަނީ އޭރޭ މަސައްކަތް ކޮށްފައެވެ. މިކަން ހިނގަންދިމާވި ސަބަބު ސާފުކޮށް އަދި އެނގިފައެއް ނުވެއެވެ.
މި މާރާމާރީއާ ގުޅިގެން ޖުލައި ބާރަވަނަދުވަހުގެ ރޭ ވާނީ ދެމީހަކު ހައްޔަރު ކޮށްފައެވެ. އެއީ އުމުރުން 23 އަހަރުގެ މީހަކާއި، 24 އަހަރުގެ މީހެކެވެ. ދެ މީހުންނަކީވެސް ދިވެހީން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ތިންވަނަ މީހާވެސް ހައްޔަރު ކޮށްފައިވަނީ ޖުލައި 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެއީ ވެސް ދިއްވެހި ފިރިހެނެކެވެ. އޭނާގެ އުމުރަކީ 24 އަހަރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ތިން މީހުންވެސް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.





