މުޅި ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރައްވާނީ ލޯކަލް ކައުންސިލްތަކާއި މުޖުތަމައާ ގުޅިގެން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުންތަޒިމް އިބްރާހީމާއި ކާށިދޫ ކައުންސިލްގެ ރައީސް ޞަބާޙް މުޙައްމަދާއި ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ. ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި، ކާށިދޫގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ރަށުގެ އިޖުތިމާއީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި ކާށިދޫ ކައުންސިލާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުންވެސް ވަނީ ރަށުގެ ކަންބޮޑުވުންތައް ދެނެގަނެ، ކުރިމަތިވާ މައްސަލަތަކަށް އަވަސް އަދި އެދެވޭ ހައްލެއް ހޯދުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައި ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވެއެވެ.
އަދި ރަށުގައި ފުލުހުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ދެ ފަރާތުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށްވެސް މަޝްވަރާކުރިއެވެ.
ކާށިދޫ ކައުންސިލްގެ ރައީސާއި މެންބަރުން ވަނީ މިހާރުވެސް ކާށިދޫގައި މަސައްކަތްކުރަމުންދާ ފުލުހުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ފުލުހުންގެ ފަރާތުން ރަށުގެ މުޖުތަމައަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި އެހީތެރިކަމަށްޓަކައި ހިތްހަމަޖެހުން ފާޅުކުރައްވާފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.





