ހޮރްމޫޒް ކަނޑުއޮޅި ހުރަސް ކުރަން އުޅުމުގެ ތެރޭގައި ދެ އުޅަނދެއް އެކްސިޑެންޓުވެފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ) ގެ ނޭވީ އިން ބުނެފިއެވެ.
އައިއާރްޖީސީ ނޭވީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާގެ ޓެރަރިސްޓުންގެ އެހީގައި އެ ކަނޑުއޮޅި ހުރަސްކުރަން އުޅުނީ ކަހަތަރު އުޅަނދު ކަމަށެވެ. އެކަންކުރަން އުޅުނީ ނެވިގޭޝަން ސިސްޓަމް ނިއްވާލައިގެން ކަމަށް ވެސް އައިއާރުޖީސީން ބުނެފައިވެއެވެ. އެއީ ޓްރެފިކަށް ބުރޫއަރާ ކަމެއް ކަމަށްވެސް އައިއާރުޖީސީން ވަނީ ބުނެފައެވެ.
މި ހަތަރު ބޯޓުގެ ތެރެއިން އެކްސިޑެންޓުވި ދެ ބޯޓު ވަނީ އިތުރަށް ދަކުރިއަށް ނުދެވި މަޑުކޮށްފައެވެ. އަނެއް ދެ ބޯޓު ވަނީ އައިއާރްޖީސީ ނޭވީން ދިން އިންޒާރަށް ތަބާވެ އެ މަގު ދޫކޮށް ގޮސްފައި ކަމަށް ވެސް އައިއާރުޖީސީން ވަނީ ބުނެފައެވެ.
އައިއާރްޖީސީގެ ނޭވީން ބުނެފައިވަނީ އެމީހުންގެ ފުރިހަމަ ކޮންޓްރޯލް އަދިވެސް ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް އެބައޮތް ކަމަށެވެ. "އަހަރެމެންގެ ހުއްދަ ނެތި ތެލާއި ގޭހާއި ގަސްކާނާފަދަ އެއްވެސް އެއްޗެއް ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ނުގެންދެވޭނެ،" މީގެކުރިން ވެސް އައިއާރުޖީސީން ބުނެފައިވެއެވެ.
އައިއާރްޖީސީން ވަނީ އެމެރިކާގެ ނުފޫޒަށް ތަބާވެ ރައްކާތެރި ނޫން މަގަށް ވަންނަ އުޅަނދުފަހަރަށް އެކްސިޑެންޓުތަކާ ކުރިމަތިވެދާނޭ ކަމުގެ އިންޒާރު ދީފައެވެ.
މި ހާދިސާ ހިނގާފައި މިވަނީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު އީރާނާއި ވޮޝިންޓަންއާ ދެމެދު ސޮއިކުރި އެއްބަސްވުމާ އެމެރިކާ އިން ތަކުރާރުކޮށް ހިލާފުވެފައިވާ ދަނޑިވަޅެއްގައެވެ. މި އެކްސިޑެންޓުގައި ބޯޓުފަހަރަށް ލިބުނު ގެއްލުމުގެ ވާހަކައެއް އީރާނުން ބުނެފައެއް ނުވެއެވެ.
އީރާނުން ވަނީ އެމްއޯޔޫއާ ހިލާފުވާ ގޮތަށް ހޮރްމޫޒް ކަނޑުއޮޅިން ހުއްދަ ނެތި އުޅަނދުފަހަރު ދަތުރުކުރުން ހުއްޓުވާފަ އެވެ.





