އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "އެމެރިކާ ފަސްޓް" ސިޔާސަތުގެ ސަބަބުން މުޅިދުނިޔޭގެ ހަމަޖެހުމަށް ނުރައްކާވެދާނޭ ކަމަށް ބޮލީވިއާގެ ކުރީގެ ޚާރިޖީ ވަޒީރު ފެނާންޑޯ ހުއާނާކޫނީ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވެފައިވަނީ އީރާނާއި، ވެނެޒުއޭލާއި، ކިއުބާއި ބޮލީވިއާއާ މެދު ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން މަލްޓިލޭޓަރަލް އިންސްޓިޓިއުޝަންތައް ބަލިކަށިވެދާނޭ ކަމަށެވެ. އޭގެ ސަބަބުން އިގްތިސާދީ ޕްރެޝަރު ބޮޑުވެ، ގައުމުތަކުގެ ގައުމީ ސިޔާދަތު ބަލިކަށިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޓްރަމްޕްގެ ސިޔާސަތުތަކަކީ އެހެން ގައުމުތަކުގެ މައްޗަށް އެމެރިކާގެ އިސްތިއުމާރީ ބާރު ހިންގަން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ސިޔާސަތެއް. އެހެން ނަމަވެސް، އެމެރިކާގެ ކުރީގެ ސަރުކާރުތަކާ ޓްރަޕާ ތަފާތުވާ އެންމެ ބޮޑު އެއް ސަބަބަކީ، އޭނާ ފާޅުގައި އަދި ސީދާ ގޮތުން މި ހަރުކަށި ވިސްނުން ގެންގުޅުއްވާތީ،" ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރަމްޕްގެ "އެމެރިކާ ފަސްޓް" އެޕްރޯޗްގެ ސަބަބުން ބައިނަލްއަގުވާމީ ހަމަނުޖެހުންތައް އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕެރިސް އެގްރީމެންޓާއި އީރާން ނިއުކްލިއަރ އެއްބަސްވުން ފަދަ ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި މުއާހަދާތަކުން އެމެރިކާ ވަކިވާނޭ ކަމުގެ އިންޒާރު ދިނުމާއި ނޭޓޯއާ މެދު ސުވާލު އުފެއްދުމުގެ ސަބަބުން ބައިނަލްއަގުވާމީ ގުޅުންތައްވަނީ ބަލިކަށިވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ޝައްކެއްވެސްނެތްގޮތުގައި، ޓްރަމްޕަކީ ދުނިޔެއާއި މުޅި އިންސާނިއްޔަތަށްވެސް އޮތް ނުރައްކަލެއް،" އޭނާ ވިދާޅުވި އެވެ.
ބޮލީވިއާގެ ކުރީގެ ފޮރިން މިނިސްޓަރު ވަނީ އީރާނާ މެދު އެމެރިކާ އިން ގެންގުޅޭ ސިޔާސަތުތަކަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައިވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ އިގުތިސާދު ފުނޑުފުނޑުވެފައިވާ ކަމަށެވެ.
ހުއާނަކޫނީ ވިދާޅުވީ، އެމެރިކާ އިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަކީ އެމެރިކާގެ ސިޔާސީ ނަފްރަތާއި ސްޓްރެޓީޖިކް ވަސީލަތްތައް ކޮންޓްރޯލް ކުރަން ބޭނުންވާ މިންވަރު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ލެޓިން އެމެރިކާއާ ބެހޭ ގޮތުން ހުއާނަކޫނީ ވިދާޅުވީ ވެނެޒުއޭލާއާއި ކިއުބާއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުތަކުގެ ތަރައްގީއަށް ބޮޑެތި ހުރަސްތަކެއް ދިމާވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ބޮލީވިއާގެ ސިޔާސަތުތައް ކޮންޓްރޯލް ކުރަން އެމެރިކާ އިން މަސައްކަތް ކުރަމުން އައީ އެ ގައުމަކީ ގުދުރަތީ ވަސީލަތްތަކެއް ހުރި ގައުމަކަށްވުމުން އެވަސީލަތްތަކުގެ މުހުތާދުގައި ކަމަށެވެ. ނަމަވެސް 2006 ވަނަ އަހަރު ބޮލީވިއާގެ ގައުމީ ސިޔާދަތު އަލުން ކަނޑައަޅައި، އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ޝަރުތުތަކާ އެކު ބޭރުގެ އެހީއަށް ބަރޯސާވުން މިހާރުވަނީ ކުޑަކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބޮލީވިއާއަކީ އެމެރިކާގެ ނުފޫޒުން އެއްކިބާވެފައިވާ ގައުމަކަށް ހަދައި ރައްޔިތުން އެއްބައިވަންތަ ވަރުގަދަ ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ގައުމުގެ ސިޔާދަތާއި ގައުމީ ކަރާމާތް ދެމެހެއްޓުމަށް އެ ގައުމުގެ ތާރީޚީ އަދި ސަގާފީ ހޭލުންތެރިކަން ވަރުގަދަ ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.





