ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގައި އަލަށް ތަރައްޤީކޮށްފައިވާ "އޮތެންޓިކް މޯލްޑިވްސް" ފިހާރައަކީ ދިވެހީންގެ އުފެއްދުންތަކުގެ ފެންވަރު ދައްކުވައިދޭނޭ ތަނެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. އެތަނަށް ޒިޔާރަތް ކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މި އައުޓްލެޓަކީ ޒަމާނާ އެއްގޮތަށް މުސްތަގުބަލަށް ވިސްނައިގެން ތަރައްގީކޮށްފައިވާ ތަނެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ ދިވެހި އުފެއްދުންތަކަށް ޚާއްޞަކޮށްފައިވާ މި ސަރަޙައްދު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، 60 އަކަ މީޓަރުން 150 އަކަ މީޓަރަށް ބޮޑުކުރެވިފައި ކަމަށެވެ. މީގެ ސަބަބުން ދިވެހި އުފެއްދުންތައް އިޝްތިހާރުކުރުމަށް އިތުރު ފުރުޞަތުތައް ފަހިވެ، އުފެއްދުންތެރި ސިނާޢަތްތައް ކުރިއަށް ދިއުމަށް ބޮޑުބާރަކަށް ވާނޭ ކަމަށް ވިދާޅުވެފައިވެއެވެ.





