އެލްޖީއޭގެ ބޯޑު ބައްދަލުވުންތައް، އާންމުކޮށް ލައިވްކުރުމަށް އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީން އެލްޖީއޭގައި އެދިއްޖެއެވެ. އެ ކޮމިޓީން މިކަމަށް އެދުނީ އެލްޖީއޭއާއެކު އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.
ބައްދަލުވުމަށްފަހު އެކޮމިޓީން ވަނީ ބައްދަލުވުމުގައި އެކޮމިޓީން ހުށަހެޅި ކަންކަން އާންމުކޮށްފައެވެ. އެގޮތުން ފ. އަތޮޅު ކައުންސިލްގެ ބިމެއް، ނިލަންދޫއަށް އެކަނި ދިނުމަށް ނިންމި ނިންމުމާ ގުޅިގެން އެ ކޮމިޓީގެ ކަންބޮޑުވުން ހުރި ކަމަށް ވަނީ ހުށަހަޅައިފައެވެ. އެހެންނަމަވެސް މިހުށަހެޅުމަށް އެލްޖީއޭއިން ދެއްވި ޖަވާބެއް ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން މިސަރުކާރުން އަތޮޅު ކައުންސިލް އުވާލާފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށް އެވާހަކަ ހުށަހަޅައިފައެވެ. މީގެ އިތުރުން ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ގެއްލިފައިވާ ކަމަށް އެލްޖީއޭ ނިންމާފައިވާތީ އެކަން އެހެން ނިންމަންޖެހުނު ގާނޫނީ ސަބަބުތަކާ މެދުވެސް އެކޮމިޓީން ވަނީ ކަންބޮޑުވުން ފާހަގަކޮށްފައެވެ.
މީގެ އިތުރުން މީހުން ދިރިއުޅެމުން ދަނިކޮށް، ހދ. ހިރިމަރަދޫ ފަޅުކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށްފައެވެ.
އެމްޑީޕީ ލާމަރުކަޒީ ކޮމިޓީއާ އެކު ބޭއްވި ބައްދަލުވުމުގައި އެލްޖީއޭ ބޯޑުގެ މެންބަރުން ބައިވެރިވި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.





