މި ސަރުކާރުން އައްޑޫގެ އިހުތިސާސުން ސަވާހެލި ވަކިކުރީ އެ ސިޓީގައި ޓޫރިޒަމް ތަރައްގީވުމަށް ފުރުސަތު ނުދިނުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ "މިއީ އައްޑޫ އަދި ހާއްސަކޮށް ފޭދޫގައި ތަރައްގީކުރަމުންދާ ގެސްޓްހައުސްތަކުގެ ވިޔަފާރި މަރާލުމަށް ކުރި ކަމެއް،" ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލުން އެރަށް ވަނީ ބީލަމަށް ލައިފައި ކަމަށާއި އެކަން އެގޮތަށް ކޮށްފައިވަނީ އެ ރަށުގައި ފަތުރުވެރިންނަށް ބޭނުންކުރެވޭނެ ފެސިލިޓީތައް ގާއިމުކުރުމަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ސަވާހިލި އެގޮތަށް ތަރައްގީ ކުރުމުން ފޭދޫ ޓޫރިޒަމް ޒޯނަށް ވެސް ބޮޑު ދިރުމެއް ލިބިގެންދާނޭ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. "އެހެން ނަމަވެސް، ހަންކެޑެ މަޝްރޫއުއެކޭ އެއްގޮތަށް ސަވާހެލި މަޝްރޫއު ވެސް ހުއްޓުވާފައި އޮތީ ސިޔާސީ ބޭނުމުގައި،" ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ މި ސަރުކާރުން އަންނަނީ އައްޑޫ ރައްޔިތުންނަށް ލޯކަލް ޓޫރިޒަމްގެ ނަފާ ނުލިބޭނެކަން ޔަގީން ކުރަމުން ކަމަށެވެ. ވެރިކަމަށް "ތިން އަހަރުވާންދާއިރު ފައިސާ ހަމަޖެހި ޕްލޭންތައް ހެދިފައި އޮތް މަޝްރޫއުއެއް ކުރިއަށްނުގެންދަނީ ސަރުކާރަށް އައްޑޫގައި ތާއިދު ނެތުމުން،" ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. މި މަޝްރޫއަކީ އެތައް ވަޒީފާއެއް އުފެދި އައްޑޫ ރައްޔިތުންނަށް ޑޮލަރުން އާމްދަނީ ލިބޭނޭ މަޝްރޫއެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް "މިފަދަ މަޝްރޫއުތައް ހުއްޓުވުމަކީ ޖީލުތަކަކަށް ދެވޭ ގެއްލުމެއް،" ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.





