މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އަލަށް ތަރައްޤީކުރި ސަރަޙައްދު އާންމުންނަށް ހުޅުވާލައިފި ކަމަށް ބިނާރާއި ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ،
މަގުގެ އެ ސަރަހައްދު ތަރައްގީކޮށްފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެކުންފުންޏާ އެމަސައްކަތް ހަވާލުކުރެއްވީ 2025 ވަނައަހަރު އޭޕްރީލްމަހު 9 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިންމައި އާއްމުންނަށް ހުޅުވާލީ އިއްޔެ ހަވީރު 4 ޖެހިއިރު ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
މި މަޝްރޫޢު ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ބޮޑުތަކުރުފާނު މަގު 4 ލޭނަށް ފުޅާކޮށް، ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވެއެވެ. އަދި މަގުގެ ދެފަރާތުގައި ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމެއްޤާއިމުކުރެވިފައިވާއިރު، ބޭންކް އޮފް ސިލޯން ކުރިމަތިން ޚާއްޞަ ޕާކިންގ އޭރިއާއެއް ތަރައްޤީކޮށްފައިވެއެވެ.
އަލަށް ތަރައްގީކުރި ސަރަޙައްދަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށްޓަކައި މިމަހު 23 ވަނަ ދުވަހު އެ ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.





