ރާއްޖެއަށް ލިބިފައިވާ މިނިވަންކަމުގެ އުފަލަކީ، ޤައުމަށްޓަކައި ޤުރްބާންވި އެންމެހާ އަބްޠާލުންގެ މަތިވެރި ޚިދުމަތްތަކުގެ ނަތީޖާ ކަމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ އެންމެހާ ރައްޔިތުންނަށް ފޮނުވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވެފައިވަނީ މިނިވަންކަމަކީ އަމާނާތެއް ކަމަށެވެ. "މި އަމާންކަމާއި މިނިވަންކަން މާދަމާގެ ޖީލުތަކަށް ސަލާމަތްތެރިކަމާއެކު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ އަމާނާތެއް އަދި އަޅުގަނޑުމެން ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް،" ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެމަނިކުފާނުގެ ދުޢާއަކީ މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ ތާއަބަދަށް ދާއިމްވެ އޮތުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. "ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ ހެޔޮ އެދުމާއި ތަޙުނިޔާ، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރަން. އަޅުގަނޑުގެ ދުޢާ އަކީ، މާތް الله މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ ތާއަބަދަށް ލެހެއްޓެވުން. އާމީން!"





