ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނައިގެ އިތުރުން ހަނދާނީލިޔުން މިއަދު ހަވާލުކޮށްދެއްވައިފިއެވެ. މިއީ ދައުލަތަށް އެބޭފުޅުން ކޮށްދެއްވައިފައިވާ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ކޮންމެ އަހަރަކު ދެއްވާ ޚާއްސަ ޝަރަފެކެވެ.
މި ބޭފުޅުންނަށް ޝާރަފުގެ ބެޖާއި އައްޑަނައާއި ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.
މިއަދު ޝަރަފުގެ ބެޖާއި އައްޑަނަ އާއި ހަނދާނީލިޔުން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް އިނާމު އެރުވިފައިނުވާ ބޭފުޅުންނެވެ. އެބޭފުޅުންނަށް މި އިނާމު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެ ބޭފުޅުންގެ ރެކޯޑުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދެވުމަށްފަހު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުވުނެވެ. އިނާމް ދެއްވާފައިވަނީ އެ މައުލޫމާތު، ކޮމިޓީން ދިރާސާ ކުރައްވައި، އެ ބޭފުޅުންނާ ކޮމިޓީން ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ތެރެއިން އިނާމަށް ޝަރުޠު ފުރިހަމަވި ބޭފުޅުންނަށެވެ.
Gallery















