ދިވެހި|English Jul 26, 2026 · 20:27
Top banner
Advertisement
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، މުޙައްމަދު މޫސާއަށް އަރުވައިފިނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، މުޙައްމަދު މޫސާއަށް ރައީސް އަރުވަނީ/ފޮޓޯ ރައީސް އޮފީސް
News

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، މުޙައްމަދު މޫސާއަށް އަރުވައިފި

ހިރި ނިއުސްހިރި ނިއުސްJul 26, 2026

ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާއަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، މިއަދު އަރުވައިފިއެވެ. މި ޢިއްޒަތް އެ މަނިކުފާނަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މުޙައްމަދު މޫސާއަކީ، ރާއްޖޭގެ މަޝްހުރު މަހުޖަނުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މުޙައްމަދު މޫސާ ތަޢުލީމް ޙާސިލް ކުރެއްވީ މަޖީދިއްޔާއިންނައި އިންޑިއާއިންނެވެ. އެއަށްފަހު އިންޑިއާއިން އެކި މަސައްކަތްތައް ދަސްކުރައްވައިގެން އެނބުރި ރާއްޖެއަށް ވަޑައިގެން، އިޤުތިޞާދީ އެކިއެކި މަސައްކަތްތަކުގައި ޢަމަލީގޮތުން ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. އޭގެތެރެއިން ދަނޑުވެރިކަމަކީ، މުޙައްމަދު މޫސާ ވަރަށް ކުރައްވާހިތްޕުޅުން ކުރައްވަން ފެށްޓެވި މަސައްކަތެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. އަމިއްލަފުޅަށް އެ މަސައްކަތް ފަށްޓަވައި، ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދަވައި، އެތައް ބަޔަކަށް އެ މަސައްކަތް ދަސްކޮށްދެއްވިއެވެ. ރާއްޖޭގައި ދަނޑުވެރިކަމުގެ މަސައްކަތް އެކި ފެންވަރުގައި ކުރަމުން ގެންދިޔަ ފަރާތްތަކަށް، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވިއެވެ.

މުޙައްމަދު މޫސާއަކީ، ސަރުކާރުގެ އެގްރިކަލްޗަރ އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. ދަނޑުވެރިކަމުގައި ގަސްގަހާގެއްސާ ގުޅޭ މަސައްކަތް ކުރައްވައިގެން، 1996 ވަނަ އަހަރު އެ މަނިކުފާނަށް ވަނީ "ތިމާވެށީގެ ފެހިފަތް" ސަރުކާރުން އަރުވައިފައެވެ.

މުޙައްމަދު މޫސާ މިހާރުވެސް ގެންދަވަނީ، ކާބޯތަކެތި އަދި ތަފާތު ބާވަތްތަކުގެ ބެވަރެޖްތައް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށާއި، އާންމު ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި "ޗަމްޕާ ހޯލްސޭލް" ވިޔަފާރި ޤާއިމުކުރައްވައި ޚިދުމަތް ދެއްވަމުންނެވެ. އަދި މާލެއަތޮޅު ތުނބަށްފުށީގައި ހައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި، އުފައްދާ ގަސްކާނާ މާލޭގެ ބާޒާރަށް ވިއްކަވަމުން ގެންދަވައެވެ. މުޙައްމަދު މޫސާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށްޓަކައި މިހާރުވެސް ގަދައަޅައި މަސައްކަތް ކުރައްވަމުން ގެންދަވާ ތަޖުރިބާކާރެކެވެ. ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްޤީވެގެން އައުމުގައި މުޙައްމަދު މޫސާގެ ޙިއްޞާ ވަރަށްބޮޑު ކަމަށް ރައީސް އޮފީހުން ވެސް ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން، ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އަމިއްލަ ބްރޯޑްކާސްޓިންގ ސްޓޭޝަން ކަމަށްވާ "ދި އެފް.އެމް." އާއި، "ދި އެފް.އެމް. ޕްލަސް" ގެ އިތުރުން، "ދި ޓީ.ވީ."ގެ ބާނީއަކީވެސް މުޙައްމަދު މޫސާއެވެ. މުޙައްމަދު މޫސާގެ ޢާއިލީ ފައުންޑޭޝަނެއް ކަމުގައިވާ "ޢަލިފުޅު ތުއްތު ފައުންޑޭޝަން" އިން ވަނީ ކޮންމެ އަހަރަކު ސްކޮލަރޝިޕްގެ ފުރުޞަތު ދެއްވުމުގެ އިތުރުން، މުޖުތަމަޢަށް ފައިދާކުރަނިވި ތަފާތު މަޝްރޫޢުތައް ހިންގަވައިފައެވެ. މިގޮތުން، މުޙައްމަދު މޫސާގެ ވިޔަފާރީގެ ދަށުން ހިންގެވި އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކުގެ ތެރޭގައި، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެއްވުމާއި، ޅ. މަޑިވަރު ޑޮމެސްޓިކް އެއަރޕޯޓް ޤާއިމުކުރެއްވުން ހިމެނެއެވެ.

ރާއްޖޭގެ އިޤުތިޞާދީ އަދި މާލީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި "މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ" އާއި، "ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް" ޤާއިމު ކުރެއްވުމުގައިވެސް މުޙައްމަދު މޫސާގެ ދައުރު ވަރަށް ބޮޑެވެ. މުޙައްމަދު މޫސާގެ ވިޔަފާރީގެ ބައިވެރިންނާ ގުޅިވަޑައިގެން، އުފެއްދެވި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ކަމުގައިވާ "ޓްރީ ޓޮޕް ހޮސްޕިޓަލް" ރާއްޖޭގައި ޤާއިމުކުރުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ކުރިއަރައިގެން ދިޔައެވެ.

މުޙައްމަދު މޫސާއަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އެރުވީ، 26 ޖުލައި 2013 ގައެވެ.

 

Related News