ދިވެހި|English Jul 27, 2026 · 02:59
Top banner
Advertisement
ހެވިކަމާއި ކުޅިވަރުގެ ހަރަކާތް ޕްރިންސް މަންސޫރު ޝަރަފުވެރި ކޮށްދެއްވައިފި
News

ހެވިކަމާއި ކުޅިވަރުގެ ހަރަކާތް ޕްރިންސް މަންސޫރު ޝަރަފުވެރި ކޮށްދެއްވައިފި

ހިރި ނިއުސްހިރި ނިއުސްJul 26, 2026

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި މިރޭ، ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް، ބާއްވައިފިއެވެ.

މި ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވީ ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ޕްރިންސް މުޙައްމަދު ބިން ސަލްމާނުގެ ފަރާތްޕުޅުން، މި ރަސްމިއްޔާތަށް ފޮނުއްވި، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު އެވެ.

 އެމަނިކުފާނު ޝަރަފުވެރި ކޮށްދެއްވި މިހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ވަނީ ބައްލަވާލައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން، އެ ދެކަނބަލުންނާ އިސްތިޤްބާލުކުރެއްވީ، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސަސް ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.

އަދި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ޢިއްޒުއްދީން ފާލަމަށް ފައިބާވަޑައިގަތުމުން، އެމަނިކުފާނަށް އިސްތިޤުބާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.

މިރޭގެ ހަރަކާތްތައް ރަސްމީ ގޮތުން ފެށްޓުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ. އަދި އެއާއެކު ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފައެވެ. އެއަށްފަހު، ސިފައިންގެ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުމުގައްޔާއި، 15 ސްކޫލެއްގެ ދަރިވަރުންގެ މައްޗަށް އެކުލަވާލެވިފައިވާ ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ޝަރަފުގެ ހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ.

މިރޭގެ ސްކޫލް ދަރިވަރުންގެ ހަރަކާތުގައި، ޝަހީދު ޢަލީ ސްކޫލް، ރެހެންދި ސްކޫލް އަދި އިސްކަންދަރު ސްކޫލްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި އެއަށްފަހު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ހަރަކާތަކާއި، ހޭވައްލާ ގުރޫޕުގެ ޘަޤާފީ ހަރަކާތެއް ވަނީ ހުށައަޅައިދީފައެވެ.

މައިދާނީ ކުޅިވަރުތައް ނިންމާލާފައިވަނީ، ހަވާ އެރުވުމުގެ ކުލަގަދަ ހަރަކާތުންނެވެ.

މިރޭގެ އިޙުތިފާލުތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަހީމް ޢަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އާއި ދިވެހި ސަރުކާރުގެ ޚާއްޞަ މެހުމާނު، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ޑޮކްޓަރ ޚަލީލުއްރަޙްމާނާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ އިސްވެރިންނާއި، ބޭރު ޤައުމުތަކުގެ ސަފީރުންނާއި ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަތެވެ.

Related News