ދިވެހި|English Jul 28, 2026 · 02:23
Top banner
Advertisement
އީރާނާއެކު އެމެރިކާވެސް ފުނޑޭނެ!
World

އީރާނާއެކު އެމެރިކާވެސް ފުނޑޭނެ!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫJul 28, 2026

އެމެރިކާ ކުރިއަށް އެދަނީ، އެ ދަންތުރައެއްގައި ޖެހި ސޯވިއެޓް އިއްތިޙާދު މަރުވި ދަންތުރައާ ދިމާއަށެވެ. އަދި އެއްވެސް މީހަކު އެކަމެއް ނުހުއްޓުވައެވެ. ޚަލީޖުގެ ޤައުމުތަކުން އެދަނީ އެމީހުންގެ އަމިއްލަ ޖަނާޒާއަށް ފައިސާ ދައްކަމުންނެވެ. އަދި ވޮޝިންޓަނުން އެދަނީ އެމީހުންގެ ކަށްވަޅުތަކަށް ފަސްއަޅާނޭ ފަކީރާއާއި، އުދަލި ފޯރުކޮށް ދެމުންނެވެ. އަހުރެމެން މިދެކެނީ ފަހުގެ ތާރީޚެއްގައި ބަޔަކަށް ފެންނާނޭ އެންމެ ބޮޑު ޖިއޯޕޮލިޓިކަލް ދަންތުރައިގައި، އެތައް ޤައުމެއް ވަގުތުން ވަގުތަށް ޖެހެމުންދާތަނެވެ. ގާތްގަނޑަކަށް އެއްވެސް މީހަކު އެ ހުސްތަންތަން ފުރާފައި ނުވެއެވެ. އެމެރިކާއިން ދުނިޔެއަށް ވިއްކަމުންދަނީ ކާމިޔާބީގެ ވާހަކައެވެ. އަހުރެން ދައްކަން މިއުޅެނީ ޙަޟާރަތްތަކެއްގެ ވެއްޓުމުގެ ވާހަކައެވެ. އެއީ ހަމައެކަނި އީރާނުގެ ނިމުމެއް ނޫނެވެ. އެއީ މެދުއިރުމަތީގެ ނިމުމެވެ. އެއީ އެމެރިކާ ނިމި، އެއަށްފަހު މަޑުމަޑުން ދުނިޔޭގެވެސް ނިމުމެވެ. ހަމަ ސޯވިއެޓް އިއްތިޙާދެކޭ އެއްފަދައިންނެވެ. މިފަހަރު ފިޔަވައި އެހެން އެއްވެސް ފަހަރަކު މިކަންތައް އަންނަތަނެއް އެއްވެސް މީހަކަށް ނުފެނެއެވެ.

ޔަހޫދީ ޢަރަބިއްޔާ، ކެހިވެރި ޢަރަބި ޢިމާރާތް، ޤަޠަރު، ބަހުރެއިން، މި ޤައުމުތަކަކީ ހަމައެކަނި ހަނގުރާމަ ހިނގާ ގޮތް ބަލަން ތިބި ޤައުމުތަކެއް ނޫނެވެ. އެކަމަށް މަގުފަހިކޮށް ދެނީ އެމީހުންނެވެ. ވައިގެ ސަރަޙައްދު ހުޅުވާލުމާއި، ޖާސޫސީ މަޢުލޫމާތު ޙިއްޞާކުރުމާއި އަދި އެމެރިކާގެ ޢަސްކަރީ ސިފައިން ތިބީ މި ދެންނެވި ޤައުމުތަކުގެ ފަސްގަނޑުގައެވެ. އެމީހުން ވަނީ މި ހަނގުރާމައަށް ފެހި ސިގްނަލް ދީފައެވެ. އެކަމަކު، ސުވާލަކީ، ސީދާ އެމީހުން ގާތުން މިހާތަނަށް އެއްވެސް މީހަކު ނުކުރާ ސުވާލެކެވެ. އެމެރިކާ މީހުން ޤަބޫލުކުރާ ގޮތުގައި، އެމީހުން މިއަދު އެތިބީ ކޮން ބައެއްގެ ބިމެއްގައި ކަން އެނގޭ ހެއްޔެވެ؟ 1982 ވަނަ އަހަރު އިޒުރޭލުގެ ސަރުކާރާ ގުޅިފައިވާ އިސްތިރާތިޖީ ޚަބީރެއް ކަމަށްވާ އޮޑެޑް ޔިނޯން، ދުނިޔޭގެ ޞަހުޔޫނީ ޖަމިއްޔާ މެދުވެރިކޮށް ލިޔެކިޔުންތަކަށް ތިރިކޮށްފައިވާ ތަދުބީރެއް ޝާއިޢުކުރިއެވެ. އެ ތަދުބީރުގެ މައިގަނޑު މަޤުޞަދަކީ ކޮބައިތޯއެވެ؟ އިޒުރޭލުން ޖިއޯޕޮލިޓިކަލް ވެށި އަލުން ރާވަން ޖެހޭނީ ވަށައިގެންވާ ޢަރަބި އިސްލާމީ ދައުލަތްތައް ކުދި އަދި ބަލިކަށި ދައުލަތްތަކަކަށް ހަދައިލައިގެންނެވެ.

ޞަހުޔޫނިއްޔަތުގެ ބާނީ ތިއޮޑޯ ހަރޒެލް، އޭނާގެ އަމިއްލަ ޑައިރީތަކުގައި ލިޔެފައިވަނީ ޞަހުޔޫނީ ދައުލަތުގެ ސަރަޙައްދަކީ މިޞްރުގެ ނީލަކޯރުން ފެށިގެން ފުރާތުކޯރާއި ހަމައަށް ކަމަށެވެ. ޔަހޫދީ ޙިބުރު ފިޝްމަން 1947 ވަނަ އަހަރު އެކުވެރި ދައުލަތްތަކުގެ މުނައްޒަމާގައި ހާޒިރުވެ ތިބި އެންމެންގެ ކުރިމަތީގައިި، އެމީހުންނަށް ވަޢުދުކުރައްވާފައިވާ ބިމަކީ މިޞްރުގެ ނީލަކޯރުން ފެށިގެން ފުރާތުކޯރާއި ދެމެދުގައިވާ ބިންތައް ކަމަށް އިޢުލާން ކުރިއެވެ. އެ ޗާޓުގައި ޔަހޫދީ ޢަރަބިއްޔާ، އުރުދުން، ކެހިވެރި ޢަރަބި ޢިމާރާތުގެ ބައެއް ސަރަޙައްދާއި، ޢިރާޤު، އަދި ސީރިއާގެ ހުރިހާ ތަނެއް ހިމެނެއެވެ. އަދި މިހާރު މި ވަމުންދާ ގޮތް ބަލާބަލާށެވެ. ލުބުނާން އެއްކޮށް ދިރުވައިލީއެވެ. ޢިރާޤު ފުނޑުފުނޑު ކޮށްލީއެވެ. ސީރިއާ އޮތީ ލެއިން ތައްތެޅި ހިކިފައެވެ. ލީބިޔާ ފޮހެލީއެވެ. މިހާރަކު ކުރީގެ ލީބިޔާއެއް ނެތެވެ. ޔަމަން އޮތީ ދާއިމީ ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލާފައެވެ. ސެޕްޓެމްބަރު އެގާރައަށް ފަހު، ފަސް އަހަރު ދުވަހުގެ ތެރޭގައި ހަތް ޤައުމު ހަލާކު ކުރަން ޕެންޓަގަނުން ރާވާފައިވާ ކަމަށް، އެމެރިކާގެ ހަތަރު ތަރީގެ ޖެނެރަލެއް ކަމަށްވާ ޖެނެރަލް ވެސްލީ ކްލާކް ވަނީ ފާޅުގައި ބުނެފައެވެ. އެއީ، ޢިރާޤު، ސީރިއާ، ލުބުނާން، ލީބިޔާ، ސޯމާލިއާ، ސޫދާން އަދި އީރާނެވެ.

އެ ލިސްޓުގައި އެންމެ ފަހުން އޮތީ އީރާނެވެ. އީރާނު ފުނޑާލަން މިއަދު ނިކުމެ އޮތީ އެމެރިކާގެ ޢަސްކަރިއްޔާއެވެ. އެ ސަރަޙައްދުގައި އެންމެ ފަހުން އޮތް ސީރިއަސް ޢަސްކަރީ މުޤާވަމާ ކަމަށްވާ އީރާން ނައްތައިލާށެވެ. އަދި އެކަމަށް ބޭނުންވާނޭ މަގު އޮތީ ފުޅާކޮށް ހުޅުވައި ދީފައެވެ. މި ހަނގުރާމައާ މެދު ހިތްހަމަޖެހި، އުފަލުން ތިބި ޚަލީޖުގެ ރަސްކަންތަކަކީ، އިޒުރޭލާއި، އެމެރިކާގެ އެ ތަދުބީރުގެ ބައިވެރިންނެއް ނޫނެވެ. ދެން އޮތް މަރުޙަލާގެ އަމާޒަކީ ހަމަ އެ ރަސްކަންތަކެވެ. އެމީހުންނަށް އަދި ހަމަ ނޭނގެނީއެވެ. އެމީހުންނަށް އެމީހުންގެ ނަފުސުވެސް ޙިމާޔަތެއް ނުކުރެވޭނެއެވެ. ހޫޘީންގެ އެންމެ ޑްރޯނެއް ސަޢޫދީގެ ވައިގެ ދިފާޢީ ނިޒާމުތައް ފޫއަޅުވައިލުމުން، "ރިޔާޟް" އޮތީ ބިރުން ދެކަމުން ޙާޖިތަށް ދެވިފައެވެ. އެމެރިކާގެ ޢަސްކަރިއްޔާ ސަޢޫދީއިން ފޭބުމާއެކު، އެމީހުން ޙިމާޔަތްކުރާނޭ އެއްވެސް ބަޔަކު ނުތިބޭނެއެވެ. އެކަކުވެސް ނުހުންނާނެއެވެ.

މިހާރު، އެމެރިކާ މެދުއިރުމަތީގައި ތަޅުލެވިފައި އޮތްއިރު، ޗައިނާ އޮތީ ނިދާފައެއް ނޫނެވެ. ދުނިޔޭގެ ޒަމާނީ ސެމީކޮންޑަކްޓަރުގެ 90 އިންސައްތައަށް ވުރެ ގިނައިން އުފައްދަނީ ޓައިވާނުންނެވެ. ކޮންމެ ސިނާރު ނިޒާމެއް، ކޮންމެ ފައިޓަރ ޖެޓެއް، ކޮންމެ ސްމާޓް ފޯނެއް، ކޮންމެ ކާރެއް، އަދި ކޮންމެ ޢަސްކަރީ ގައިޑެންސް ނިޒާމެއް އުފައްދަނީ ޓައިވާންގެ ޗިޕްތައް ބޭނުންކޮށްގެންނެވެ. އެމެރިކާ އޮތީ އީރާނުގެ އިންޤިލާބީ ގާޑުންގެ ދަންތުރައިގައި ރަނގަޅަށް ޖެހި ތާށިވެފައެވެ. ޗައިނާއިން ޓައިވާނަށް އަރާނެއެވެ. ސެމީކޮންޑަކްޓަރު ބޭރުކުރުން ހުއްޓުވާނެއެވެ. ޢާލަމީ ޓެކް އިޤްތިޞާދު ގަނޑުވާނެއެވެ. ދެ ހަނގުރާމައެކެވެ. ދެ ދިމާލަކުންނެވެ. ޙަޟާރަތެއް ފަނާވެގެން ދާނެއެވެ.

އީރާނަށް ޙަމަލާދިނުމުގެ މާކުރިން، އެމެރިކާގެ އެތެރޭގެ އިޤުތިޞާދީ ތަފާސް ހިސާބުތަކުން ދައްކުވައިދެނީ ބިރުވެރި މަންޒަރެކެވެ. ހަމައެކަނި 2025 ވަނަ އަހަރު، އެމެރިކާގެ އެއް މިލިއަނަށް ވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލުނެވެ. އެ ޢަދަދަކީ 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު، 60 އިންސައްތަ އިތުރު ޢަދަދެކެވެ. ހަމައެކަނި 2025 ވަނަ އަހަރު، ފަންނިއްޔާތުގެ ދާއިރާއިން 127،000 އަށް ވުރެ ގިނަ މަސައްކަތްތެރިންގެ ވަޒީފާ ގެއްލުނެވެ. 2025 ވަނަ އަހަރުގެ މާރިޗް މަހު އެކަނި 275،240 މީހުންގެ ވަޒީފާ، އެންމެ މަހެއްގެ ތެރޭގައި ގެއްލުނެވެ. އެއީ، އެމެރިކާގެ ތާރީޚުގައި މިހާތަނަށް ރެކޯޑްކުރެވުނު ތިންވަނައަށް އެންމެ ގިނަ ބައެއްގެ ވަޒީފާ ގެއްލުނު މަހެވެ. އެމެރިކާގައި ވަޒީފާގެ ޙާލަތު މިވަރަށް ގޯސްވި ހަމައެކަނި މަސްތަކަކީ ކޮވިޑުގެ ޢާލަމީ ވަބާގެ ދުވަސްވަރުއެވެ. އެމެރިކާގައި ޢާލަމީ ވަބާގެ ސްޕީޑްގައި، މިހާރު އެދަނީ ވަޒީފާތައް ގެއްލެމުންނެވެ. ޢާލަމީ ވަބާއެއްގެ ޙާލަތު ކުރިމަތިނުވެ، ވަޒީފާތައް ގެއްލެނީއެވެ.

ދެން ހަނގުރާމަ ފެށުމުން އެމެރިކާގެ އެތެރޭގެ ޙާލަތާ ބެހޭގޮތުން ވާހަކަ ދައްކާލަމާ ހިނގާށެވެ. ޕެޓްރޯޑޮލަރު އޮތީ މަރުގެ ތުންފަތް މަތީގައެވެ. ޚަލީޖުގެ ޤައުމުތަކުން ޔުއާންއިން ތެލުގެ ވިޔަފާރި ކުރާ ހިސާބުން، އެމެރިކާއަށް ހިތުހުރި ވަރަކަށް ފައިސާ ޗާޕް ކުރުމުގެ އެކަށޭނަކަމެއް ނުއޮންނާނެއެވެ. އަދި 39 ޓްރިލިއަން ޑޮލަރުގެ ދަރަންޏަކީ، ނިސްބަތުން އެމެރިކާގެ ކޮންމެ ރައްޔިތަކަށް ގާތްގަނޑަކަށް 114،000 ޑޮލަރެވެ. އެއީ، އެމެރިކާއަށް ސަލާމަތުން ދެމި އޮވެވޭވަރުގެ ދަރަންޏެއް ނޫނެވެ. ކުންފުނިތަކުން ދާނީ ބޭރަށް ނުކުމެގެންދާ ފައިސާގެ ފަހަތުންނެވެ. އޭގެސަބަބުން އިތުރު ވަޒީފާތައް ގެއްލޭނެއެވެ. އިތުރު ސަހަރުތައް ފަޅުވާނެއެވެ. އަދި މިހުރިހާ ކަމެއް ކުރިއަށްދާއިރު އެމެރިކާގެ އާދައިގެ މީހަކު ކާން ބޭނުންކުރަނީ ކޮން އެއްޗެއް ހެއްޔެވެ؟ އެމެރިކާގެ ކާނާގެ ގާތްގަނޑަކަށް 70 އިންސައްތަ މިހާރު އެކުލެވިގެންވަނީ ތައްޔާރީ ކާނާގެ މައްޗަށެވެ. އެމެރިކާގެ ކޮންމެ ހަތަރު މީހަކުން އެކަކުގެ ދުވަހީ ކާނާއަކީ ފާސްޓް ފުޑެވެ. އެމެރިކާގެ ބޮޑެތި މީހުންގެ ދުވާލެއްގެ ކެލޮރީގެ 53 އިންސައްތައަކީ މަތީދަރަޖައިގެ ތައްޔާރީ ކާނާއެވެ. އެމެރިކާގެ ކުޑަކުދިންގެ ތައްޔާރީ ކާނާގެ ނިސްބަތް އުޅެނީ 62 އިންސައްތައިގައެވެ. އެމެރިކާގެ ސުޕަމާކެޓްތަކުގެ ހަރުތަކުގައި ހުރި ކާނާގެ 73 އިންސައްތައަކީ މަތީ ދަރަޖައިގެ ތައްޔާރީ ކާނާއެވެ. ޤައުމެއްގެ އަމިއްލަ އާބާދީ މަސްނޫއީ ކާނާގެ މައްޗަށް ބަރޯސާވެފައިވާއިރު، ބޮޑު ހަނގުރާމައެއް ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭނެއެވެ. އަދި، އެ ޤައުމުގެ މަސައްކަތްތެރިންގެ ލަޝްކަރުގެ އެތައް މިލިއަން ބައެއްގެ ވަޒީފާތައް އެދަނީ ގެއްލެމުންނެވެ. މިއީ ކާބޯތަކެތީގެ ތަފާސް ހިސާބެއް ނޫނެވެ. މިއީ، ޤައުމީ ހަލާކެއްގެ ތަފާސް ހިސާބެވެ.

ދެން އޮތީ އެމެރިކާގެ ރަނުގެ ރިޒާވްގެ ވާހަކައެވެ. 1950 ގެ ފަހުން، ފޯޓް ނޮކްސްގައި ރައްކާކޮށްފައި ހުރި ރަނުގެ ރިޒާވްގެ ފުރިހަމަ މިނިވަން އޮޑިޓެއް ކޮށްފައި ނުވެއެވެ. ބޭންކިންގ ދާއިރާގެ މީހުން މާލީ ނިޒާމު ކޮންޓްރޯލްކުރާ ދުނިޔެއެއްގައި، އެ ރަންތަކުގައި އަތްނުލާ ތިބޭނެ ކަމަށް އަހުރެމެން އިޚުލާސްތެރިކަމާއެކު ޤަބޫލުކުރަންވީ ހެއްޔެވެ؟ މިއީ ތާރީޚުން ލިއްބައިދޭ ފިލާވަޅެވެ. ސޯވިއެޓް އިއްތިޙާދު ވެއްޓުނީ ހަނގުރާމައިގެ މައިދާނެއްގައި ބަޔަކު މީހުންނާއި ހަނގުރާމަކޮށް ބަލިވުމުގެ ސަބަބަކުން ނޫނެވެ. އެއީ މާބޮޑަށް ފުޅާކުރުމުގެ ސަބަބުން ވެއްޓުނު ވެއްޓުމެކެވެ. މާ ގިނަ ހަނގުރާމަތަކާއި، މާ ބޮޑެތި ޚަރަދުތައް ކުރުމުގެ ސަބަބުން ވެއްޓުނު ވެއްޓުމެކެވެ. ސޯވިއެޓް ފައިސާ ރޫބެލްއަށް ހިފަހައްޓާ ނުލެވުނީއެވެ. އެއީ ވުޖޫދުން ފޮހެވުމާއި ހަމައަށް އަމިއްލަ ޕްރޮޕެގެންޑާއެއް ޤަބޫލުކުރި އަމްބަރާޠޫރިއްޔަތެކެވެ. އަފްޣާނިސްތާނަށް އަރައިގަތުންވީ އެކަން އަވަސްވުމަށް މެދުވެރިވި ސަބަބަކަށެވެ. ކާމިޔާބު ނުކުރެވުނު އެންމެ ހަނގުރާމައެކެވެ. 10 އަހަރު ތެރޭގައި ސޯވިއެޓް އިއްތިޙާދު ނެތި ފަނާވެގެން ދިޔައީއެވެ.

އެމެރިކާއަށް ބަލަމާ ހިނގާށެވެ. އަފްޣާނިސްތާންގައި 20 އަހަރުގެ ނާކާމިޔާބު ހަނގުރާމައެއް ކުރިއެވެ. ޢިރާޤަށް ޓްރިލިއަން ޑޮލަރު ޚަރަދު ކޮށްފިއެވެ. އެއަށްފަހު، ލީބިޔާ، ސީރިއާ، މިހާރު އީރާނެވެ. ނާކާމިޔާބުވާ ކޮންމެ ހަނގުރާމައަކުން އެމެރިކާގެ ކަރުގައި އެޅިފައިވާ ދަންމަޅިއަށް ބާރުވަމުން ދާނެއެވެ. އެހެންކަމުން، އެންމެ ފަހުގެ ތަސްވީރު ކުރަހައިލަމާ ހިނގާށެވެ. އީރާން ވެއްޓިދާނެއެވެ. އޭރުން، ބޮޑު އިޒުރޭލަށް އޮތް އެންމެ ފަހުގެ ހުރަސް ނައްތާލެވުނީއެވެ. އެކަމަކު، އެމެރިކާގެ ޢަސްކަރީ މަރުކަޒުތައް ނެތިފަނާވެގެން ދާނެއެވެ. ވެނެޒުއެލާގެ ތެޔޮ ޙިޞާރުކޮށްފިއެވެ. އެކަމަކު އިޤުތިޞާދީ ގޮތުން އޮތީ ނުތަނަވަސް ކަމެވެ. ފުރިހަމައަށް ތެޔޮ އުފެއްދުމަށް އަދި ދިހަވަރަކަށް އަހަރު ނަގާނެއެވެ. ދުނިޔޭގެ ތެލުގެ ރިޒާވްގެ 80 އިންސައްތަ ކޮންޓްރޯލް ކުރަނީ އޯޕެކުންނެވެ. ޕެޓްރޯޑޮލަރ ވެއްޓޭނެއެވެ. ޗައިނާގެ ބަޔަކަށް ޓައިވާން ހަދާނެއެވެ. އަދި ސެމީކޮންޑަކްޓަރުތަކުގެ އެކްސްޕޯޓް ހުއްޓައިލާނެއެވެ. އެމެރިކާގެ އެއް މިލިއަން މީހުންގެ ވަޒީފާ މިހާރުވެސް ވަނީ ގެއްލިފައެވެ. އެމެރިކާގެ 70 އިންސައްތަ މީހުން ކަނީ ތައްޔާރީ ކާނާއެވެ. ރަނުގެ ހިސާބުކިތާބު އޮޑިޓެއް ނުކުރެއެވެ. 39 ޓްރިލިއަން ޑޮލަރުގެ ދަރަންޏާއެކު އެމެރިކާ އޮތީ ގޮވަން ތައްޔާރަށެވެ. ނޭނގެނީ ގޮވާނެ އިރެކެވެ. އަދި އެ ހުރިހާ ކަމެއް ހިނގައި ނިމުމުން ޚަލީޖުގެ ރަސްރަސްކަލުން، އެމީހުން ވަށައިގެން ވީރާނާވެފައިވާ ތަންތަނަށް ބަލައިލާއިރު، އެމީހުންގެ ބިންތައް އޮންނާނީ ޞަހުޔޫނީންނަށް "ވަޢުދުކުރެއްވި ބިމުގެ" ބައެއްގެ ގޮތުގައެވެ. އާދެ، ބޮޑު އިޒުރޭލުގެ ގޮތުގައެވެ. އެ މުނާފިޤުންނަށް އެކަން ވިސްނޭއިރު އޮންނާނީ މާބޮޑަށް ލަސްވެފައެވެ. މިއީ ކޮންސްޕިރެސީ ތިއަރީއެއް ނޫނެވެ. މިއީ، ލިޔުންތަކަށް ތިރިކޮށްފައިވާ އިސްތިރާތިޖީ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި، ވެރިފައިޑް އިޤުތިޞާދީ ޑޭޓާއިން ނަގާފައިވާ މަޢުލޫމާތެވެ. މިތަނުގައި އަހުރެން މި ފުރައިލީ އެމީހުން ފުރަން ބޭނުން ނުވާ ހުސްތަންތަނެވެ. އެމެރިކާ މިހާރު އެއޮތީ އަލުން އަނބުރާ ނާދެވޭނޭ ހިސާބަށް ގޮސްފައެވެ.

Related News