ދިވެހި|English Jul 30, 2026 · 21:42
Top banner
Advertisement
 ބީއެމްއެލް ކުރިމަތީގައި ފެރީ ޓާމިނަލަކާއި ޕާކިން ޒޯނެއް ތަރައްގީކުރަން ނިންމައިފިހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ/ފޮޓޯ މާލޭސިޓީކައުންސިލް
News

ބީއެމްއެލް ކުރިމަތީގައި ފެރީ ޓާމިނަލަކާއި ޕާކިން ޒޯނެއް ތަރައްގީކުރަން ނިންމައިފި

މމުހައްމަދު އަލީJul 30, 2026

މާލޭގެ ބޮޑުތަކުރުފާނުމަގުގައި ހުންނަ (ބީއެމްއެލް) އިމާރާތުގެ ކުރިމައްޗަށްވާ ގޮތަށް އޮތް ހުސްބިމުގައި ފެރީ ޓާމިނަލަކާއި ސައިކަލް ޕާކިން ޒޯނެއް ހިމެނޭ ގޮތަށް ޒަމާނީ އިމާރާތެއް ތަރައްގީކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާންމު ޖަލްސާގައި ކަމަށް މާލޭ ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއު ކައުންސިލަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާއެވެ. މިކަން އިތުރަށް ދިރާސާ ކުރުމަށްޓަކައި ކައުންސިލްގެ އިއްތިފާގުން މިހާރު ވަނީ އާބަން ޕްލޭނިން ކޮމިޓީއަށް ފޮނުވާފައެވެ. މި އިމާރާތުގެ ޕްލޭންގައިވާ ގޮތުން، އިމާރާތުގެ ގްރައުންޑް ފްލޯ ޚާއްސަކުރެވިފައިވަނީ ފެރީ ޓާމިނަލަކަށް ކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށާއި މާލެއިން ފުރާ ފަރާތްތަކަށް ހިތްފަސޭހަކަމާއެކު މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމު ޓާމިނަލްގެ ގްރައުންޑް ފްލޯގައި ހަމަޖެހިފައި ހުންނާނޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ހާއްސަ ފާހާނާބަރިތަކާއި، ލުއިކާނާ ލިބޭނެ މިނީ ޝޮޕެއްގެ އިތުރުން ނަމާދުކޮށްލުމަށް ހާއްސަ ކުޑަ ކޮޓަރިއެއްވެސް މި ފަންގިފިލާގައި ގާއިމުކުރުމަށް ވަނީ ހުށަހަޅާފައެވެ.

އިމާރާތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ސައިކަލް ޕާކު ކުރުމަށެވެ. މިއީ ކޮންމެ ރައްޔިތަކަށްވެސް ހިލޭ ސައިކަލް ޕާކުކުރެވޭނެ އިންތިޒާމެއް ކަމަށް ޒަހިއްޔާ ވަނީ ކައުންސިލްގެ މީޓިންގައި ވިދާޅުވެފައެވެ. އިމާރާތުގެ އެންމެ މަތީގައި ނުވަތަ ރޫފްޓޮޕްގައި ފުޑް ކޯޓުތަކެއް ހެދުމަށްފަހު، އަރާ ފޭބުމަށް ލިފްޓެއް ބަހައްޓާގޮތަށް ވެސް ޕްލޭނުގައި ވަނީ ހިމަނާފައެވެ.

މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަހިއްޔާ ވިދާޅުވެފައިވަނީ، "މިކަމުގެ ސަބަބުން ލޯންޗުތަކުގައި މާލެ ދަތުރުކުރާ އަތޮޅުތެރޭގެ ރައްޔިތުންނަށް ހިތްފަސޭހަކަމާއި ހިތްހަމަޖެހުން ގެނެސްދެވޭނެ. ޓެކްސީއެއް ލިބެންދެން ތުއްތު ދަރިފުޅު އުރާލައިގެން ގަދަ އަވީގައި މައިން ތިބެންޖެހޭ ތިބުމަށް ނިމުމެއް އަންނާނެ،" ކަމަށެވެ. އަދި މި އިމާރާތުގައި ހިމެނޭ ފިހާރަ އާއި ފުޑް ކޯޓުތަކުން ކައުންސިލަށް އާމްދަނީ ލިބޭނެ މަގު ފަހިވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Related News