ދިވެހި|English Aug 9, 2026 · 23:56
Top banner
Advertisement
ފިރުޢައުނާއި، ފިރުޢައުނިއްޔަތު!
Report

ފިރުޢައުނާއި، ފިރުޢައުނިއްޔަތު!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫAug 9, 2026

މިއަދު ހަމަ އެ ފިރުޢައުނު އެ އޮތީ ބިއްލޫރި ސަންދޯކެއްގެ ތެރޭގައެވެ. ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ޓިކެޓް ގަނެގެން އޭނާ ބަލަން ދެއެވެ. އެއީ އޭނާއަށް ދެވޭ ޢިއްޒަތެއް ނޫނެވެ. އެއީ ޢިބުރަތެކެވެ.

މާތް الله ކީރިތި ޤުރުއާނުގެ ޔޫނުސް ސޫރަތުގެ 92 ވަނަ އާޔަތުގައި، ވަޙީކުރައްވާފައިވެއެވެ.

فَٱلْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ ءَايَةًۭ ۚ وَإِنَّ كَثِيرًۭا مِّنَ ٱلنَّاسِ عَنْ ءَايَـٰتِنَا لَغَـٰفِلُونَ (٩٢)

"ފަހެ، ތިމަންރަސްކަލާނގެ، މިއަދު ކަލޭގެ (ފުރާނަނެތް) ހަށިގަނޑު ސަލާމަތް ކުރައްވާ ހުށީމެވެ. އެއީ، ކަލޭގެ ފަހުން އަންނަ ބަޔަކަށް، ޢިބުރަތެއް ކަމުގައި ކަލޭ ވުމަށެވެ. ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަމީހުން ވަނީ، ތިމަންރަސްކަލާނގެ އާޔަތްތަކާ މެދު (އެބަހީ: ތިމަންރަސްކަލާނގެ ޤުދުރަތްތެރިކަމުގެ މައްޗަށް ދަލީލުކުރާ ހެކިތަކާ މެދު) ޣާފިލު ވެގެންކަން ކަށަވަރެވެ."

ވިސްނާލަބަލާށެވެ. އެ ޙާދިސާގައި އެތައް ހާސް ބަޔަކު ކަނޑަށް ޣަރަޤުވި ނަމަވެސް، މާތް الله ސަލާމަތް ކުރެއްވީ އެންމެ ހަށިގަނޑެކެވެ. ކާކުގެ ހަށިގަނޑެއް ހެއްޔެވެ؟ އެންމެ ބޮޑަށް ބިން ފަސާދަކުރި މީހާގެ ހަށިގަނޑެވެ. ކީއްވެގެން ހެއްޔެވެ؟ ޤިޔާމަތްދުވަހާއި ހަމައަށް، އަންނަން އޮތް ޖީލުތަކަށް އޭނާ ދެއްކެވުމަށްޓަކައެވެ. އަދި ސުވާލުކުރުމަށް ޓަކައެވެ. "ބާރުގެ ނިމުން އައީ ކިހިނެއް ހެއްޔެވެ؟" އޭނާ ބުނާގޮތުން އޭނާގެ އަމުރަށް ނީލަކޯރުގެ ފެންގަނޑު ހިނގައެވެ. އެތައް ހާސް އަޅުންނެއް އޭނާގެ ކުރިމަތީގައި ސަޖިދަ ޖަހައެވެ. އޭނާ އަމިއްލައަށް އުޅުނީ ކަލަކަށް ހެދިގެންނެވެ. އޭނާ ބޭނުންވީ މޫސާ عليه السّلام ޤަތުލުކޮށް ލެއްވުމަށެވެ. މިއަދު އޭނާ އެ އޮތީ ބިއްލޫރި ފޮށްޓެއްގެ ތެރޭގައެވެ. އޭނާގެ ހަށިގަނޑު ވަނީ ބެންޑޭޖް އޮޅައި، ރައްކާތެރި ކުރެވިފައެވެ. ޑޮކްޓަރުންނާއި، ސައިންސްވެރިން ދަނީ އޭނާގެ ހަށިގަނޑު ބަލައި ތަޙުލީލު ކުރަމުންނެވެ. އޭނާ ވަގަށް ނަގާފާނެތީ ގާޑުން ދަނީ ސައުވީސް ގަޑިއިރު ފޯރިމަރަމުންނެވެ. "ތިމަންނައަކީ ކަލާނގެއޭ" ބުނި މީހާ، މިހާރު އެއޮތީ އެހެން މީހުންގެ ބޭނުން ޖެހިފައެވެ. "އެއްވެސް މީހަކަށް ތިމަންނަ ޣަރަޤުކޮށް ނުލެވޭނެއޭ" ބުނި މީހާ، މިހާރު އެވަނީ ކަނޑުން ނަގައި ރައްކާތެރި ކުރެވިފައެވެ.

ފިރުޢައުނުގެ އަތުގައި ބާރާއި، މުއްސަނދިކަމާއި، ވެރިކަން އޮތެވެ. އެކަމަކު އޭނާގެ ކިބައިގައި އެކައްޗެއް ނެތެވެ. އެއީ ތަވާޟުޢުވެރިކަމެވެ. އަދި، ތަވާޟުޢުވެރިކަން ނުވާ މީހާގެ ކިބައިގައި އެއްވެސް އެއްޗެއް ނުވެއެވެ. ވެލިން ހައްދަވައި ވެއްޔާއި އެއްކުރެއްވިއެވެ. ހަތަރުސަތޭކަ އަހަރު ވަންދެން ބަނީއިސްރާއީލުގެ ދަރިންނަށް މިސްރުގެ ފިރުޢައުނުން އަނިޔާކުރިކަމަށް ބުނެވެއެވެ. ފިރުޢައުނު ހީކުރީ އޭނާއަށް އެއްވެސް ކަމެއް ނުވާނެ ކަމަށެވެ. އެއަށްފަހު އެންމެ ރެއެކެވެ. އެންމެ އަސާކޮޅެކެވެ. އަދި ކަނޑެކެވެ. ހުރިހާ ކަމެއް ނިމިގެން ހިނގައްޖެއެވެ. އޭނާ ދެކޭ ކޮންމެ މީހަކު އޭނާއާ ދެ ސުވާލެއް ކުރެއެވެ. "އަހުރެންވެސް ފިރުޢައުނަކަށް ވަނީ ހެއްޔެވެ؟" "އަހުރެންވެސް ބަލިކަށި މީހުންނަށް އަނިޔާކުރަނީ ހެއްޔެވެ؟"

ފިރުޢައުނު މަރުވެއްޖެއެވެ. އެކަމަކު، ފިރުޢައުނިއްޔަތެއް މަރެއް ނުވެއެވެ. ކޮންމެ ޒަމާނެއްގައިވެސް ފިރުޢައުނުން އުޅެއެވެ. ރައްޔިތުންނަށް ދޮގުހަދައި، އޮޅުވައިލާ ކޮންމެ މީހަކީ ފިރުޢައުނެކެވެ. ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަންނަ ކޮންމެ މީހަކީ ފިރުޢައުނެކެވެ. ބިން ފަސާދަކުރާ ކޮންމެ މީހަކީ ފިރުޢައުނެކެވެ. މީގެ 1448 އަހަރު ކުރިން ޤުރުއާނުގައި އޭނާގެ ވާހަކަ އަންގަވާފައިވަނީ، އޭނާގެ ވާހަކައިން އެހެން މީހުން ޢިބުރަތް ޙާޞިލުކުރުމަށެވެ. ސައިންސުން އޭނާ ހޯދީ މީގެ 100 އަހަރު ކުރިންނެވެ. ޤުރުއާނުގައި އޭނާގެ ވާހަކައާއި އޭނާގެ ނިމުން ގެންނަވާފައިވަނީ މީގެ 1448 އަހަރު ކުރިންނެވެ. އެއީ الله ގެ ބަސްފުޅެވެ. އަދި އެއީ الله ގެ އިންސާފެވެ.

Related News