ފްރެންޑް 4، ސަޕްލައި ދޯންޏަށް ދިޔަވެ އަޑިއަށްދާކަމުގެ ޚަބަރު ލިބިގެން މީހުން ސަލާމަތްކުރުމުގެ ޤައުމީ ޚިދުމަތުގައި އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު) އާއި ޕޮލިސް ސާޖަންޓް ޢަލީ ނާފިޢު (33 އަހަރު) އަދި އެ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު)، ގަދަވެ ސަލާމަތުން ތިއްބައި ފެނުމުގެ ހެޔޮ ނަސީބު މިންވަރު ކުރައްވާށިއެވެ. އަދި މި ފަރާތްތަކުގެ ލޮބުވެތި ޢާއިލާތަކަށް ކެތްތެރިކަމާއި ހިތްވަރާއި ސާބިތުކަން ދެއްވާށިއެވެ.
އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި ދޯންޏަށް ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން އެ ސަރަހައްދަށް ގޮސް، މި ހާދިސާގައި ދޯނީގެ މީހުން ސަލާމަތްކުރުމަށްޓަކައި ދޯންޏަށް އަރާ ހަރަކާތްތެރިވެފައިވަނީ، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، ސާޖަންޓް އަސްރާރު ޢަލީއާއި އެމްއެންޑީއެފްގެ އޮގްޒިލަރީ ފަޔަރމަން، ޢަބްދުﷲ ޝަފީޤާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން ޕޮލިސް ސާޖަންޓް ޢަލީ ސައިފެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ވަނީ ސިފައިންނާއި ފުލުހުންގެ މަސައްކަތުން ސަލާމަތްކޮށްފައެވެ. މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ހާބަރކްރާފްޓް 108 އާއި ޕޮލިސް 52ގެ އިތުރުން އޭޑީކޭ ލޭންޑިންގ ކްރާފްޓް "އުއްލާނި"އެވެ.
ދޯނި ބަންޑުން ޖަހާލީ ލޭންޑިންގ ކްރާފުޓްގައި ކަފުޖަހާގައި ހުއްޓައެވެ. މި ދޯނި ބަންޑުން ޖަހާލި ވަގުތުގެ ވީޑިއޯއެއް މިހާރު ވަނީ މީސް މީޑިއާގައި އާންމުވެފައެވެ. ގެއްލިގެން ހޯދަމުންދާ ތިން މީހުން ވެސް އެ ވަގުތު ތިބީ ދޯނީގައި ކަމަށާއި، ދޯނީގެ ދިޔަގަނޑު ހިއްކުމުގެ މަސައްކަތުގައި ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެއެވެ. މި ދޯނި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި، ގާތްގަޑަކަށް 1645 މީޓަރު ހުންނާނެ ކަމަށް އެމްއެންޑީއެފުން ލަފާކުރެއެވެ.
ގެއްލިފައިވާ 3މީހުން ހޯދުމަށް ޓަކައި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގަމުންދާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ. އެގޮތުން އޮގަސްޓް 6ވަނަ ދުވަހު މޯލްޑިވިއަންގެ މަތިންދާބޯޓަކާއި އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.
އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި ސީއެމްބިއުލޭންސް "SA038, SA037"ގެ އިތުރުން ފުލުހުންގެ ދެ ލޯންޗު ބޭނުންކޮށްގެން ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން ހޯދަމުންދާ 3 މީހުން އަދި ފެނިފައެއް ނުވެއެވެ.
ގްރެފިކްސް އަދި މަޢުލޫމާތު: އެމްއެންޑީއެފް ވެބްސައިޓް





