ޑިމޮކްރަސީއެއް ހަލާކު ކުރާނީ ކިހިނެއް ހެއްޔެވެ؟ ނިކަން ފަސޭހަ ހަތަރު ފިޔަވަޅަކުން ޑިމޮކްރެސީއެއް ހަލާކު ކުރެވިދާނެއެވެ. ޖަރުމަނުގައި އެކަން ހިނގި ގޮތް ބަލާލަމާ ހިނގާށެވެ.
ފުރަތަމަ ފިޔަވަޅަކީ، ވެރިމީހާއަކީ ޤައުމަށް ވުރެ މުހިއްމު މީހެއް ކަމަށް ދެއްކުމެވެ. ހިޓްލަރު އޭނާގެ ނަފުސު ހުށަހެޅީ އާދައިގެ ސިޔާސީ މީހެއްގެ ގޮތުގައެއް ނޫނެވެ. އޭނާ ޖަރުމަނުގެ ރައްޔިތުންނަށް ވިސްނައިދިނީ، އޭނާއަކީ ޤައުމަށް ކޮންމެހެން ބޭނުންތެރި އިސްވާރެއް ކަމުގައެވެ. އަދި ޖަރުމަނު ސަލާމަތް ކުރެވޭނެ ހަމައެކަނި މީހަކީ، އޭނާ ކަމުގައެވެ. ކަންކަން އެންމެފަހުން ގޯހުން ގޯހަށް ދިޔަ މިންވަރީ، 1934 ވަނަ އަހަރުން ފެށިގެން ޖަރުމަނު ސިފައިން ޤާނޫނު އަސާސީއަށް ވަފާތެރިވުމަށް ކުރަމުން އައި ހުވާކުރުން ހުއްޓައިލިއެވެ. އޭގެ ބަދަލުގައި އެމީހުން ހުވާކުރީ އެޑޮލްފް ހިޓްލަރަށް ޝަޚުސީގޮތުން ވަފާތެރިވުމަށެވެ. ޖަރުމަނަކަށް ނޫނެވެ. އަދި ޖަރުމަނުގެ ޤާނޫނު އަސާސީއަކަށްވެސް ނޫނެވެ. ވަކި މީހަކަށެވެ. އެމީހަކީ އެޑޮލްފް ހިޓްލަރެވެ.
ދެވަނަ ފިޔަވަޅަކީ، ތިމާއާ އިދިކޮޅު ސިޔާސީ މީހުންނަކީ ޤައުމުގެ ދުޝްމަނުންކަން ރައްޔިތުންނަށް ވިސްނައި ދިނުމެވެ. 1933 ވަނަ އަހަރު އެތަކެއް ހާސް ކޮމިއުނިސްޓުންނާއި، ސޯޝަލް ޑިމޮކްރެޓުން ހިޓުލަރުގެ އަމުރަށް ހައްޔަރުކުރެވުނެވެ. ޙަޤީޤީ ޑިމޮކްރަސީއެއްގައި އިދިކޮޅު މީހުންނަކީ ތިމާ އެބަޔަކާ އެކު މަޝްވަރާކޮށް ބަހުސްކުރާން ތިބޭ ބައެކެވެ. އެކަމަކު، ޚުދުމުޚުތާރު ދައުލަތެއްގައި އިދިކޮޅު މީހުން ވެގެންދަނީ، ތިބާ އެބަޔަކު ޖަލަށްލައި އަނިޔާކުރަން ތިބޭ ބަޔަކަށެވެ.
ތިންވަނަ ފިޔަވަޅަކީ، މީހުންނަށް އަޑުއިވޭ ހުރިހާ އެއްޗެއް ކޮންޓްރޯލް ކުރުމެވެ. ނާޒީ ޖަރުމަނުގެ ޕްރޮޕެގެންޑާއާ ޙަވާލުވެ ހުރީ ޖޯސެފް ގޯބެލްސްއެވެ. އޭނާ ނޫސްތަކާއި، ރޭޑިއޯއާއި، ފިލްމުތަކާއި، ފޮތްތަކާއި، ތިއޭޓަރާއި، އަދި އާޓްވެސް ކޮންޓްރޯލް ކުރިއެވެ. މިނިވަން އަޑުތައް، އަޑަކަށް ފަހު އަޑެއް ނެތިގެން ދިޔައީއެވެ. ސަބަބަކީ މީހުން އަޑުއަހާ އެއްޗެއް ތިބާ ކޮންޓްރޯލް ކޮށްފިނަމަ، އެމީހުން ގަބޫލުކުރާ އެއްޗެއް ތިބާއަށް މަޑުމަޑުން ކޮންޓްރޯލް ކުރެވޭނެއެވެ.
ހަތަރުވަނަ ފިޔަވަޅަކީ، މީހުންނަށް، އެމީހުން ކުށްވެރިކުރާނޭ މީހަކު ނުވަތަ ބަޔަކު ދެއްކުމެވެ. ނާޒީން، ޖަރުމަނުގެ މައްސަލަތަކުގެ ޒިންމާ އެޅުވީ ޔަހޫދީންގެ ބޮލުގައެވެ. އިޤްތިޞާދީ މައްސަލަތަކާއި، ސިޔާސީ މައްސަލަތަކާއި، ޤައުމަށް ކުރިމަތިވެފައިވާ ނިކަމެތިކަމާއި، އަދި ލަދުވެތިކަމުގެ ޒިންމާ އެޅުވީ ޔަހޫދީންގެ ބޮލުގައެވެ. އެއަށްފަހު، ފުދޭވަރަކަށް ގިނަމީހުން އެކަން ޤަބޫލުކުރުމުން، ނަސްލީ، ދީނީ އަދި ސިޔާސީ ތަފާތުކުރުމަކީ މައްސަލައެއްގެ ގޮތުގައި މީހުންނެއް ނުދެކޭނެއެވެ. އެހިސާބުން ދެން ފެށިގެންދާނީ އަނިޔާވެރިކަމުގެ ބާބެވެ.
އެންމެ ރެއަކުން ޑިމޮކްރަސީއެއް ނެތި ފަނާވެގެން ދާނީ ވަރަށް ނާދިރު ޙާލަތެއްގައެވެ. ޑިމޮކްރެސީއެއް ނެތިގެން ދަނީ ފަހަރަކު މުއައްސަސާއެއް، އަދި ފަހަރަކު މިނިވަންކަމެއް، އަދި ފަހަރަކު ތަސްވީތަކުން މަޑުމަޑުންނެވެ. ހުރިހާ ސިޔާސީ ޕާޓީތަކުންވެސް މިކަން ކުރުމަށް މަސައްކަތް ކުރާކަން ފާހަގަ ކުރެވޭނެއެވެ. އެހެނީ ޑިމޮކްރަސީއަކީ ސިޔާސީ މީހުން ޙިމާޔަތްކުރާ އެއްޗެއް ނޫނެވެ. ޑިމޮކްރެސީ ޙިމާޔަތްކޮށް، ދެމެހެއްޓުމަކީ، ޑިމޮކްރެސީގެ ބެލެނިވެރިން ކަމުގައިވާ ރައްޔިތުންގެ މަސްއޫލިއްޔަތެކެވެ. ރައްޔިތުންގެ ޙައްޤެކެވެ.
ދެން މި ހަތަރު ފިޔަވަޅު، އަހުރެމެންގެ ޤައުމުގެ ޑިމޮކްރެސީއާ އަޅާ ކިޔަމާ ހިނގާށެވެ. 2008 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރި ކޮންމެ ޕާޓީއަކުންވެސް މިހަތަރުކަންތައް އެކިފަހަރު އެކި މިންވަރަށް ކޮށްފައިވާކަން ފާހަގަކުރެވޭނެއެވެ.





