އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަރާލުމަށް އީރާނުން ދީފައިވާ އިންޒާރު ވަރަށް ސީރިއަސްކޮށް އެމެރިކާއިން ނެގިކަން ހާމަވެއްޖެއެވެ. އެގޮތުން މަތިންދާބޯޓަށް ކާބޯތަކެތި އަރުވަން ބޭނުންކުރާ ޓްރަކެއް ބޭނުންކޮށްގެން އެއަރފޯސް ވަން އިން ފިދަނަ ޓްރަމްޕު ބޭރުކުރިކަން ފަޅާއަރައިފިއެވެ. މިކަންކަމުންވެސް އެނގިގެން ދަނީ މަރުދެކެ މި ބައިގަނޑު ބިރުގަންނަ މިންވަރެވެ.
މިދިޔަ ޖުލައި މަހު، ތުރުކީގައި ބޭއްވި ނޭޓޯ ސަމިޓަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަންކާރާއަށް ދިޔައެވެ. އޭނާ ތުރުކީއަށް ދިޔައީ ޤަޠަރުން ހަދިޔާކުރި 747-8 ގެ މަތިންދާބޯޓުގައެވެ. އެހެންނަމަވެސް ސަލާމަތީ ސަބަބުތަކާ ހެދި، ޖުލައި 8 ވަނަ ދުވަހު ތުރުކީއިން ފުރައިގެން އެމެރިކާއަށް ދިއުމަށް، އެ ބޯޓު އޭނާ ބޭނުމެއް ނުކުރެއެވެ. އަސްލު ވީގޮތަކީ އީރާނުން ޓުރަމްޕް މަރާލަން މަސައްކަތް ކުރާކަމުގެ މަޢުލޫމާތެއް ލިބުނީއެވެ. އަދި ޖާސޫސީ އޮފިޝަލުންނަށް އީރާނުގެ ފަރާތުން ވަކި ނުރައްކަލެއްވެސް ފާހަގަކުރެވުނީއެވެ.
އެހެންކަމުން ފަހަކަށްއައިސް އެމެރިކާގެ ރިޔާސީ ތާރީޚުގައި ހިންގި އެންމެ ސިއްރު އެއް އޮޕަރޭޝަން ސީކުރެޓް ސަރވިސަސްގެ ފަރާތުން ހިންގިއެވެ. އެގޮތުން މަޝްހޫރު އެއާފޯސް ވަން އަށް ޓުރަމްޕް އެރުވީ ޓީވީ ކެމެރާތަކުގެ ކުރިމަތީގައި އާންމުންނަށް ފުރިހަމައަށް ފެންނަ ގޮތަށެވެ. އޭގެ މިނެޓްތަކެއް ފަހުން ކާބޯތަކެތި ބޯޓަށް އަރުވަން ބޭނުންކުރާ އެއާރޕޯޓް ކޭޓަރިން ޓްރަކެއް މެދުވެރިކޮށް އޭނާ އެ ބޯޓުން އެހެން ބޯޓަކަށް ސްމަގުލްކުރިއެވެ. ކޭޓަރިން ޓްރަކް އޭނާ ގޮވައިގެން ދިޔައީ މާދުރުގައި އޮތް ކުޑަ ޢަސްކަރީ ޖެޓަކަށެވެ. އަދި، އޭނާ އެ ޖެޓުގައި ވަރަށް ސިއްރު ސިއްރުން ތުރުކީއިން ފުރުވާލިއެވެ. ޢަސްކަރީ ޖެޓުގައި ޓުރަމްޕު އެންމެ ފުރަތަމަ ގެންދެވުނީ އިނގިރޭސިވިލާތަށެވެ. އެކަމަކު، ވައިޓް ހައުސްއާ ޙަވާލާދީ ވޮޝިންޓަން ޕޯސްޓުގައި އޭރު ބުނެފައިވަނީ ޓުރަމްޕު ދަތުރުކުރީ ރަސްމީ އެއާރފޯސް ވަންގައި ކަމަށެވެ.
ސީކުރެޓް ސަރވިސްގެ އެ އިންތިޒާމްގެ ސަބަބުން ޓުރަމްޕްގެ ޙަޤީޤަތުގައި ވީތަނެއް އެތައް ގަޑިއިރެއް ވަންދެން އޮތީ ސިއްރުކުރެވިފައެވެ. އެކަން ސިއްރު ކުރެވުނީ ހަމައެކަނި އެމެރިކާގެ އާންމުންނަށް އެކަންޏެއް ނޫނެވެ. އެއަރފޯސް ވަންގައި ދަތުރުކުރި ޓުރަމްޕު ސަރުކާރުގެ ގިނަ އޮފިޝަލުންނާއި، ނޫސްވެރިންނަށް ވެސް އެކަން ސިއްރު ކުރެވުނެވެ.
މި މަޢުލޫމާތު ނަގާފައިވަނީ ވޮޝިންޓަން ޕޯސްޓުގައި ޝާއިޢުކޮށްފައިވާ ރިޕޯޓަކުންނެވެ. މިވާހަކަ ޖެރޫސެލަމް ޕޯސްޓުގައިވެސް ރިޕޯޓްކޮށްފައިވެއެވެ. ވޮޝިންޓަން ޕޯސްޓުން ރިޕޯޓް ތައްޔާރުކޮށްފައިވަނީ ސިއްރު އޮޕަރޭޝަނުގެ މަޢުލޫމާތު އެނގޭ އެމެރިކާގެ އޮފިޝަލަކާއި، އަދި އެމެރިކާގެ ރައީސްގެ ދަތުރުތަކުގެ އިންތިޒާމްތަކަށް އަހުލުވެރި އެހެން ފަރާތަކުން ދިން ބަސްދީގަތުންތަކެއްގެ މައްޗަށް ބިނާކޮށްފައެވެ.





