އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓްގެ (އޮފިޑް) ގެ ލޯނު އެހީއާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހދ. ނެއްލައިދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.
ހައުސިން މިނިސްޓްރީން ވިދާޅުވެފައިވަނީ މަޝްރޫޢުގެ އަމަލީ މަސައްކަތް ނިންމުމަށްފަހު، 11 އޮގަސްޓު 2026 ގައި ވަނީ މި ނިޒާމު ޓެސްޓްކޮށް ކޮމިޝަން ވެސް ކޮށްފައި ކަމަށެވެ.
މި މަސައްކަތް ކޮށްދީފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރއަކުންނެވެ.
މި މަޝްރޫޢުގެ ދަށުން ފެން ޓެސްޓްކުރެވޭ އިކްއިޕްމަންޓްތަކާއެކު ލެބޯރަޓަރީއެއް ވަނީ ގާއިމްކޮށްފައެވެ. އޭގެ އިތުރުން އޮފީސް ޖާގަ ހިމެނޭހެން އާރު.އޯ ޕްލާންޓް އިމާރާތެއް ވަނީ ޤާއިމުކޮށްފައެވެ. އަދި ތިމާވެށްޓާ ރައްޓެހި ގޮތަކަށް ނިޒާމު ހިންގުމަށްޓަކައި އެ އިމާރާތުގައި 21 ކިލޯވޮލްޓުގެ ސޯލަރ ޕެނަލް ވަނީ ހަރުކޮށްފައެވެ. ފެނުގެ ނިޒާމުގެ ދަށުން 2 ބޯހޯލް ތޮރުފައި، ދުވާލަކު 35 ޓަނުގެ ފެން އުފެއްދޭ 2 އާރު.އޯ ޕްލާންޓާއި، ބޯފެން ރައްކާކުރުމަށް 200 ޓަނުގެ 2 ޓޭންކްގެ އިތުރުން 200 ޓަނުގެ ވާރޭ ފެން ރައްކާކުރާ ޓޭންކެއް ވަނީ ބަހައްޓާފައި ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ރަށުގެ އެކި ސަރަޙައްދުތަކަށް ފެން ފޯރުކޮށްދިނުމަށް 8.8 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް ވަނީ އަޅާފައެވެ. ނަރުދަމާ ނިޒާމުގެ ދަށުން 7.5 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގާއަކާއި، 2 ޕަންޕިންގ ސްޓޭޝަން އަދި ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓް ޤާއިމްކޮށްފައިވެއެވެ. މި މަޝްރޫއުގެ ދަށުން ސީ އައުޓް ފޯލް އެޅުމުގެ މަސައްކަތާއި، ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގެ ތެރޭގައި ކެޗްޕިޓް ބެހެއްޓުމާއި ފެން ބެހެއްޓުމާއި ފެން މީޓަރު ހަރުކުރުމުގެ މަސައްކަތްވެސް ވަނީ ފުރިހަމަކޮށްފައެވެ.
މިހާރު ކުރިއަށްދާނީ، މި ނިޒާމު އޮޕަރޭޓްކުރުމުގެ ގޮތުން އޮޕަރޭޓަރާއި ހަވާލުކުރުމައްޓަކައި ކުރެވޭ މަސައްކަތްތައް ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.





