ދިވެހި ޤައުމު ހިންގުމުގެ މުޅި ފަލްސަފާ، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޒަމް (ބޮޑުތަކުރުފާނު) ގެ ސީރަތުން ލިބިވަޑައިގަންނަވާ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ ހއ. އުތީމުގައި މިއަދު ބޭއްވި ގައުމީދުވަހުގެ ރަސްމީޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ބޮޑުތަކުރުފާނުގެ ސީރަތަށް ފުންކޮށް ވިސްނައި ދިރާސާތައް ކުރަން ޖެހޭ ކަމަށެވެ. "ޢިލްމީ ބެލުންތައް ބަލައި ދެނެގަންނަންވީ. ވަރަށް ތުއްޕުޅުއިރު، ރަށުތެރެއާއި ހޮޅުއަށީގައި ގިނަ ވަގުތު ހޭދަކުރައްވަން ޖެހުނު. އެކަން ހިމެނުނީ ލީޑަރުން ބިނާކުރުމުގެ ފިލާވަޅެއް ކަމުގައި. އަމުރަށް ކިޔަމަންވުމާއި، އަމިއްލަ ފައިމައްޗަށް ތެދުވާން ދަސްވުމުގެ ތަމްރީނާއި ތަރުބިއްޔަތެއް ކަމުގައި. ދޫނި ހިއްޕެވުމުގެ އިތުރު ހުނަރުތައް ދަސްފުޅުކުރެއްވީ އެ ދުވަސްވަރު،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނަކީ ދިވެހި ޤައުމު ޕޯޗުގީޒުންގެ އަތްދަށުން މިނިވަންކުރެއްވި ކުޅަދާނަ ކޮމާންޑަރެވެ. އެކަމުގެ ތަޞައްވުރު، އެމަނިކުފާނުގެ ތުއްތު ސިކުނޑީގައި ކުރެހުނީ، ނުވަތަ އެކަމުގެ އިލްހާމުތައް އާލާވީ އިސްވެދިޔަ ދުވަސްވަރު ކަމަށް ރައީސް ވިދާޅުވިއެވެ. "މިނިވަންކަމާއެކު ދޫނިތައް އުދުހިދާން އެ ވިދާޅުވީ، އެ ފުން މާނަތައް ހިތްޕުޅުގައި ދައުރުވަމުންދާތީ. އެހެންކަމުން، ޤައުމީ ދުވަހުގެ ބަޠަލުގެ ކޮންމެ ޙަރަކާތަކީ އަދުގެ ޖީލުތަކަށް އަގުހުރި، މާނަހުރި ފިލާވަޅެއް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދުގެ ބަތަލް އުތީމު މަހާރަދުންގެ ސީރަތުން ދެން ފެނިގެންދިޔައީ ކަނޑުމައްޗަށް އަހުލުވެރިވެވަޑައިގަތުން ކަމަށެވެ. އެހެންކަމުން އެ ޒަމާނަށް ބޭނުންވާ ޢިލްމާއި، ނިޔަމިކަމުގެ ތެރެއިން، ރާއްޖޭގެ ޖިއޮގްރަފީގެ އިސް މާލިމީއަކަށް ވެވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ. "މިކަމުން ލިބޭ ފިލާވަޅަކީ، އެ ޒަމާނަކާ ގުޅޭ ޢިލްމާއި ހުނަރު އަޅުގަނޑުމެންގެ ކުދީންނަށް ދޭންޖެހޭނެކަން. އަދި މިއީ ދިވެހީންކަން. ދިވެހި ވެށި، ދިވެހީންގެ ރާއްޖެ، ދިވެހީންގެ ޤައުމު ދިވެހީންނަށް ވަރަށް ފުންކޮށް އެނގެންޖެހޭނެކަން،" ރައީސް ވިދާޅުވިއެވެ.
އުތީމު މަހާރަދުންގެ ޚާއްޞަ އަނެއް ހުނަރެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ރަދުންގެ ޑިޕްލޮމަސީއެވެ. އެ ރަދުން ޕޯޗުގީޒުންނާ ކަވާސާވެވަޑައިގަތް ކަމަށާއި، ދިވެހީންނެކޭ އެއްގޮތަށް، އެ މީހުންގެވެސް އިތުބާރު ހޯއްދެވިކަން ފާހަގަކުރެއްވިއެވެ. "އެމީހުންނާއެކު އޮމާން ގުޅުމެއް ބާއްވަވައިގެން، ކަޅުއޮއްފުންމި ބަންނަވައި، ސިއްރުގޮތުގައި ހަނގުރާމައަށް ތައްޔާރުވެވަޑައިގަތް. މިކަމުން އެނގެނީ، އަޅުގަނޑުމެން ބޭރު ބާރުތަކުގެ ތެރޭގައި ގިރިގެން ގޮސްގެން ނުވާނެކަން. ދިވެހީންނަކީ، އިސްލާމުންނަކީ އެއަށްވުރެ މާ ހަރު ބައެއްކަން. ހަރުދަނާ ބައެއްކަން. އަޅުގަނޑުމެންގެ ޢަޒުމާއި އީމާނުގައި އަބަދުވެސް އާރުލާންޖެހޭނެކަން. ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ އަނެއްކަމަކީ މިއީ. އަޅުގަނޑުމެން ތިބޭނީ އަޅުގަނޑުމެންގެ ދީނުގައި އަޅުގަނޑުމެންގެ ޤައުމީ ސިޔާދަތާއި، ޤައުމުގެ މިނިވަންކަމާ އެކީގައިކަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިކަމުގެ ތެރެއިން އެކަނިކުފާނު ފާހަގަކޮށްލަން ބޭނުންފުޅުވާ ކަމަކީ، ޤާއިދެއްގެ ހައިސިއްޔަތު، ނުވަތަ ހަނގުރާމަވެރި ލީޑަރެއްގެ ހައިސިއްޔަތުން އުތީމު މަހާރަދުން ދެއްވާ ފިލާވަޅު ކަމަށެވެ. އެ ރަދުން ދުރާލާ ހަނގުރާމައިގެ އުކުޅުތައް ދަސްފުޅުކުރެއްވި ކަމަށާއި، ބަޑިހެވިކަމާއި، ކަނޑިހެވިކަން ފަދަ، އެ ޒަމާނުގެ އުކުޅުތައް ވަރަށް މަތީ ފެންވަރެއްގައި އުނގެނިވަޑައިގެންނެވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެއަށްފަހު ބޭނުންވާ ބޭނުންވާ ހަތިޔާރު ހޯއްދަވައި، ރާއްޖޭގެ ތަފާތު އެކި ކަންކޮޅުތަކުން މީހުންނާ ގުޅުން އުފެއްދެވި ކަމަށް ރައީސް ވިދާޅުވިއެވެ. އެއަށްފަހު ހަނގުރާމަ ފެށްޓެވުމުގެ ކުރިން، އެމަނިކުފާނުގެ އާއިލާ މަލިކަށް ބަދަލުކުރެއްވިކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެއީ، ހަނގުރާމަ ފެށޭ ތަނާ، ދުޝްމަނުންގެ އުކުޅަކުން އާއިލާގެ ބޭފުޅަކު ކިޑްނެޕް ކޮށްފިނަމަ، ދެން ކުރިމަތިވާނެ މައްސަލަތައް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިފަދަ ހުރިހާ ކަމަކުން އެނގެނީ، ޤައުމީ ދުވަހުގެ ބަޠަލު، އުތީމު މަހާރަދުންނަކީ އާދަޔާ ޚިލާފު ދިވެހި ޝަޚްޞިއްޔަތެއްކަން އެމަނިކުފާނު ވިދާޅުވިއެވެ.





