ހަޤީޤީ އީޖާދެއްގެ ފެށުން އަންނަނީ ކަންކަން ހޯދައި ދެނެގަތުމަށް އޮންނަ ޝައުގުވެރިކަމާއި ޢިލްމު ގުޅިލާމެހޭ ހިސާބުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ ވިދާޅުވީ އީޖާދެއްގެ މާނަ ފުރިހަމަވަނީ، އޭގައި މީހުންނަށް މަންފާއެއް ލިބޭކަމެއް އެކުލެވިގެން ކަމަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގައި މިއަދު ފެށި، ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2026، ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސް ފަދަ ވަސީލަތްތަކުގެ ސަބަބުން، ކުރިން އުންމީދު ކުރެވިފައި ނުވާ ފަދަ އެތައް ފުރުޞަތުތަކެއް ހުޅުވިގެންގޮސްފައިވާ ކަމަށެވެ. އެެހެންނަމަވެސް، އެއްޗެއް ނުވަތަ ކަމެއް އީޖާދުކުރުމަކީ ނިމުމެއްކަމަށް ދެކިގެން ނުވާނޭ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
ޓެކްނޮލޮޖީ މިންކުރުމުގައި ބަލަންވީ އެއީ އުފެއްދިދާނެ އެއްޗެއްތޯ ނުވަތަ ކުރެވިދާނެ ކަމެއްތޯއެއް ނޫން ކަމަށާ، ބަލަންވީ، އޭގެ މަންފާ ކުރާނީ ކޮން ބަޔަކަށްތޯކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ޓެކްނޮލޮޖީގެ ސަބަބުން ހަޤީޤީ ބަދަލެއް އަންނަނީ، ޝަޢުޤެއް އެކަމުގައި އޮވެމެ، ތަޢުލީމީ ނިޒާމަށާއި، ޞިއްޙީ ދާއިރާއަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް އެކަން އަމާޒުކުރެވުމުންކަމުގައިވެސް ވެސް އެކަމަނާ ވިދާޅުވިއެވެ.
މިފަދަ އީޖާދުތައް ކުރިއަރައި ދިއުމަށްޓަކައި، އެއީ އެންމެން ޝާމިލުވާ ކަމަކަށް ވާންޖެހޭކަމަށް ވެސް ވިދާޅުވިއެވެ. ސައިންސާއި ޓެކްނޮލޮޖީގެ މައިދާނުގައި އަންހެނުންނާއި އަންހެން ކުދިން އެމީހުންގެ ޖާގަ ހޯދުމަށް އިލްތިމާސްކުރައްވަމުން، އީޖާދުކުރުމަކަށް ވަކި ޖިންސެއް ނުވާކަމަށާއި، މުސްތަޤުބަލު ބައްޓަންކުރުމުގައި އެބައެއްގެ ދައުރު އަދާކުރުމަށް އެއްވެސް ފަރާތެއްގެ ހުއްދައަކަށްވެސް ބޭނުންނުވާނޭކަމަށް ވެސް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.
ޒުވާނުންނަކީ މާދަމާގެ ބިނާވެށި ކުރަހާ މީހުންގެ ގޮތުގައި ސިފަކުރައްވަމުން އެކަމަނާ ވިދާޅުވީ، ތަޢުލީމީ ނިޒާމުގެ ތެރެއިން އުފެއްދުންތެރިކަން ކުރިއަރުވައި، ނާގިދު ފިކުރާއި، ކަންކަމާ މެދު ފުންކޮށް ވިސްނުމުގެ ހުނަރު އާލާކުރަން ޖެހޭކަމަށެވެ. އަދި ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށް ވުމުގެ ބަދަލުގައި، އެ އުފައްދާ ބަޔަކަށް ވުމަށް ދަރިވަރުންނަށް އެކަމަނާ ހިތްވަރުދެއްވިއެވެ. ހަމަމިއާއެކު، ކަންކަމާ މެދު ހިތުގައި ޝައުޤުވެރިކަން އުފެއްދުމަށް ހިތްވަރުދިނުމަށާއި، އައު ކަންކަން ތަޖުރިބާކުރުމަށް އޮންނަ ޔަޤީންކަން ކަށަވަރުކޮށްދިނުމާއި، ނާކާމިޔާބީން ފިލާވަޅު ލިބިގަތުމަށް މުއައްސަސާތަކަށް ގޮވާލެއްވިއެވެ.
ދިރާސާކުރާ ފަރާތްތަކުން އެމީހުންގެ މަސައްކަތްތަކާއި ހޯދުންތައް ހަމައެކަނި ޔުނިވަރސިޓީ ތެރެއަށް ދޫކޮށްލުމުގެ ބަދަލުގައި، ޙަޤީޤީ ދުނިޔޭގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް، އެކަންކަން ނެރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބާރުއެޅުއްވިއެވެ. އަދި ދިރާސާއެއް އެންމެ ރަނގަޅަށް ވަޒަންކުރެވޭނީ އެކަމެއްގެ ސަބަބުން ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އައު ޚިޔާލުތައް މުޖުތަމަޢުތަކާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި، އިލްމީ މުއައްސަސާތަކާއި، ސިޔާސަތު އެކަށައަޅާ ފަރާތްތަކާއި، ސިނާޢަތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ.
އެކަމަނާ ވިދާޅުވީ ތެވެލި ކޮންފަރެންސްގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ގުޅުންތަކެއް އުފެދި، މުޅި ޤައުމުގައި އަމިއްލަ އުފެއްދުންތެރިކަމާއި އީޖާދުތަކަށް ހިތްވަރު ލިބިގެންދާނެކަމަށެވެ.
މީގެ އިތުރުން، މިއަދުގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ، ތެވެލި 2026 އެވޯޑުތައް ހާސިލުކުރި ފަރާތްތަކާ އެވޯޑު ހަވާލުކޮށްދެއްވާފައެވެ.
"ޓްރާންސްފޮރމޭޓިވް އިނޮވޭޝަން އިން ދަ ޓްވެންޓީ ފަސްޓް ސެންޗަރީ: ސައެންސް، ޓެކްނޯލޮޖީ އެންޑް ސޮސައިޓީ" ނުވަތަ 21 ވަނަ ޤަރުނުގައި ބަދަލުވަމުންދާ އީޖާދުތައް: ސައިންސާއި، ޓެކްނޮލޮޖީ އަދި މުޖުތަމަޢު، މި ޝިއާރުގެ ދަށުން އެމް.އެން.ޔޫ އިން އިންތިޒާމުކޮށްގެން ބާއްވާ 9 ވަނަ ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި، އެމް.އެން.ޔޫގެ ޗާންސެލަރާއި ވައިސް-ޗާންސެލަރާއި، ބޭރުގެ ޢިއްޒަތްތެރިންނާއި، އިލްމީ ދާއިރާގެ ބޭފުޅުންނާއި، ދިރާސާކުރައްވާ ފަރާތްތަކުގެ އިތުރުން ދަރިވަރުން ބައިވެރިވެވަޑައިގަތެވެ.





