އުމުރުން އެންމެ ހަތް އަހަރުގެ ފިރިހެން ކުއްޖަކު ޖަޕާނުގެ ފަރުބަދަބައެއްގެ އުސް ސަރަހައްދަކަށް ދޫކޮށްލާފައިދިޔަ ބައްޕައަކަށް ފުލުހުން އިންޒާރު ދީފައެވެ.
އުމުރުން 48 އަހަރުގެ ބައްޕަ އެކުއްޖާ ދޫކޮށްލާފައިވަނީ ޖަޕާނުގެ އެންމެ އުސް ފަރުބަދަ ކަމަށްވާ ފުޖީ ފަރުބަދައިގެ 2,000 މީޓަރަށްވުރެ (6,500 ފޫޓު) އުސް ސަރަހައްދަކަށެވެ.
އެ ކުއްޖާ އެކަނި ދޫކޮށްލީ ފަރުބަދައަށް އަރަމުން ގޮސް ވަރުބަލިވެގެން ޝަކުވާ ކުރަން ފެށުމުން ކަމަށް ޖަޕާނުގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެކުއްޖާ ޝަކުވާ ކުރަން ފެށުމުން ފެނާއި ކާނާ ކުއްޖާއަތަށް ދީފައި "މިތާ މަޑުކުރާށޭ" ބުނެފައި ދޮށީ ފިރިހެން ދަރިފުޅާއެކު އެބައްޕަ ކުރިއަށްދިޔައީ ކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.
ވެހެމުންދިޔަ ވާރެއާއި ވިއްސާރަ ވިލާތަކުގެ ތެރޭއިން އެކުއްޖާ އެކަނިމާއެކަނި ގޮނޑިއެއްގައި އިންދާ ފެނިފައިވަނީ އެސަރަހައްދުގައިހުރި ހަޓެއްގެ މުވައްޒަފުންނަށެވެ. އެއީ ފަރުބަދައިގެ ކުންނު (އެންމެ އުހަށް) ދާ މަގުގެ 6 ވަނަ ސްޓޭޝަން ކައިރި ހިސާބު ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
އެކުއްޖާ ފެނުމާއެކު ހަޓުގެ މުވައްޒަފުންވަނީ ފުލުހަށް ރިޕޯޓު ކޮށްފައެވެ. ފުލުހުން އައިސް ކުއްޖާގެ ބައްޕަ ހޯދަންކުރި މަސައްކަތުން އޭނާ ފެނިފައިވަނީ 3 ގަޑިއިރުގެ ދުރުމިނުގައިވާ 8 ވަނަ ސްޓޭޝަނުން ކަމަށް ޖަޕާނުގެ މިޑީއާއިން ހާމަކޮށްފައިވެއެވެ.
އެ ކުއްޖާގެ ބައްޕަ ހޯދުމަށްފަހު ފުލުހުންވަނީ މިފަދަ އަމަލެއް ތަކުރާރު ނުކުރުމަށް އެދި ނަސޭހަތާއި އިންޒާރުދީފައެވެ. ފަރުބަދައަށް އެރުން ހުއްޓާލަން ޖެހުނު ކަމުގައި ވިޔަސް، ކުޑަކުއްޖަކު އެކަނި ދޫކޮށްލާފައި ދިއުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ފުލުހުން ވަނީ ބުނެފައެވެ. "ޖަޕާން ޓުޑޭ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާއަށްފަހު ކުއްޖާގެ ބައްޕަވަނީ ފުލުހުންގެ ކިބައިންނާއި ކުއްޖާގެ ކިބައިން މާފަށް އެދިފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި، މިހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ޖަޕާނު ގަޑިން 07:30 (22:30 ޖީއެމްޓީ) އެވެ.





