އަލްޤުދްސްގައި ހުންނަ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ. ގެ އެޖެންސީ (އަންރޫވާ) ގެ އިމާރާތެއް އިސްރާއީލުން ހަލާކުކޮށްލުމުން ހަމާސްއިން އެކަން ކުށްވެރިކޮށްފިއެވެ. ހަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރު ބާސިމް ނައީމް ވިދާޅުވީ އެއީ ހަނގުރާމައިގެ ޖަރީމާއެއް
ކަމަށާއި، އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ހަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރު ބާސިމް ނައީމް ވިދާޅުވީ އެއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ.
ނައީމާ ހަވާލާދީ ފަލަސްތީނުގެ ޚަބަރު ފަތުރާ އެޖެންސީ "ސަމާ" އިން އަންގާރަ ދުވަހު ބުނެފައިވަނީ މިފަދަ އަމަލު ކުރާ މީހުންނަށް އެއްވެސް އަދަބެއް ނުދީ ހަމައެކަނި ބަޔާންތައް ނެރުމަކީ އެ ޖަރީމާގައި ބައިވެރިވުން ކަމަށެވެ.
ލެބުނާންގެ އަލް މުޔާދީންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުން ތަކުރާރުކޮށް ހިންގާ މިފަދަ ޖަރީމާތަކަށް ބައިނަލްއަޤްވާމީ ފަރާތްތަކަށް އެކަށީގެންވާ ރައްދު ނުދެވޭ ކަމަށް ނައީމް ވިދާޅުވިއެވެ. އެއީ ވެސް ހަނގުރާމައިގެ ޖަރީމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުގެ މިފަދަ އަމަލުތައް ކަމަށް ރައްދު ނުދިނުމަކީ މިފަދަ ޙާލަތްތައް ކުރިމަތި ކުރުވުމަށް ލިބޭ ހިތްވަރެއް ކަމަށް ވެސް ނައީމް ވިދާޅުވިއެވެ.
ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ސިފައިން ވަނީ އިސްތިއުމާރުކޮށްފައިވާ އަލްޤުދްސްގެ ކަފްރު އަޤަބް ސަރަހައްދަށް ވަދެގަނެ، އަންރޫވާގެ އިމާރާތް ސުންނާފަތިކޮށްލާފައެވެ.





