އީރާނުގެ އިޤްތިޞާދީ ހަމަޖެހުން ދެމެހެއްޓުމަށް އިންފްލޭޝަން ކޮންޓްރޯލް ކުރަންޖެހޭ ކަމަށާއި އެކަމަށްޓަކައި އިރާނުގެ އިޤްތިޞާދީ އިދާރާތަކުގެ މެދުގައި ބަދަހި ގުޅުމެއް އޮތުން ވަރަށް މުހިންމު ކަމަށް އީރާނުގެ ރައީސް މައްސޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ. ޕެޒެޝްކިއަން މިހެން ވިދާޅުވީ ބޭރުގެ އިގްތިސާދީ ފިއްތުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
އިރާނުގެ ސެންޓްރަލް ބޭންކަށް ބުދަ ދުވަހު ކުރެއްވި ޒިޔާރަތުގައި ޕެޒެޝްކިއަން ވަނީ އީރާނުގެ އިޤްތިޞާދީ ވަޒީރު ޢަލީ މަދަނިޒާދާއި، ސެންޓްރަލް ބޭންކުގެ ގަވަރނަރު ޢަބްދުއްނާޞިރު ހިއްމަތީއާއި، އަދި އިޤްތިޞާދީ މާހިރުންގެ ގުރޫޕަކާ ބައްދަލުކުރައްވައި މިވާހަކަތައް ހިއްސާ ކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ވަނީ ފައިސާއާ ގުޅުންހުރި އެންމެ ފަހުގެ ނިންމުންތައް ނިންމުމުގައި ސެންޓްރަލް ބޭންކުން ގެންގުޅޭ މިންގަނޑުތައް މުރާޖަޢާ ކުރައްވައިފައެވެ.
މީގެ އިތުރުން ވިޔަފާރީގެ ހުރަސްތައް ނައްތާލުމާއި، ޤައުމުގެ އިޤްތިޞާދީ އައު ޙާލަތު ބެލެހެއްޓުމާއި، މާލީ އަދި ބަޖެޓުގެ ސިޔާސަތުތަކާއި، ފައިސާއާއި ބޭރު ފައިސާގެ ސިޔާސަތުތަކާއި، ވިޔަފާރިއާއި އިޤްތިޞާދީ ގުޅުންތަކާއި، އަދި ކުންފުނިތައް ހިންގުމާ ބެހޭގޮތުން އިޤްތިޞާދީ މާހިރުން ވަނީ ޚިޔާލު ހުށަހަޅުއްވައިފައެވެ.
މި ބައްދަލުވުމަކީ އިރާނާ ދެކޮޅަށް އެމެރިކާއިން އިޤްތިޞާދީ ފިއްތުންތައް ކުރިމަތިކުރުމުގެ ކެމްޕޭން އިޢުލާންކުރުމާ ގުޅިގެން، ސެންޓްރަލް ބޭންކުގެ ގަވަރނަރާއި އިޤްތިޞާދީ މާހިރުންގެ މެދުގައި ބޭއްވުނު ދެވަނަ ބައްދަލުވުމުގެ ބައެކެވެ.





