ޤައުމެއް ބިނާކޮށް ތަރައްޤީކުރުމުގައި އަންހެނުންގެ ޤާބިލުކަން އިތުރުކުރުމަކީ ތަރައްޤީގެ ބިންގައު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން އެއީ ޢާއިލާތަކާއި މުޖުތަމަޢުގެ އުފާވެރިކަމުގެ އަސްލުކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އަދި ދިވެހި އަންހެނުންގެ ވިލުންތެރިކަމަކީ އަބަދުވެސް ޤައުމަށް ނުހަނު ބޭނުންތެރި ސިފައެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، "ވިލުންތެރި ކަނބަލުން" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައިފައެވެ. އަދި ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވެސް ވިދާޅުވެފައެވެ. އެހެން ކަމުން އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގަންވާނެކަމުގައި ވެސް އެކަމަނާ ވިދާޅުވިއެވެ.
އިސްލާމްދީން ވަނީ އަންހެނުންނާ ފިރިހެނުންގެ މެދުގައި ޢަދުލު ޤާއިމުކޮށްދެއްވާފައި ކަމަށާއި، އިސްލާމީ ތާރީޚު ވަނީ އަންހެނާގެ ދައުރު ދިރިއުޅުމުގެ އެތައް މައިދާނަކުން ތަމްސީލުކޮށްދީފައިކަމަށް އެކަމަނާ ވަނީ ހަނދާންކޮށްދެއްވައިފައެވެެ. ދިވެހި ތާރީޚަށް ބަލާއިރު، ދިވެހި އަންހެނުންނަކީ ވަރަށް ނަސީބުވެރިބައެއްގެ ގޮތުގައި އެކަމަނާވަނީ ސިފަކުރައްވައިފައެވެ.
އިސްލާމީ ތާރީޚު އަންހެނުންނަށް ގޮވާލަނީ، އުންމަތް ބާރުވެރިކުރުވައި، މުޖުތަމަޢު ޤަދަރުވެރިކުރުވައި، މުރާލި ހީވާގި ހުނަރުވެރި ޚުލްޤުހެޔޮ ބަޔަކަށްވުމަށްކަމަށާއި، ދިވެހި އަންހެނުންގެ ވިލުންތެރިކަން، އަދި ވިސްނުންތެރިކަމާއި މަސައްކަތްތެރިކަން އަބަދުވެސް ދިވެހި ޤައުމަށް ބޭނުންވާނެކަމުގައި ވެސް އެކަމަނާ ވިދާޅުވިއެވެ.
ދިވެހީންގެ މި ހަމަހަމަ ސަގާފަތް ދަމަހައްޓައި، ފިކުރީ ގޮތުންނާއި ޢަމަލީ ގޮތުން ވިލުންތެރި އެތައް އަންހެނުންނެއް ބިނާވެގެންދާ މި ފުރުޞަތަކީ ވަރަށް ތާރީޚީ ފުރުޞަތެއްކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ، "ވިލުންތެރި ކަނބަލުން" ޕްރޮގްރާމުން ދަސްވެނިވި 8 ބެޗުގެ 170 އަށްވުރެގިނަ ދަސްވެނީންނާ ސެޓްފިކެޓް ޙަވާލުކޮށްދެއްވައި، އެ ބޭފުޅުންނާއެކު ހަނދާނީ ފޮޓޯއެއް ނަންގަވައިފައެވެ. އަދި މިއަދުގެ ރަސްމިއްޔާތުގައި ހުށައެޅުމެއް ހުށައަޅައިދިން މުޙައްމަދު ޤާސިމް ޕްރީސްކޫލް ބޭންޑުގެ ދަރިވަރުންނާއެކުގައިވެސް އެކަމަނާ ވަނީ ހަނދާނީ ފޮޓޯއެއްގައި ނަންގަވައިފައެވެ.
"ވިލުންތެރި ކަނބަލުން" ޕްރޮގްރާމަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، އަންހެނުންނަކީ ކޮންމެ ކަމެއްގައިވެސް އެހެން މީހުންނަށް ބަރޯސާނުވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން ބާރުވެރިކުރުމެވެ.





