އީރާނާދެކޮޅަށް އެމެރިކާއިން ހިންގާ ކޮންމެ އުދުވާނެއްގެ ބަދަލު އެމެރިކާގެ ޢަސްކަރީ އަދި އިޤްތިޞާދީ މަޞްލަޙަތުތަކަށް ދޭނީ ތާރީޚުގައި ވަރުގަދައަށް ލިޔެވިގެންދާނޭ ފަދަ ގޮތަކަށް ކަމަށް ބުނެ އީރާނުން އެމެރިކާއަށް އިންޒާރު ދީފިއެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެސްއެންއެސްސީ) ގެ ސެކްރެޓަރީ މޭޖަރ ޖެނެރަލް މުޙައްސިން ރެޒާއީ އެމެރިކާއަށް އިންޒާރު ދެއްވަމުން ވިދާޅުވީ އީރާނުން ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ކުރިން ވޮޝިންގޓަނުން ޢަމަލީ ފިޔަވަޅުތަކެއް އަޅަންޖެހޭނޭ ކަމަށެވެ.
ރެޒާއީ މި އިންޒާރު ދެއްވީ ބުރާސްފަތި ދުވަހު ތެހެރާންގައި ޤަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޘާނީއާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
"އަޅުގަނޑުމެން އެމެރިކާއަށް އިތުބާރެއް ނުކުރަން. އެބޭފުޅުން ވަނީ ޚާރިޖީ ގުޅުންތަކަށާއި މަޝްވަރާތަކަށް ތަކުރާރުކޮށް ޚިޔާނާތްތެރިވެފައި،" ރެޒާއީ ވިދާޅުވިއެވެ.
"އެމެރިކާއިން އީރާނާ ދެކޮޅަށް ގޯސްކޮށްއަޅާ ކޮންމެ ފިޔަވަޅެއްގެ ބަދަލުގައި އަޅުގަނޑުމެން އެމީހުންގެ ޢަސްކަރީ އަދި އިޤްތިޞާދީ މަޞްލަޙަތުތަކަށް ދޭނެ ގެއްލުމަކީ ތާރީޚުގައި ލިޔެވިގެންދާނެ ފަދަ ބޮޑު ނިކަމެތިކަމަކަށް ހަދާނަން،" އޭނާ އިންޒާރު ދެއްވިއެވެ.
އަދި އީރާނުން ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލުމާމެދު ވިސްނުމުގެ ކުރިން، އީރާނުގެ ޝަރުޠުތަކަށް ޢަމަލީގޮތުން އިޖާބަދިނުމަށް ވޮޝިންގޓަނުން ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށްވެސް ރެޒާއީ ވިދާޅުވިއެވެ.
އަލްޘާނީގެ ވާހަކަފުޅުގައި، އުނދަގޫ ޙާލަތްތަކުގައި އީރާނުން ޤަޠަރަށް ވެދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ދެފަރާތުގެ މެދުގައި އޮތް ވަރުގަދަ ގުޅުން އަލުން ކަށަވަރުކޮށްދެއްވިއެވެ.
"އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއާއެކު އެއްބާރުލުން ދިނުމުގައި އަޅުގަނޑުމެންގެ އެއްވެސް ޖެހިލުންވުމެއް ނެތް،" ޤަޠާރުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
އަދި ސަރަޙައްދީ ނާޒުކު ޙާލަތުގައި ތެހެރާނާއެކު މަސައްކަތްކުރުމަށް ދޯހާ އޮތީ ތައްޔާރަށް ކަމަށާއި، ޤަޠާރުން މަސައްކަތް ކުރަމުންދަނީ ޒިންމާދާރުކަމުގެ އިޙްސާސާއެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.





