ބޭރު ފައިސާގެ މައްސަލައަކާ ގުޅިގެން، މ. ދަނބު ގޯޅީގައި ހުންނަ ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ އޮފީސް ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެކުންފުނީގެ އޮޮފީސް ބަލައިފާސްކުރަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ކުރަމުންދާ ކަމުގެ ތުހުމަތުގައި ކަމަށެވެ. މި މައްސަލައާ ގުޅިގެން ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް އެކުންފުނީން ބޭނުންކުރާ ބޭންކު އެކައުންޓްތައް ވަނީ ފްރީޒް ކޮށްފައި ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އެކައުންޓުތައް ފްރީޒް ކުރުމަށްފަހު "ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމަށްޓަކައި މ.ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް އެބަދެއެވެ."





