ދިވެހި|English Sep 6, 2026 · 10:58
Top banner
Advertisement
Photo
Report

ދިވެހި އަސްކަރީ އެވޭލާ ތާރީޚު- 8

ޢޢަބްދުﷲ ސަޢީދުSep 6, 2026

ދިވެހި ރަސްކަމާއި ދިވެހި ލަޝްކަރާ އޮތް ގުޅުން

ދިވެހިރާއްޖޭގައި އެންމެ ކުރިން އޮތީ ރަސްކަމުގެ ނިޒާމެކެވެ. ރަސްކަމުގެ ނިޒާމަކީ އިންސާނީ ތާރީޚުން ފެންނަން އޮތް އެންމެ ދުވަސްވީ ވެރިކަން ހިންގުމުގެ ނިޒާމެވެ. ވިރާސަތުން ވެރިކަން ވާރުތަވަމުން އައި މި ނިޒާމުގައި އެންމެ ކުރިން ދިވެހީންގެ ރަސްކަން ވާރުތަވަމުން އައީ އަންހެން މަތިފުށަށެވެ. އޭރު ދިވެހިރާއްޖެއަކީ މެޓްރިއާކަލް ސޮސައިޓީ (Matriarchal Society) އެކެވެ. އަންހެން މަތިފުށަށް ނުވަތަ މައިފުށަށް ރަސްކަން ވާރުތަވާ މި ނިޒާމަކީ ދުނިޔޭގެ ޤަދީމީ ޙަޟާރަތްތަކުގެ ތެރޭގައި ހިމެނޭ ބާބިލް އާއި މިސްރު ފަދަ ޙަޟާރަތްތަކުގައި ވެސް އޮތް ނިޒާމެކެވެ. މާޓްރިލިނިއަލް ސަކްސެޝަން (Matrilineal Succession) ގައި ރަސްކަމުގެ ޝާހީ ލޭ ހިނގަނީ މަންމަގެ ފުށަށެވެ. ރަސްގެފާނަށްފަހު ރަސްކަން ލިބެނީ އެ ރަސްގެފާނުގެ އެއްބަނޑުއެއްބަފާ ނުވަތަ ބަނޑު އަންހެން ކޮއްކޮ ނުވަތަ ދައްތަގެ ފިރިހެން ދަރިއަކަށެވެ. މި ނިޒާމުގައި ގަބޫލުކުރަނީ ޝާހީ ލޭގެ ސާފުކަން ދެމެހެއްޓޭނީ މަންމަގެ ފުށުން ކަމަށެވެ. ރަސްގެފާނަށް ލިބޭ ދަރިންނަކީ ސީދާ ރަސްގެފާނުގެ ލޭކަމާމެދު ޝައްކު އުފެދުނަސް، ރަސްގެފާނުގެ އެއްބަނޑު އަންހެން ކޮއްކޮއަށް ނުވަތަ ދައްތައަށް ލިބޭ ދަރިންގެ ލެއަކީ ޝާހީ ލޭކަން ކަށަވަރުވާނެތީއެވެ.

އަންހެން މަތިފުށަށް ވާރުތަވަމުން އައި ދިވެހި ރަސްކަމުގެ ނިޒާމު ފިރިހެން މަތިފުށަށް ބަދަލުވެގެން ދިޔައީ ދިވެހިރާއްޖޭގެ ދައުލަތުގެ ދީނަކީ އިސްލާމްދީންކަމުގައި މީލާދީން 1153 ވަނަ އަހަރު ކަނޑައެޅުމާ ގުޅިގެން އިސްލާމީ ޝަރީޢަތުގައި އޮންނަ ވާރުތައިގެ ނިޒާމުގެ އަސަރުތަކުގެ ސަބަބުންކަމުގައި ބެލެވެއެވެ. ދިވެހިރާއްޖެ އިސްލާމްވީ ނުވަތަ ދިވެހި ދައުލަތުގެ ދީނެއްކަމުގައި އިސްލާމްދީން ހަމަޖެއްސެވީ "ސޯމަވަންސަ" (ހަނދުވަންހަ) އިން އުފެދުނު ގޮއްޕެއްކަމުގައިވާ ތީމުގޭ ދަރިކޮޅުގެ ރަސްކަމުގައެވެ. ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމުގައި ކަނޑައަޅައި، މުޅި ދިވެހިރާއްޖެއަށް އިސްލާމީ ނޫރު ފަތުރައި، ދިވެހީން އެއް ވެރިކަމެއްގެ ދަށަށް ގެނައި، ތީމުގޭ ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރު މައިފުށަށް ޝާހީ ލޭ ހިނގަމުންދިޔަތަން ފެނެއެވެ. ތީމުގޭ ދަރިކޮޅުގެ ކުރީކޮޅުގައި ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަސްރަސްކަލުންގެ ބައްޕާފުޅުންގެ ނަންފުޅުތައް ތާރީޚުން އެނގެން ނެތުމާއި، ނަމަވެސް ވަރަށް ގިނަ ރަސްރަސްކަލުންގެ މަންމާފުޅުންގެ ނަންފުޅުތައް އެނގެން އޮތުމަކީ އެ ދުވަސްވަރު އަންހެން މަތިފުށަށް ދިވެހި މުޖުތަމަޢުގައި ދެވިފައިވާ އިސްކަން ހާމަކޮށްދޭ ކަމެކެވެ.

ދިވެހިރާއްޖެ އިސްލާމްވެ، ޒަމާންތަކެއް ފާއިތުވިފަހުން ފިރިހެން މަތިފުށުން ވާރުތަވާ ރަސްކަމުގެ ނިޒާމަކަށް ދިވެހި ރަސްކަން ބަދަލުވިއެވެ. ޕެޓްރިލިނިއަލް ސަކްސެޝަން (Patrilineal Succession) އަކީ ރަސްކަން ބައްޕަގެ ފަރާތުން (ބަފާފުށުން) ފިރިހެން ދަރިކޮޅުން ވާރުތަވަމުންދާ ނިޒާމެވެ. މިއީ ދުނިޔޭގެ ތާރީޚުގައި އެންމެ ގިނައިން ބޭނުންކޮށްފައިވާ، އަދި ފަހުގެ ގިނަ ޝާހީ އާއިލާތަކުގައި ވެސް އެންމެ އާންމު ނިޒާމެވެ. މި ނިޒާމުގައި އާއިލާގެ ފެށުން ނުވަތަ ޝާހީ ލޭ ގުނަނީ ބައްޕާފުޅާއި، ކާފާފުޅާއި، މުނިކާފާފުޅުގެ ފަރާތުންނެވެ. މި ނިޒާމުގައި ރަސްގެފާނު އަވަހާރަވުމުން ރަސްކަން ލިބެނީ ރަސްގެފާނުގެ ފިރިހެން ދަރިކަލަކު ހުންނެވިނަމަ އެ ދަރިކަލަކަށެވެ. ގިނަފަހަރަށް އެންމެ ދޮށީ ފިރިހެން ދަރިކަލަކަށެވެ. ފިރިހެން ދަރިކަލަކު ނެތްނަމަ، އަވަހާރަވި ރަސްގެފާނުގެ ބައްޕަގެ ފަރާތުގެ އެންމެ ކައިރި ތިމާގެ ފިރިހެން ބޭފުޅަކަށެވެ. ދިވެހިރާއްޖޭގެ ރަސްކަމުގެ ނިޒާމުގައި ރަސްކަލަކު އަވަހާރަވެއްޖެނަމަ އެ ރަސްކަލަކު ފަސްދާނު ލެވެނީ ރަސްކަލަކު ތަޚުތަށް އިސްކުރުމަށް ފަހުގައެވެ.

ރަސްކަމުގެ ތަޚުތުގައި އިންނަވާ ރަސްކަލަކު އަވަހާރަވުމުން ޚާއްޞަ ދެ ކަމެއް ހިނގައެވެ. އެއް ކަމަކީ އަވަހާރަވީ ރަސްގެފާނު ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމުގެ މަސައްކަތެވެ. ކަށުކަމާކެމީގެ ކަންތައްތަކާއި ފަސްދާނުލުމުގެ އެންމެހާ ކަންތައްތައް އަދި ހަށިކޮޅު ބެލެހެއްޓުމާއި ސަންދޯއްކޮޅު ގާޑުކުރުމުގެ މަސައްކަތް ކުރަނީ ދިވެހި ލަޝްކަރުންނެވެ. ދެވަނަ ކަމަކީ ދިވެހި ރަސްކަމަށް ބޭފުޅަކު އިސްކުރުމުގެ މަސައްކަތެވެ. މިކަން ކުރިއަށްދަނީ ރަސްކަމުގެ ބޮޑެތި ކަންތައްތަކާ ދޭތެރޭ ރަދުން މަޝްވަރާ ކުރައްވާ ބޮޑުންގެ މަޖިލިހުގައެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ 1932 ވަނަ އަހަރު ފާސްވުމަށް ދާންދެން މި މަޖިލިސް ދެމިއޮތެވެ.

ދިވެހި ރަސްކަމުގެ ނިޒާމު އަންހެން މަތިފުށަށް ވާރުތަވަމުން އައިއިރު އެއްބަނޑު މީހުންނަށް ރަސްކަން ވާރުތަވަމުން ދިޔަފަދައިން، ފިރިހެން މަތިފުށަށް ރަސްކަން ވާރުތަވާ ފެށުމުން އެއްބަފާ މީހުންނަށް ރަސްކަން ވާރުތަވަމުން ދިޔައެވެ. އަންހެން މަތިފުށަށް ރަސްކަން ވާރުތަވަމުން އައި އަންހެނުންގެ ބާރު ގަދަ ޒަމާންތަކަކަށްފަހު ފިރިހެން މަތިފުށަށް ރަސްކަން ވާރުތަވާން ފެށުމުން މި ނިޒާމުގައި އަންހެން ބޭފުޅުންނަށް ރަސްކަމަށް ވަޑައިގަތުމުގެ މަގު ވަރަށް ބޮޑަށް ހަނިވެގެން ދިޔައެވެ. އަދި އަންހެން ބޭފުޅަކަށް ރަސްކަން ލިބުނު ކަމުގައި ވިޔަސް، އެކަމަނާގެ ދަރިންނަށް އެ ރަސްކަމެއް ވާރުތައެއް ނުވެއެވެ. ކުރީ ޒަމާނުގައި މިގޮތަށް ރަސްކަން ވާރުތަ ނުވާ ސަބަބަކީ އެ ދަރިންގެ ބައްޕައަކީ ރަސްކަމުގެ ނަސަބުން ބޭރު ބޭފުޅަކަށް ވާތީއެވެ. ދިވެހިރާއްޖެ އިސްލާމްވުމަށްފަހު އުފެދުނު ގިނަ ދަރިކޮޅުތަކުގައި ރަސްކަން ވާރުތަކުރީ ފިރިހެން މަތިފުށަށެވެ. އެހެން ނަމަވެސް މިއިން އެއްވެސް މަތިފުށަކާ ނުގުޅޭ ބޭބޭފުޅުން ވެސް ދިވެހިރާއްޖޭގެ ރަސްކަން ކުރައްވާފައިވެއެވެ. އަދި ރާއްޖެއިން ބޭރުގެ ބޭފުޅުން ވެސް ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި ރެދަލިކުރައްވާފައިވެއެވެ.

ރަސްކަން ވާރުތަވުމުގައި ޢަމަލުކުރާ ނިޒާމާ އެއްގޮތަށް ނުވަތަ އެ ނިޒާމުގެ ބޭރުން (ބާރުގެ ބޭނުން ކުރައްވައިގެން) ވެސް ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތަށް ބޭފުޅަކު އިސްވެވަޑައިގެންފިނަމަ އެ ބޭފުޅަކު ވެސް ވެފައިވަނީ ދިވެހި އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާއެވެ. ކޮންމެ ރަސްކަލެއްގެ އަދި ރަނިކަނބަލެއްގެ ރަސްކަން ދެމެހެއްޓުމުގައާއި ދިވެހި ރަސްކަމުގެ ކީރިތިކަމާއި މޫރިތިކަން ދައްކައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ދިވެހި އަސްކަރިއްޔާއިންނެވެ. ދިވެހި ލަޝްކަރުންނެވެ. އެހެންކަމުން ދިވެހީންގެ ރަސްކަމާއި ދިވެހީންގެ ލަޝްކަރާ އޮތީ އެކަތިގަނޑެއްގެ ގޮތުގައެވެ. ކީރިތި މަހާރަދުންނަކީ ދިވެހި ލަޝްކަރުގެ އެންމެ މަތީ ވެރިޔާއެވެ. ކޮމާންޑަރ އިން ޗީފެވެ. ރަދުންނަށްފަހު ރަސްކަމުގައި އެންމެ ބާރުގަދަ މަޖިލިހަކީ ކިލެގެ ބޭކަލުންގެ މައްޗަށް އެކުލެވޭ މަޖިލިހެވެ. ދިވެހި ލަޝްކަރުގެ އެންމެ އިސް ބައިތަކުގެ (ހަވަރުގެ) ވެރިންނަކީ ކިލެގެބޭކަލުންނާއި، ރަސްކަމުގެ ތިންވަނަ ދަރަޖައިގައި ތިއްބަވާ ވަޒީރުންނެވެ. މި ނިޒާމުގައި އަސްކަރިއްޔާގެ ފުލް ކޮންޓްރޯލް އޮންނަނީ ކީރިތި މަހާރަދުންނާއި ކީރިތި މަހާރަދުންގެ އެންމެ އަރިސް ނުވަތަ އެންމެ އިތުބާރުކުރައްވާ އެންމެ ގާތް ރަސްކަމުގެ ބޮޑުންގެ އަތްޕުޅުގައެވެ.

ދިވެހީންގެ ރަސްކަމާއި ދިވެހީންގެ ލަޝްކަރާ އޮތް ގުޅުމުގައި ރަސްކަމުގެ މައްޗަށް ލަޝްކަރަށް އޮތް ބާރުތަކެއް ވެސް ހުއްޓެވެ. ރަސްކަމުގެ ކަންތައްތައް ކަންތައްތައް އިސްލާހުކޮށް ރަނގަޅުކުރުމުގައި ބަސްބުނުމުގެ ބާރު ލަޝްކަރަށް ދެވިފައި އޮތެވެ. މިގޮތުން އޮތް އެއް އާދަކާދައަކީ "ހަވަރުހުއްޓިލެއްވުން" މިއެވެ. ހަވަރު ހުއްޓިލެއްވުމަކީ ހަވަރުގެ ފަރާތުން ރަދުންގެ އަރިހުގައި ރަސްމީގޮތުން ކޮންމެވެސް ބޮޑުކަމަކާމެދު އެއްޗެއް ދެންނެވުމަށްޓަކައި ގުޅަކުޅޭ ފަސްގަނޑަށް ހަވަރު އެއްވުމެވެ. މި އެއްވުން ގިނަ ފަހަރަށް އެއްވަނީ ހުކުރުދުވަހު ހުކުރުން ފޭބުމަށް ފަހުގައެވެ. ހަވަރު ހުއްޓިލެއްވުމަކީ ދިވެހި ލަޝްކަރުން ކޮންމެ ވެސް ކަމަކާ މެދު ހިތްހަމަނުޖެހިގެން އެ ވާހަކަ ކީރިތި މަހާރަދުންނަށް ދެންނެވުމެވެ. ހަވަރުހުއްޓިލައްވައި ހުށަހަޅުއްވާގޮތަކަށް ރަސްކަމުގެ ކަންތައްތައް އިސްލާހުކުރުމަކީ ނުވަތަ ބަދަލުކުރެއްވުމަކީ އާދަކާދައިގެ ތެރޭގައި އޮތް ކަމެކެވެ. މިގޮތުން ބައެއް ފަހަރު ތުއްޕުޅު ބޭފުޅުންގެ ނަންފުޅުގައި ކުރައްވަމުން ގެންދެވި ރަސްކަން ހަވަރު ހުއްޓިލައްވައިގެން ބަދަލުކުރައްވާފައި ވެސް ވެއެވެ. ރަސްކަމާއި ލަޝްކަރާ އޮތް ގުޅުން ފެންނަ އަނެއް ކަމަކީ ރަސްކަމާއި ލަޝްކަރުގެ ތެރޭގައި ހުރި ބައެއް މަޤާމުތަކެވެ.

ދެގެދޭތެރޭމީހުން

ރަސްގެފާނާއި ޝާހީ ޢާއިލާގެ ބޭފުޅުންނާއި ރަސްކަމުގެ ގަނޑުވަރު ހިމާޔަތްކޮށް ދިފާޢުކޮށް، ބެލެހެއްޓުމުގެ ޒިންމާ އަބަދުވެސް އަދާކުރަމުން އައީ ދިވެހި އަސްކަރިއްޔާއިންނެވެ. މިކަމަށް ޚާއްޞަ ފައުޖެއް ނުވަތަ ޔުނިޓެއް އޮވެއެވެ. އެ މީހުންނަށް ކިޔަނީ "ދެގެދޭތެރޭ މީހުން" އެވެ. ދެގެދޭތެރޭ މީހުންނަކީ ހަނގުބޭކަލުން (މިހާރުގެ ގޮތުންނަމަ ސިފައިން) ގެ ތެރޭގައި ހިމެނޭ ޚާއްޞަ ޔުނިޓެކެވެ. "ދެގެދޭތެރޭ މީހުން"ގެ ވަޒީފާއަކީ ރަދުންނާއި ޝާހީ ޢާއިލާއަށް ރައްކާތެރިކަން ދިނުމެވެ. މިބައިމީހުން އާންމުކޮށް ފެންނަނީ ރަދުން ރަސްމީ ޢިއްޒަތުގައި ތަންތަނަށް ވަޑައިގަންނަވާއިރު އަރިހުގައި ބަޑިހިއްޕަވައިގެން ތިއްބަވަނިކޮށެވެ. ރަދުން ބައިވެރިވެވަޑައިގަންނަވާ ރަސްމީ ޕްރޮސެޝަންތަކުގައި ދެގެދޭތެރޭ މީހުންގެ ރަސްމީ ހެދުމަކީ އޮށަނިމަލު ކުލައިގެ ހެދުމެކެވެ. "ދެގެދޭތެރެ" ކިޔަނީ އިހުގައި ރަސްކަމުގެ ބޮޑުގަނޑުވަރުތެރޭގައި ހުރި އުތުރު ގެކޮޅާއި ދެކުނު ގެކޮޅާ މި ދެގެކޮޅުގެ ދޭތެރެއަށެވެ.

މާބަނޑޭރި ނުވަތަ އަމީނުލްސަރާ

ދެގެދޭތެރޭމީހުންގެ ވެރިޔަކީ ރަދުން އަމުރުފުޅުގެ ދަށުން ރަސްކަމުގެ ކޮއިލުތެރޭގެ ހުރިހައިކަމެއް ބެލެހެއްޓުމުގެ އެންމެ މަތީ ވެރިޔާއެވެ. ރަދުން އެންމެ ބޮޑަށް އިތުބާރު ކުރައްވާ އެންމެ އަރިސް އެއް ބޭފުޅެއްކަމަށްވާ "މާބަނޑޭރި" އެވެ. ރަދުންގެ ހަށިކޮޅު ރައްކާތެރިކޮށް ބަލަހައްޓާ ދެގެދޭތެރޭ މީހުންނަށް ޢަމުރުކުރައްވާ އިސްވެރިޔާގެ މަޤާމުގެ ނަމަކަށް ފަހުން أمين السراي (އަމީނުލް ސަރާ) ވެސް ކިޔެވެ. މި ނަމުން ވެސް މާނަކޮށްދެނީ ރަސްގެފާނުގެ ޢަމުރުފުޅުތަކާ އެއްގޮތަށް ރަސްކަމުގެ ކޮއިލުތެރޭގައި ކަންކަން ހިންގަވާން ހުންނަވާ އެންމެ އިސް ބޭފުޅާ ކަމެވެ. މި ނަމަކީ ޢުޘްމާނީ ޚިލާފަތުންނާއި ފާރިސީންގެ ޙަޟާރަތުން ވެސް ފެންނަ މަޤާމެކެވެ.

ރަސްކަމުގެ ނިޒާމުގައި މާބަނޑޭރިކަމާއި ބޮޑުބަނޑޭރިކަމަކީ މުޅިން ތަފާތު ދެ މަޤާމެކެވެ. މާބަނޑޭރިކަމާ ޚިޔާލަށް ބޮޑުބަނޑޭރިކަން ނުވަތަ ރަންނަބަނޑޭރިކަމުގެ ޒިންމާއަކީ ދައުލަތުގެ ޚަޒާނާ ބެލެހެއްޓުމެވެ. މިއީ ދައުލަތަށް ލިބޭހައި ތަކެއްޗެއް ބެލެހެއްޓުމާއި އެއިން ހޭދަކުރުމާއި ވާރުނެގުމާއި ގޮއިވަރުވާއާއި ފަޅުރަށްރަށުގެ ކަންތައްތައް ބެލެހެއްޓުމުގެ ވެރިކަމެވެ.

ސިފައިން

މީލާދީން 1892 ވަނަ އަހަރުގެ އެޕްރީލް 21 ވަނަ ދުވަހު އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ ރަސްކަމުގައި 8 ބޭކަލުންގެ މައްޗަށް "ސިފައިން" އުފެއްދެވީ އޭރު އޮތް އަސްކަރީ ނިޒާމުގައި ރަދުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރައްވައި، ރަދުން ރަސްމީ ޢިއްޒަތުގައި ތަންތަނަށް ވަޑައިގަންނަވާއިރު ޢިއްޒަތް އިތުރަށް ފުރިހަމަ ކުރެއްވުމަށެވެ. އެއީ އެއްގޮތަކަށް ވެސް ދިވެހި އަސްކަރިއްޔާ އަލަށް އުފެއްދެވި އުފެއްދެވުމެއްނޫނެވެ.

ނޫރައްދީން ބަންޑާރައިން "ސިފައިން" އުފައްދަވައި މި ދެންނެވި ޕްރޮސެޝަންތަކުގައި ސިފައިން ބޭތިއްބެވީ ކުރިން "ދެގެދޭތެރޭމީހުން" ތިއްބެވި މަޤާމުގައި ރަދުންގެ އަރިހުގައެވެ. މިގޮތަށް ހެއްދެވުމުން ރަދުންގެ އެންމެ އަރިހުގައި ސިފައިން ތިބެފައި ދެގެދޭތެރޭމީހުން ތިބެނީ ސިފައިންނާ ޖެހިގެންނެވެ. ސިފައިން އުފެއްދެވުމާއެކު ރަދުންގެ ހަށިރައްކާކުރުމުގައި އެންމެ އިސް ޒިންމާއެއް އަދާކުރާ ބަޔަކުކަމުގައި ސިފައިން ހަމަޖެހުނީއެވެ.

ބަޑިކޮޅުހިފާ

ރަދުން ރަސްމީ ޢިއްޒަތުގައި ތަންތަނަށް ވަޑައިގަންނަވާއިރު އަރިހުގައި ހުންނަވާ އެންމެ ޚާއްޞަ އެއް ބޭކަލަކީ ކީރިތި މަހާރަދުންގެ އަރިހުގައި ގެންދަވާ ބަޑިކޮޅު ހިތްޕަވައިގެން ހުންނަވާ ބޭކަލެކެވެ. މި ބޭކަލެއްގެ މަޤާމަށް ކިޔަނީ "ބަޑިކޮޅުހިފާ" އެވެ. މިއީ ވެސް ހަނގުބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސް ބޭކަލެކެވެ. ބަޑިކޮޅުހިފާގެ މަޤާމުގައި ހުންނަވާ ބޭކަލަކީ ބަޑިކޮޅު ހިފުމުގެ އިތުރުން ދިވެހި ލަޝްކަރުގައި ބަޑިބޭހާ ބެހޭ އިސް ވެރިޔާ ނުވަތަ ކޮމާންޑަރެވެ. ބަޑިކޮށީގައި ބަޑިބޭސް މުގުރާ، ބަޑިބޭސް ތައްޔާރުކުރާ މީހުންގެ ވެރިޔާއެވެ. ބަޑިކޮޅުހިފާ މަޤާމުގައި ހުންނަވާ ބޭކަލަކު ރިޕޯޓްކުރަނީ މާބަނޑޭރިއަށެވެ. އެ ބޭކަލަކު މަސައްކަތް ކުރައްވާނީ މާބަނޑޭރި އަންގަވާ ގޮތެއްގެ މަތީންނެވެ.

ބޮޑުބޭކަލުންނާއި ބޮޑުބޭކަނބަލުން

ބޮޑުބޭކަލުންނަކީ ހަވަރުގެ ހަބައިންކުރެ ކޮންމެ ބައެއްގެ ވެރިއެއްގެ ގޮތުން ތިއްބަވާ ބޭކަލުންނެވެ. މިއީ ކޮލިލައްވައި ބޮޑު މުސްކުޅިކަމުގެ އަސާ ދެއްވައިފައި ތިއްބަވާ ބައެކެވެ. ރަދުން ޢިއްޒަތުގައި ތަންތަނަށް ވަޑައިގަންނަވާއިރު އަރިހުގައި މިބޭކަލުން ތިއްބަވަން ޖެހެއެވެ. ބޮޑުބޭކަނބަލުންނަކީ އިހުގައި ބޮޑު ހަނޑޫ ދެއްވައިފައި ތިބޭ އަންހެނުންނެވެ. މީގެ ތެރޭގައި ކަމުވޮށި ކުރައްވާފައިވާ ބޭފުޅުންނާއި ކަމުވޮށި ބޭފުޅުންގެ އަނބިއަނބި ކަނބަލުންނާއި، މެދުރީ މުސްކުޅިޔާގެ އަމުރުގެ ދަށުން ރަސްމީ ބައެއް ކަންތައް ކުރައްވާ އަންހެން ބޭފުޅުން ހިމެނެއެވެ. މެދުރީ މީހުންނަކީ އިހުގައި ގަނޑުވަރުތެރޭގެ ރަސްމީ ފަރީއްކޮޅުތަކާއި އަޑަފިކޮޅުގެ ކަންތަކާއި ތިނޯހު މަސައްކަތުގެ ކަންތައް ކުރުމަށް، ލައްވައިފައި ތިބޭ ބައެކެވެ. މި ކަމަށް ތިބޭނީ އަންހެނުންނެވެ. މި މީހުންގެ ވެރިޔަކަށް ވެސް އިންނާނީ އަންހެނެކެވެ. އެ މަޤާމުގެ ނަމަކީ މެދުރީ މުސްކުޅިކަމެވެ.

މުސްކުޅިން

މުސްކުޅިންގެ ތެރޭގައި "މުސްކުޅި ބޭކަލުން" ، "އަސްކަރު މުސްކުޅިން" ، "މަސައްކަތު މުސްކުޅިން" ފަދަ މަޤާމުތައް ދައުލަތުގައި ހުއްޓެވެ. މީގެތެރެއިން މުސްކުޅި ބޭކަލުންނަކީ މަޖިލިހަށް އަރުއްވާ ބޭކަލުންނެވެ. އަސްކަރު މުސްކުޅިންނަކީ އަސްކަރުންގެ ދަނޑި ދެއްވައިފައި ތިއްބަވާ ބޭކަލުންނެވެ. ޢިއްޒަތަށް ވަޑައިގަންނަވާއިރު މި ބޭކަލުން ތިއްބަވާނީ ރަދުންގެ ކަނާތްޕުޅު ފަރާތުގައެވެ. މަސައްކަތު މުސްކުޅިންނަކީ ހަނގުބޭކަލުންގެ ތެރޭގައި ހިމެނޭ ބައެކެވެ. މި ބޭކަލުންގެ ވަޒީފާއަކީ ބުރުޒުގެ ތެރޭގެ އެތަންމިތަނަށް އެޅިފައި ހުންނަ އުންޑަ ހޮވުމެވެ. މި މަޤާމަކީ މާގިނަ ބޭކަލުން ތިއްބަވާ މަޤާމެއް ނޫނެކެވެ. 1932 ވަނަ އަހަރު ފުރަތަމަ ޤާނޫނު އަސާސީއާއެކު އުފެދުނު މަޙްކަމަތުލް ޢަޝްކަރިއްޔާގައި މި މަޤާމުގައި ތިއްބެވީ 3 ބޭކަލުންނެވެ.

ބުރުޒު ބަނޑޭރި

ބުރުޒު ބަނޑޭރިކަމަކީ ހަވަރަށް އެކިއެކި ކަންކަމަށް އަންގަން ފޮނުއްވާ ބޭކަލުންގެ މަޤާމެވެ. މީގެއިތުރުން ބުރުޒު ބަނޑޭރީންނަކީ ބުރުޒު ބަލަހައްޓާ ބުރުޒުތައް ތައްޔާރީ ހާލަތުގައި ދަމަހައްޓާ އެތަންތަނުގައި ކުރަން ޖެހޭ މަރާމާތުތައްކޮށް އާބާތުރަފިލުވުމުގެ ކަންތައްތައް ކުރައްވާ ބޭކަލުންނެވެ.

ހަނގުބޭކަލުން

ހަނގުބޭކަލުންނަކީ ކުރީގެ ޒަމާނުގައި ދިވެހިރާއްޖޭގެ ރަސްގެފާނުގެ ލަޝްކަރެވެ. މިހާރުގެ ގޮތުންނަމަ ސިފައިންނެވެ. ހަނގުބޭކަލުންގެ ތެރޭގައި ތަފާތު ގިންތީގެ ނުވަތަ ދަރަޖައިގެ އަދި ތަފާތު މަސައްކަތްކުރާ ބޭކަލުން ތިއްބެވިއެވެ. އެ ބޭކަލުންގެ މަޤާމުގެ ނަން ގުޅިފައި އޮތީ އެ ބޭކަލުން ކުރެއްވި މަސައްކަތްތަކާއެވެ. ހަނގުބޭކަލުންގެ ތެރޭގައި ސީދާ ލަޝްކަރުގެ ބަޔަކާއި ސީދާގޮތުން ލަޝްކަރުގައި ނުހިމެނޭ ބަޔަކު ވެސް ތިއްބެވެ.

ކުދިހަނގުން ނުވަތަ ކުދިހަނގުބޭކަލުންނަކީ ހަނގުހަނޑޫ ލިބިފައި ތިއްބަވާ ކުދިބޭކަލުންނެވެ. ކުދިބޭކަލުންނަކީ ރަސްމީ ޢިއްޒަތުގެ ކަންތަކުގައި ރަސްގެފާނާ އެންމެ އަރިހަށް ތިބޭ ޚާދިމުންނެވެ. މިއީ އެތެރެކޮއިލުގެ އެތައްކަމެއް ކުރާން ބަތާ ދެއްވާފައިތިބޭ ރަސްމީ ބައެކެވެ. ރަންކުދިބޭކަލުންނަކީ ރަންޖެހިގަނޑުވަރު ކުދިބޭކަލުންނެވެ.

ތިން އޮޅިމެދު ހަނގުބޭކަލުންނަކީ ހަނގުކަމާއި ވަރުހަނގުކަމާއި އަސްކަރުކަމާއި އައްތާރަ ފަނިކަން ދެއްވައިފައިވާ ބޭކަލުންނެވެ. ޖަހާ ހަނގުބޭކަލުންނަކީ އިހުގައި ކިލެގެބޭކަލުންގެ ތެރެއިން ރަދުން ހޮއްވަވާ ޚާއްޞަ ބޭފުޅުންކޮޅެކެވެ. މިއީ ރަދުން މަޝްވަރާކުރެއްވުމަށާއި ރަސްމީ އިއްޒަތްތަކުގައި ބައިވެރިވެވަޑައިގަތުން ފަދަ ކަންތައްތަކަށް ޚާއްޞަކުރެވޭ ބައެކެވެ. ވަޑި ހަނގުބޭކަލުންނަކީ ގަނޑުވަރުތެރޭގެ ވަޑާމުގެ ކަންތައް ކުރުމަށް ބަނޑު ހަނޑޫދެއްވައިފައި ތިއްބަވާ ބޭކަލުންނެވެ. އެ ޒަމާނުގައި އެއްގަމުގައާއި ކަނޑުމަތީގައި ބޭނުންކުރެވުނު ހުރިހާ ތަކެއްޗެއް މަރާމާތުކޮށް އަދި ހަދަންޖެހުނު އެއްޗެއް ހަދަނީ މި ބޭކަލުންނެވެ. މި ޒަމާނުގެ ބަހުން ނަމަ މިއީ އެ ޒަމާނުގައި އޮތް "އިންޖިނިއަރިންގ ރެޖިމެންޓް" އެވެ.

ބެރުދުންމާރިތާޅަފިލިވެރިން

ބެރުދުންމާރިތާޅަފިލި ކިޔަނީ ބެރާއި ދުންމާރިއާއި ތާޅަފިލި ހިމަނައިގެންނެވެ. ބެރުދުންމާރިތާޅަފިއްޔަކީ އިހުގައި ރަސްކަލުން ތަންތަނަށް ވަޑައިގެންނެވުމުގެ ރަސްމީ ޢިއްޒަތުގައި ބެރުގައި ޖަހާ ހަރުބިޔާ، އެޔާއެކު ފުމޭ ދުންމާރިއާއި ތާޅަފިއްޔެވެ. ބެރުދުންމާރި ތާޅަފިލިވެރިންނަކީ ބެރުވެރިންނާއި ދުންމާރިވެރިންނާއި ތާޅަފިލިވެރިންނެވެ. ހަނގުބޭކަލުންގެ ތެރޭގައި ނުހިމެނުނަސް ލަޝްކަރުގެ ބައެކެވެ. މީގެތެރެއިން ބެރުވެރިންނަކީ އެކިއެކި ޚާއްޞަ އެންގުންތައް އެކަމަކަށް ވަކި ހަމައަކުން ޖަހާ ބެރަކުން އިޢުލާންކުރި ބޭކަލުންނެވެ. މީގެތެރޭގައި ހަވަރު އެއްކުރުމަށް ޖަހާ ހަވަރުބެރު، އަލިފާނުގެ ހާދިސާއެއް ހިނގުމުން ޖަހާ އަލިފާންބެރު، ހަނގުރާމައެއް އިޢުލާންކުރުމަށްޖަހާ ހަނގުރާމަބެރު ފަދަ އެތައްއެތައް ބެރެއް ހުރެއެވެ. މިއިން ކޮންމެ ބެރަކީ އެ ބެރެއް ޖެހުމުން އެޒަމާނުގައި އެންމެން ދަންނަ ބެރުތަކެކެވެ.

ނޯޓު: ލިޔުމާއެކު ޝާއިޢުކުރެވިފައިވާ ތަސްވީރަކީ އޭއައި ބޭނުންކޮށްގެން ކުރަހާފައިވާ ޚިޔާލީ ތަސްވީރެކެވެ.

Related News