ދިވެހި|English Sep 7, 2026 · 12:22
Top banner
Advertisement
ދިވެހި ސަރުކާރާއި އައި.ޓީ.އެފް.ސީ އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
News

ދިވެހި ސަރުކާރާއި އައި.ޓީ.އެފް.ސީ އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މމުހައްމަދު އަލީSep 7, 2026

ދިވެހި ސަރުކާރާއި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސިންގ ފްރޭމްވޯކް އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މިއީ ފަސް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން، ސަރުކާރަށާއި ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް، ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކަށް ބޭނުންވާ ޓްރޭޑް ފައިނޭންސިންގ ފެސިލީޓީތައް ހަމަޖެއްސުމަށްވަނީ އެއްބަސްވެފައި ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

މި އެއްބަސްވުމް އެކުލަވާލައިފައިވަނީ މިހިނގާ 2026 ވަނަ އަހަރުން ފެށިގެން 2031 ގެ ނިޔަލަށެވެ. މި އެއްބަސްވުމުގައި ސޮއިކުރީ އައި.ޓީ.އެފް.ސީގެ ސީ.އީ.އޯ އިންޖިނިއަރ އަދީބު ޔޫސުފް އަލް-އާމާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގައި އިއްޔެއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އަދި ރާއްޖެއިން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކަށް ކަނޑައަޅުއްވާފައިވާ ގަވަރުނަރު ހަސަން ޒަރީރެވެ.

މި ފްރޭމްވޯކްގެ ދަށުން، ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ މުދާ އިމްޕޯޓްކުރުމަށާއި، ރާއްޖެއިން ބޭރުކުރާ މުދަލުގެ ވިޔަފާރި ފުޅާކުރުމަށް މާލީ އެހީތެރިކަން ލިބިގެން ދާނެއެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ޝަރުތު ހަމަވާ އަމިއްލަ ކުންފުނިތަކަށްވެސް މި ޓްރޭޑް ފެސިލިޓީގެ ދަށުން ބޭންކުތައް މެދުވެރިކޮށް ފުރުސަތު ހުޅުވިގެންދާނެއެވެ. މީގެ އިތުރުން، ވިޔަފާރިއާ ގުޅުންހުރި ފަންނީ އެހީތެރިކަމާއި އިރުޝާދު ދިނުމާއި، ބައިނަލްއަގުވާމީ ބާޒާރުތަކަށް ރާއްޖޭގެ އުފެއްދުންތައް ވާސިލުކުރުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއުތައް ރާއްޖޭގެ ތަރައްގީގެ އަމާޒުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިހަފްލާގައި ވާހަކަދައްކަވަމުން، މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވި ގޮތުގައި، އައި.ޓީ.އެފް.ސީ އުފެދުނީއްސުރެ ރާއްޖެއަށް ދެމުންދާ އެހީތެރިކަން ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. ކުރިން ހަމައެކަނި ހަކަތައިގެ ދާއިރާއަށް އަމާޒުކޮށްދިން އެހީތެރިކަން، މިހާރު ވަނީ ވިޔަފާރިއާއި ތަރައްގީގެ ދާއިރާތަކަށް ބަދަލުވެފައެވެ. މީގެ ތެރޭގައި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އިމްޕޯޓްކުރުމުގެ އިތުރުން، މަސްވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދޭ އެހީތެރިކަން ހިމެނެއެވެ.

ޚާއްޞަކޮށް 2017 ވަނަ އަހަރުން ފެށިގެން އެސް.ޓީ.އޯ އަށް ދެމުންދާ ޓްރޭޑް ފައިނޭންސް ފެސިލިޓީއަކީ މި ގުޅުމުގެ މުހިންމު ބައެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ފެސިލިޓީގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ މެދުނުކެނޑި ގަތުމަށް ބޭނުންވާ ފައިސާ ހަމަޖެހި، ދައުލަތުގެ ވިޔަފާރި މުއާމަލާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އައި.ޓީ.އެފް.ސީގެ ސީ.އީ.އޯ އިންޖިނިއަރ އަދީބު އަލް-އާމާ ވިދާޅުވީ، މި އެއްބަސްވުމަކީ ގިނަ އަހަރުތަކެއްގެ ގާތް ގުޅުމުގެ ނަތީޖާ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ބޭންކުތަކާއި ޕްރައިވެޓް ސެކްޓަރ އާއި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި އެއްބަސްވުމަކީ 2019 އިން 2024 އަށް އޮތް ފުރަތަމަ ފަސް އަހަރުގެ އެއްބަސްވުން ނިމުމަކަށް އައުމާ ގުޅިގެން ސޮއިކުރެވުނު އެއްބަސްވުމެކެވެ. ނިމިދިޔަ އެއްބަސްވުމުގެ ދަށުން އައި.ޓީ.އެފް.ސީ އިން 1.5 ބިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ކަނޑައެޅިކަމުގައިވިޔަސް، އޭގެ ތެރެއިން 1.7 ބިލިއަން ޑޮލަރު ވަނީ ބޭނުންކޮށްފައެވެ. 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ އިދާރާއިން ވަނީ ޖުމްލަ 3.3 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ.

އިންޖިނިއަރ އަދީބު އަލް-އާމާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ފައިނޭންސް މިނިސްޓަރ ހަސަން ޒަރީރާއި، މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރާ ބައްދަލުކުރައްވައި، އިގްތިސާދީ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން އެސް.ޓީ.އޯގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ އިދާރާގެ ބައެއް ފެސިލިޓީތައްވެސް ބައްލަވާލެއްވިއެވެ.

އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގްރޫޕްގެ މުއައްސަސާއެކެވެ. މި ކޯޕަރޭޝަން އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެންބަރު ޤައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ފުޅާކޮށް، އޭގެ ޒަރީޢާއިން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް އެހީތެރިވެދިނުމެވެ. ޖެނުއަރީ 2008 ގައި މަސައްކަތް ފެށި މި މުއައްސަސާއިން މިހާތަނަށް އޯ.އައި.ސީގެ މެންބަރު ޤައުމުތަކަށް 100 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިނޭންސިންގ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިއާއެކު، އެ ކޯޕަރޭޝަން ވެފައިވަނީ މެންބަރު ޤައުމުތަކުގެ ވިޔަފާރީގެ ބޭނުންތަކަށް ބޭނުންވާ ޙައްލުތައް ހޯދައިދޭ އެންމެ އިސް މުއައްސަސާއަށެވެ.

އައި.ޓީ.އެފް.ސީގެ އަމާޒަކީ އޯ.އައި.ސީގެ މެންބަރު ޤައުމުތަކާއި އެހެނިހެން ސަރަޙައްދުތަކުގައި ވިޔަފާރި ކުރިއެރުވުމަށް ބާރުއަޅާ މުހިންމު މުއައްސަސާއަކަށް ވުމެވެ. މިގޮތުން، މެންބަރު ޤައުމުތަކުގެ ކުންފުނިތަކަށް ވިޔަފާރީގެ މާލީ އެހީތެރިކަން ހޯދައިދިނުމަށް މަގުފަހިކޮށްދިނުމާއި، ބައިނަލްއަޤްވާމީ ބާޒާރުގައި ކާމިޔާބުކަމާއެކު ވާދަކުރުމަށް ބޭނުންވާ ފަންނީ ތަމްރީނާއި ވަސީލަތްތައް އެ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި މި ކޯޕަރޭޝަނުން މުހިންމު ދައުރެއް އަދާކުރެއެވެ.

 

Related News