ސަލާމަތީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ރާއްޖެއަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މުހިންމު ޒިންމާ އުފުލާ ބަޔަކީ ފުލުހުން ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ މުހިންމު އެޒިންމާ އަދާކުރުންމަތިގައި ފުލުހުން އަބަދުވެސް ދެމިތިބޭނޭ ކަމަށެވެ.
ފުލުހުންގެ ކޮންމެ އޮފިސަރަކުވެސް ގެންދަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި ވަބާތައް ހައްލުކުރުމުގެ ޒިންމާ ހިތްވަރާއެކު އަދާކުރަމުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ފުލުހުން ގެންދަނީ މަގުމައްޗަކީވެސް ރައްކާތެރި އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުންގެ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރުވަނީ ނެއިބަރހުޑު ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކަށް ތައުރީފްކުރައްވައިފައެވެ. ވަޒީރު ވިދާޅުވީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި މާރާމާރީތައް ހިނގައި މީހެއްގެ ފުރާނާ ގެއްލިގެންގޮސްފައިނުވަނީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުން ކަމަށެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ ޤައުމީ މަސައްކަތުގައި ވެސް ފުލުހުންގެ ދައުރު ބޮޑު ކަމަށާއި އެހެން ކަމުން އެ މަސައްކަތުގައި ހަރަކާތްތެރިވާ ފުލުހުންނަށް ޝުކުރުއަދާކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފުލުހުންގެ މުއައްސަސާ ރައްޔިތުން ބަލައިގަންނަނީ ވަކި ފަރާތަކަށް ނުޖެހި ޤާނޫނޫ ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ސަބަބުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ ފާއިތުވި 22 އަހަރު ދުވަހުގެ ތެރޭގައި ފުލުހުންނަށް އެންމެ ބޮޑު ތަސައްލީއެއް ލިބެންވާނީ ރައްޔިތުން ފުލުހުންގެ މުއައްސަސާއާމެދު ދެކޭ ގޮތަކުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަންކަމާއި އަދި ލިބިފަ އޮންނަ ބާރެއްގެ ބޭނުން ނަހަމަ ގޮތުގައި ނުހިފުމަށް ފުލުހުންނަށް އިލްތިމާސްކުރައްވާފައެވެ.





