ކޮލޮމްބިއާ، ޕެރޫ އަދި އެކުއަޑޯއާއެކު ވިޔަފާރީގެ އެއްބަސްވުންތަކުގައި ވަރަށް އަވަހަށް ސޮއިކުރުމަށް އުންމީދުކުރައްވ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެއެވެ.
މިއީ ލެޓިން އެމެރިކާގެ ކަނާތުފިޔައިގެ އިއްތިހާދީ ގައުމުތަކާއެކު ބަދަހި ގުޅުމެއް ގާއިމުކުރުމަށް ވޮޝިންގޓަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކުރައްވާ ކަމެކެވެ.
ރޫބިއޯ ވަނީ އަންގާރަ ދުވަހު ބަރަންކީޔާއަށް ވަޑައިގެން ކޮލޮމްބިއާގެ ރައީސް އަބެލާޑޯ ޑެލާ އެސްޕްރިއެލާއާ ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅަކީ އިއްތިހާދީ ސަރުކާރުތަކާއެކު އޮތް ގުޅުން ބަދަހިކުރުމަށާއި އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ފުޅާކުރުމުގެ މަގުސަދުގައި ތިން ގައުމަކަށް ކުރައްވާ ދަތުރުފުޅުގެ ބައެކެވެ.
ރޫބިއޯ ވިދާޅުވީ އެ ގައުމުތަކާއެކު ގުޅުން ބަދަހި ކުރެވިދާނޭ ގިނަ ދާއިރާތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ސަރަހައްދުގައި ހިންގާ ބައިނަލްއަގުވާމީ ޖަރީމާތަކާއި ނުރައްކާތަކާ ކުރިމަތިލުމާއި، އިގްތިސާދީ ކަންކަން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. "މިއީ ހުޅަނގުގެ ދުނިޔޭގައި އެމެރިކާއާއި އެމެރިކާގެ މަސްލަހަތުތަކާއެކު އެއްގޮތްވަމުންދާ ކަމުގެ ނިޝާނެއް."
ކޮލޮމްބިއާގެ އިތުރުން، މި ހަފުތާގެ ފަހުގެ ތާރީޚެއްގައި އެކުއަޑޯއާއި ޕެރޫއަށް ރޫބިއޯ ދަތުރުކުރައްވާނެއެވެ. މިދަތުރުފުޅުގައި އެ ގައުމުތަކުގެ ރައީސުން ކަމަށްވާ ދާނިއެލް ނޮބޯއާއާއި ކެއިކޯ ފުޖިމޯރީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮލޮމްބިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ރޫބިއޯ ވަނީ ކުރިއަށް އޮތް ތަނުގައި މި ތިން ގައުމާއެކުވެސް "ރަނގަޅު، ވަރުގަދަ" ވިޔަފާރީގެ އެއްބަސްވުންތަކެއް ގާއިމުކުރުމަށް ވޮޝިންގޓަނުން މަސައްކަތްކުރަމުންދާކަން ސާފުކޮށް ވިދާޅުވެފައެވެ.





