ދިވެހި|English Sep 14, 2026 · 15:56
Top banner
Advertisement
ބްލޮކް ގްރާންޓް ފަނަރަ ޕަސެންޓަށް އިތުރުކުރަން ހުށަހަޅައިފި
News

ބްލޮކް ގްރާންޓް ފަނަރަ ޕަސެންޓަށް އިތުރުކުރަން ހުށަހަޅައިފި

މމުހައްމަދު އަލީSep 14, 2026

ދިވެހިރާއްޖޭގެ ލޯކަލް ކައުންސިލް އެސޯސިއޭޝަނުން އެކުލަވާލާފައިވާ ދިރާސާއަށް ބިނާކޮށް އެމްޑީޕީ ކޮންގްރެސްއަށް މުހިންމު ސިޔާސަތުތަކެއް ހުށަހަޅައިފިއެވެ. އެގޮތުން ކައުންސިލްތަކުގެ މާލީ ގާބިލުކަން އިތުރުކުރުމާއި އާމްދަނީ ފުޅާކުރުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށްދޭ ބްލޮކް ގްރާންޓް ފަސް ޕަސެންޓުން ފަނަރަ ޕަސެންޓަށް ބޮޑުކުރަން ވަނީ ހުށަހަޅައިފައެވެ. ބޭނުމަކީ ރިކަރަންޓް ޚަރަދުކުރުމަށްފަހު މުޖުތަމައުގެ ރައްޔިތުންނާއެކު ކައުންސިލްތަކުން ތައްޔާރުކުރާ ތަރައްގީގެ ކަންކަން ކުރުމަށް ފައިސާ ހޯދުން ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ލާމަރުކަޒީ ގާނޫނުގައި ބަޔާން ކޮށްފައިވާ ސެކްޓޯރަލް ގްރާންޓް ކައުންސިލްތަކަށް ދިނުމަށް ވެސް ހުށަހަޅާފައިވެއެވެ. އެގޮތުން ގްރީން ފަންޑަށް ނަގާ އަދަދުގެ %20، ބިމު ކުލީގެ %50 (މިހާރު %40)، އަދި އެ ދާއިރާއަކުން ނަގާ ޓެކްސް/ފީގެ %5 ކައުންސިލްތަކަށް ދިނުމަށް މަޝްވަރާކުރުމަށް ހުށަހަޅާފައި ވެއެވެ. އަދި ލޯނާއި ދަރަނީގެ ނިޒާމެއް ތައާރަފްކޮށް ސަރަހައްދީ ކޮމިއުނިޓީ ބޭންކްތައް އުފެއްދުމަށް ފުރުސަތު ދިނުމާއެކު، އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނިވެރިވެވޭނެ ނިސްބަތެއް ކަނޑައެޅުމާއި، ގަރަންޓީ ލިބޭނެ ނިޒާމެއް ހަމަޖެއްސުން ވެސް ހިމެނެއެވެ.

އިހުތިސާސާއި ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން

މި އިސްލާހުގައި ބުނެފައިވަނީ ރަށާއި އަތޮޅުގެ އިހްތިސާސް ގާނޫނު އަސާސީގައި ކަނޑައަޅައި، އެ ސަރަހައްދުގައިވާ ގުދުރަތީ ވަސީލަތްތަކުގެ (ބިން، ފަރު، ކަނޑު) މިލްކުވެރިކަން ކައުންސިލްތަކަށް ދޭންޖެހޭ ކަމަށެވެ. އަދި އަތޮޅު ކައުންސިލް އަލުން އިޔާދަކޮށް، ރަށު ކައުންސިލްގެ އިހުތިސާސްގައި ނުހިމެނޭ ވަސީލަތްތައް އަތޮޅު ކައުންސިލަށް ލިބި، ރަށު ކައުންސިލްތަކަށް މާލީ އެހީތެރިކަން ދެވޭނެ މަގު ފަހިކުރުމަށް ވެސް އިސްލާހު ހުށަހަޅާފައިވެއެވެ.

އިދާރީ ހިންގުމާއި މުވައްޒަފުންގެ އޮނިގަނޑު

މި އޮނިގަނޑުގައި ބުނެފައިވަނީ މުވައްޒަފުން އައްޔަނުކުރުމާއި، ޕްރޮމޯޝަން ދިނުމާއި، ފިޔަވަޅުއެޅުމާއި ވަކިކުރުމުގެ ބާރު ކައުންސިލަށް ލިބިދޭންޖެހޭ ކަމަށެވެ. އަދި މުވައްޒަފުން ކައުންސިލަށް ޖަވާބުދާރީކުރުވޭނެ ނިޒާމެއް ކަނޑައެޅުމަށް ވެސް ހުށަހަޅާފައިވެއެވެ.

އަދި ކައުންސިލްގެ ރައީސާއި ނައިބު ރައީސް ފިޔަވައި އެހެން މެމްބަރުންނަކީ ދުވަހުން ދުވަހަށް އޮފީހަށް ނުކުންނަން ނުޖެހޭ ސިޓިންގ/ފިކްސްޑް އެލަވަންސް ލިބޭ ކައުންސިލަރުންގެ ގޮތުގައި ހަމަޖެއްސުމަށް ވެސް އިސްލާހު ހުށަހަޅާފައިވެއެވެ. މީގެ މަގްސަދަކީ ކައުންސިލްގައި ގިނަ ބަޔަކު ތަމްސީލުވުމަށް ފުރުސަތު ދިނުން ކަމަށް ބުނެފައިވެއެވެ.

މިއިސްލާހު ތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެފައިވަނީ އަންހެނުންގެ ކޮމިޓީ އުވާލުމެވެ. އަންހެނުންގެ ކޮމިޓީ އުވާލައި، ކައުންސިލްގެ ރައީސް ފިޔަވައި ދެންހުރި ގޮނޑިތައް ދެޖިންސަށް ހަމަހަމައަށް ކަނޑައެޅުމަށް އިސްލާހު ވަނީ ހުށަހަޅައިފައެވެ.

ގައުމީ ތަރައްގީގެ ޕްލޭނާއި ޚިދުމަތްތައް ލާމަރުކަޒުކުރުން

ދިގު މުއްދަތުގެ ގައުމީ ތަރައްގީގެ ޕްލޭން ސަރުކާރާއި ކައުންސިލްތައް މަޝްވަރާކޮށްގެން އެކުލަވާލާ ދުރު މުސްތަގުބަލުގެ ގައުމީ ތަރައްގީގެ ޕްލޭންގެ އޮނިގަނޑު ގާނޫނުގައި ކަނޑައެޅުމާއި، ސިޔާސީ މެނިފެސްޓޯތައް އެ އޮނިގަނޑަށް ފެތޭގޮތަށް ބައްޓަންކުރުމަށް ވެސް އިސްލާހު ވަނީ ހުށަހަޅައިފައެވެ. ރަށުގައި ދޭ ސަރުކާރުގެ ހިދުމަތްތައް ކައުންސިލްތަކުގެ ބެލުމުގެ ދަށުން ފޯރުކޮށްދިނުމަށް ވެސް ވަނީ އިސްލާހު ހުށަހަޅައިފައެވެ.

އިންތިޚާބީ ނިޒާމާއި ގާނޫނީ ރައްކާތެރިކަން

މި އިސާލާހުގައި ބުނެފައިވަނީ ކައުންސިލް އިންތިޚާބުގައި އެ ދާއިރާއެއްގައި ރަށްވެހިވެ ދިރިއުޅޭ މީހުންގެ ވޯޓުން އެ ދާއިރާއެއްގެ ކައުންސިލް އިންތިޚާބުކުރުމަށެވެ. އަދި ކައުންސިލްތަކުގެ ހައްގުގައި ވަކާލާތުކުރާނެ ގާނޫނީ ބާރު ލިބިދީފައިވާ ޝަހުސެއް އުފެއްދުމާއި، ކައުންސިލްތަކާއި ސަރުކާރާ ދެމެދު އުފެދޭ ދެބަސްވުންތައް ހައްލުކުރުމަށް ނިޒާމެއް އެކުލަވާލުމަށް ވެސް އިސްލާހު ވަނީ ހުށަހަޅައިފައެވެ. އެމްޑީޕީން މިހާރުވަނީ މި އިސްލާހުތަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މިމަހު ވިއްސާ ހަމައަށް ހުޅުވާލައިފައެވެ.

މި އިސްލާހުތައް ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ މާލީ ހިންގުމާއި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކައުންސިލްތަކަށް މާލީ އަދި އިދާރީ މިނިވަންކަން ފުރިހަމައަށް ދިނުމަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށާއި ސަރަހައްދީ ތަރައްގީއަށް ކޮންމެހެން ބޭނުންތެރި ކަމަކަށްވާތީ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 1 އިން 3 އަށެވެ.

Related News