މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދެންނެވުން އޮތީ ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވެވި މިރަސްމިއްޔާތުގައެވެ. އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.
އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުން ސަގާފީ ހުށަހެޅުމެއް މިއަދު ހުށަހަޅައިދިނެވެ. އެއަށްފަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފައެވެ.
މިރަސްމިއްޔާތުގައި ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ އެމަނިކުފާނުގެ ޝަރަފުގައި ބޭއްވި ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. އެއަށްފަހު، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ދިވެހި ދައުލަތުގެ އިއްޒަތްތެރީން މަރްޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމާއި، މެލޭޝިއާގެ ވަފުދުގެ ބޭފުޅުން ތަޢާރަފުކޮށްދެއްވުންވެސް އޮތެވެ.





