ދިވެހި|English Sep 16, 2026 · 09:20
Top banner
Advertisement
މެލޭޝިޔާއާއި ރާއްޖެއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވައިފި
News

މެލޭޝިޔާއާއި ރާއްޖެއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވައިފި

ހިރި ނިއުސްހިރި ނިއުސްSep 15, 2026

މެލޭޝިޔާގެ ބޮޑުވަޒީރު، އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒާއި ދެބޭފުޅުން މިއަދު ރަސްމީ މަޝްވަރާތައް ބާއްވަވައިފިއެވެ.

މިއަދު ހެނދުނު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އިސްކޮށް ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒާއި ބޮޑުވަޒީރު އަންވަރު އިބްރާހީމެވެ. މަޝްވަރާތައް އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި މަޝްވަރާތަކުގައި، ރާއްޖޭގެ ޤައުމީ ތަރައްޤީއަށް މެލޭޝިޔާއިން ވެދެއްވަމުން ގެންދަވާ ދިގު މުއްދަތުގެ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު ޝުކުރު އަދާކުރެއްވިއެވެ. އަދި ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ދިވެހިރާއްޖެއަށް ވަޑައިގަންނެވުނުކަމަށްޓަކައި އުފާކުރައްވާކަން ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒުގެ ޒަޢާމަތަށް ތަޢުރީފު ކުރައްވާފައެވެ.

މި މަޝްވަރާތަކުގައިވަނީ ދެޤައުމުގެ ދެމެދުގައިވާ ޚާރިޖީ ގުޅުންތަކުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ. އެގޮތުން އިސްލާމީ ކަންތައްތަކާއި، ދިފާއީ ދާއިރާއާއި، ވިޔަފާރިއާއި އިންވެސްޓްމަންޓާއި، ސިއްޙީ ދާއިރާ އަދި ފަތުރުވެރިކަން ހިމެނޭހެން މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތަކާ މެދު މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން، ޤުދުރަތީ ވަޞީލަތްތަކުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމާ މެދުވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ވަނީ ދެޤައުމުގެ ދެމެދުގައި ޕްރެފަރެންޝަލް ޓްރޭޑް އެގްރީމަންޓެއް (ޕީ.ޓީ.އޭ) ޤާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް އުޞޫލީ ގޮތުން އެއްބަސްވެވަޑައިގަންނަވާފައެވެ.

މި މަޝްވަރާތައް ނިންމާލައްވާފައިވަނީ ފަލަސްޠީނުގެ ޙައްޤުގައި ކުރެވޭ މަސައްކަތްތައް ހިމެނޭހެން، ބައިނަލްއަޤްވާމީ މަސްރަޙުގައި އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށާއި، އޭއެންއޯ އަދި ބައިނަލްއަޤްވާމީ އެހެނިހެން ފޯރަމްތަކުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް ދެބޭފުޅުން އަލުން ޢަޒުމް ކަނޑައަޅުއްވަމުންނެވެ.

Related News