މެލޭޝިޔާއިން ރާއްޖެއަށް ސަތޭކަ މިލިއަން ޑޮލަރު ދޭން އެއްބަސްވެފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ބޭއްވި ރަސްމީ ވާހަކަތަކަށްފަހު އެމަނިކުފާނު ވިދާޅުވީ މިއީ ރާއްކޭގެ މަރުކަޒީ ބޭންކު އެމްއެމްއޭއިން އެދިގެން ދެއްވާ ފެސިލިޓީއެއް ކަމަށެވެ.
އަންވަރު ވިދާޅުވީ މި ފެސިލިޓީ ދެއްވުމަށް ނިންމެވީ ދެގައުމުގެ މެދުގައި އޮންނަ އިތުބާރާއި ރަހުމަތްތެރި ކަމުގެ މައްޗަށް ބިނާކޮށް ކަމަށެވެ. މި ފައިސާ ދިނުމަށް އެއްބަސްވުމަށްފަހު މިކަން ނިންމުމަށްޓަކައި ދެ ގައުމުގެ މަރުކަޒީ ބޭންކުން ވެސް އަވަސް އިންތިޒާމް ތަކެއް ހަމަޖައްސަވަން ޖެހޭ ކަމަށެވެ. މިކަން އަވަހަށް ނިންމުމަށް މަރުކަޒީ ދެ ބޭންކުން ވެސް އެއްބަސްވެފައިވާ ކަމަށް އަންވަރު ވިދާޅުވިއެވެ.





