ދިވެހި|English Sep 16, 2026 · 10:46
Top banner
Advertisement
ރާއްޖޭގައި މިހާރުއޮތީ ޑިމޮކްރަޓިކް ސަރުކާރެއް ކަމަށް ނުބެލެވޭނެ: ފައްޔާޒު
News

ރާއްޖޭގައި މިހާރުއޮތީ ޑިމޮކްރަޓިކް ސަރުކާރެއް ކަމަށް ނުބެލެވޭނެ: ފައްޔާޒު

މމުހައްމަދު އަލީSep 16, 2026

ރާއްޖޭގައި މިހާރުއޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ޑިމޮކްރެޓިކް ސަރުކާރެއް ކަމަށް ނުބެލެވޭނޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ "މި ސަރުކާރަކީ ޑިމޮކްރެސީ ސަރުކާރެކޭ ބުނުމުގެ ހައްގު މިހާރު ވަނީ ގެއްލިފައި،" ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީއަކީ ޒަމާނީ ޑިމޮކްރެސީގެ ނިޒާމަކަށް ވާސިލުވުމަށް އެބޭފުޅުން ކުރެއްވި ފުރަތަމަ މަސައްކަތް ކަމަށެވެ. "ނަމަވެސް، އެ ޤާނޫނުއަސާސީ އެކުލަވައިލިއިރު ތަސައްވުރުކުރެވުނު ފާރަވެރިވުމާއި ބާރުތައް ވަކިކުރުމުގެ ނިޒާމު، ރައީސް މުޢިއްޒު ވަނީ މުށުތެރެއަށް ލައްވާފައި،" ފައްޔާޒު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އިދިކޮޅު ޕާޓީތަކުގެ އެކްޓިވިސްޓުން ވަޒީފާތަކުން ވަކިކޮށް، އެމީހުންގެ އަމިއްލަ ދިރިއުޅުމަށް ފުރައްސާރަކޮށް، އަދި ވެރިކަން ކުރާ ޕީއެންސީއަށް ސޮއިކުރުމަށް ބިރުދައްކަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ޑރ. މުޢިއްޒު ވަނީ މީޑިއާގެ ކޮންޓްރޯލް މުޅިން އަމިއްލަ މުށުތެރެއަށް ނަންގަވާފައި ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ވާހަކަދެއްކުމުގެ ޙައްގާއި، މުޒާހަރާކުރުމުގެ ޙައްގާއި، އަމިއްލަ ފައިސާ ޚަރަދުކުރުމުގެ މިނިވަންކަމެއްވެސް މިއަދަކު ދިވެހީންގެ ރާއްޖެގައި ދިވެހީންނަށް ނެތްކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ރައްޔިތުންނަކީ ވެރިކަން ހިންގުމުގައި ބައިވެރިވުމުގެ އިތުބާރު ލިބިގެންވާ ބައެއްގެ ގޮތުގައި ބަލައިގަންނަ ވަރުގަދަ ޑިމޮކްރަސީގެ އޮނިގަނޑެއް ބިނާކުރުމުގެ މުހިންމު ކަމަށާއި، މިއިން ޒަމާނެއްގައި ފާހަގަނުވާ މިންވަރަށް މިހާރުއޮތީ އެކަން ފާހަގަވެފައި ކަމަށް ވެސް ފައްޔާޒު ވިދާޅުވެފައިވެއެވެ.

 

Related News