ދިވެހި|English Sep 22, 2026 · 15:00
Top banner
Advertisement
ކޮންގްރެސް މިބާއްވަނީ ފުދޭވަރަކަށް އުނދަގުލުން: އިބްރާހީމް ވަހީދުޗެއަރޕާސަންގެ ނާއިބު އިބްރާހީމް ވަހީދު
News

ކޮންގްރެސް މިބާއްވަނީ ފުދޭވަރަކަށް އުނދަގުލުން: އިބްރާހީމް ވަހީދު

މމުހައްމަދު އަލީSep 22, 2026

އެމްޑީޕީގެ ކޮންގްރެސް މިބާއްވަނީ "ފުދޭވަރަކަށް އުނދަގުލުން،" ކަމަށް އެޕާޓީގެ ޗެއަރޕާސަންގެ ނާއިބު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އިބްރާހީމް ވަހީދު ވިދާޅުވީ ކޮންގްރެސް އުނދަގުލުން ބާއްވަން ޖެހުނަސް ޕާޓީގެ މެންބަރުންގެ އެއްބާރުލުމާއެކު ކަނޑައެޅިފައިވާ ދުވަހަށް ކޮންގްރެސް ބާއްވާނޭ ކަމަށެވެ. އުނދަގުލުން ކޮންގްރެސް ބާއްވާ ސަބަބު އޭނާ ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް މި ހަރަކާތް ބާއްވާނޭ އެކަށީގެންވާ ތަނެއް ސަރުކާރުން ނުދެއްވި ކަމަށް އެމްޑީޕީން ކުރިންވަނީ ބުނެފައެވެ.

އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު އެކަކުން ތިނަކަށެވެ. އެ ހަރަކާތް އޮންނާނީ މާލޭސިޓީ ހޯލުގައެވެ.

އިބްރާހީމް ވަހީދު ވިދާޅުވީ މިމަހު ވިހި ވަނަ ދުވަހުން ފަންސަވީސް ވަނަދުވަހާ ހަމައަށް ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލައިފައިވާ ކަމަށެވެ. މިހާތަނަށް ގިނަ އަދަދެއްގެ މީހުން ރަޖިސްޓްރީ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮންގްރެސްގައި ބައިވެރިވާ މަންދޫބުންނަށް ކޮންގްރެސް ކިޓް ހަވާލުކުރުން އޮންނާނީ މިމަހު ނަވާވީސް، ތިރީސް ހިސާބު ޕާޓީގެ ހަރުގޭގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "އޮންލައިންކޮށް ހުޅުވާލުމުން ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު ލިބިފައިވާ މަންދޫބުންގެ ތެރެއިން މިހާތަނަށް ވަރަށްގިނަ މީހުން ވަނީ އޮންލައިންކޮށް ރަޖިސްޓްރީކޮށްފައި. އެހެންވީމާ އަޅުގަނޑުމެން ދެކެނީ މިކޮންގްރެސްއަށް ވަޑައިގަތުމަށް މަންދޫބުން ވަރަށްބޮޑަށް އުންމީދުކުރާ ކަމަށް،" އިބްރާހީމް ވަހީދު ވިދާޅުވިއެވެ. ކޮންގްރެސްގައި ރަޖިސްޓްރީވުމާއި މައުލޫމާތު ހޯދުމަށް ޚާއްސަ ވެބްސައިޓެއްވެސް އެޕާޓީން ވަނީ ގާއިމްކޮށްފައެވެ.

 

Related News