އަންހެންކުދިންގެ ކުރިމަގަށް ވުނަކުރުމަކީ ހަމަހަމަ، އެންމެން ޝާމިލުވާ، ތަރައްޤީވެފައިވާ ކުރިމަގަކަށްކުރެވޭ ކަމެއްކަމަށާއި، އެކުދިންގެ ކުރިމަގު ކަށަވަރުކުރުމާއި އެކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމުގައި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެންކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް، އެކުދިންގެ އުންމީދުތައް ހާސިލު ކޮށްދިނުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނުގެ މެސެޖުގައި ސަރުކާރުގެ އަމާޒަކީ ޒުވާން އަންހެނުންނާއި އަންހެންކުދިންގެ ޤާބިލުކަން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ދުރުވިސްނޭ ސިޔާސަތުތައް ތަންފީޒުކޮށް، އެފަދަ ފުރުސަތުތައް ފަހިކޮށްދިނުން ކަމުގައި ވިދާޅުވިއެވެ. އަދި، އެކުދިންނަކީ ކުރިމަގުގެ ލީޑަރުންގެ ގޮތުގައި ބިނާކޮށް، ޤައުމީ ތަރައްޤީގައި ފުރިހަމައަށް، ރައްކާތެރިކަމާއިއެކު، ޝާމިލުވެވޭ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރުމުގެ މުހިންމުކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިއަމާޒަށް ވާޞިލުވުމަށްޓަކައި ފުރަތަމަ މަސައްކަތް ފަށަންޖެހޭނީ ޢާއިލާއާއި މުޖުތަމަޢުގެ ތެރެއިން ކަމަށާއި، މިކަމުގައި ޝާމިލުވާ އެންމެންގެ އެއްބާރުލުން ބޭނުންފުޅުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ އެކަމަނާގެ އެކްސް އެކައުންޓުން މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި، އަންހެންކުދިންނަކީ ހިތްވަރުގަދަ، އުންމީދީ، އަދި ގާބިލު ބައެއްކަމުގައި ވިދާޅުވިއެވެ.
އަންހެންކުދިންނަކީ ލީޑަރުންކަމަށާއި، އީޖާދީ ވިސްނުންތައް ތަޢާރަފްކޮށް، ކަންކަން ބަދަލުކުރުމުގެ ހިތްވަރު ހުރި ބައެއްކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި، އަންހެން ކުދިން ބާރުވެރިކުރުވުމަކީ ހަމައެކަނި ފަރުދުންގެ ދިރިއުޅުމަށް ބަދަލު ގެނައުން ނޫންކަމަށާއި، އެއީ ޤައުމުގެ މުސްތަޤްބަލް ބައްޓަންކޮށްދޭ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެކަމަނާގެ މެސެޖުގައި ދިވެހި އަންހެންކުދިންނާއި ޒުވާން އަންހެނުން ތަޢުލީމާއި، ޢާންމު ޚިދުމަތްތަކާއި، ވިޔަފާރީގެ ދާއިރާ، ކުޅިވަރު އަދި އިޖްތިމާޢީ ދާއިރާތަކުން ކޮށްދީފައިވާ ޚިދުމަތް ފާހަގަކުރައްވައި، ޤައުމުގެ ކުރިމަގު ބިނާކުރުމުގައި އަންހެންކުދިން އަދާކުރަމުން އަންނަ އަގުނުކުރެވޭ ދައުރަށް އެކަމަނާ ތަޢުރީފުކުރެއްވިއެވެ.
-ޚަބަރު ރައީސް އޮފީސް





