އެ މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، ހެނދުނު 6:00 އިން 8:30 އަށް، 350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުފަހަރާއި ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލަރ ފަދަ ބަރު އުޅަނދުފަހަރު، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކުގައާއި، ހުޅުމާލޭގެ މަގުތަކުގެ އިތުރުން ސިނަމާލެ ބުރިޖާއި ހައިވޭގައި ދުއްވުން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުފަހަރު ދުއްވުން ވެސް ވަނީ މަނާކޮށްފައެވެ.
މީގެއިތުރުން، ސްކޫލް އޮންނަ ދުވަސްތަކުގައި ސްކޫލްތައް ފެށޭ ގަޑިއާއި ނިމޭ ގަޑިތަކުގައި، ސްކޫލް ސަރަޙައްދުތަކުގައި މިފަދަ އެއްވެސް އުޅަނދެއް ދުއްވުމާއި މުދާ އުފުލުމަކީ މަނާކަމެއް ކަމަށް މިނިސްޓްރީން ވަނީ އަންގައި އިޢުލާން ކުރައްވައިފައެވެ.
އަދި މި އުސޫލާ ޚިލާފުވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިއީ މާލެ ސަރަޙައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން، އެޅުއްވި ފިޔަވަޅެއް ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.





