ދިވެހި|English Oct 16, 2026 · 22:01
Top banner
Advertisement
ގުޅިގެން މަސައްކަތް ކޮށްފިނަމަ، ހުރިހާ ދިވެހިންނަށްވެސް، ފައިދާހުރި ކާބޯތަކެތި އަގުހެޔޮކޮށް ލިބިގެންދާނެ: ރައީސް
News

ގުޅިގެން މަސައްކަތް ކޮށްފިނަމަ، ހުރިހާ ދިވެހިންނަށްވެސް، ފައިދާހުރި ކާބޯތަކެތި އަގުހެޔޮކޮށް ލިބިގެންދާނެ: ރައީސް

މމުހައްމަދު އަލީOct 16, 2026

އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ހުރިހާ ދިވެހިންނަށްވެސް، ފައިދާހުރި ކާބޯތަކެތި އަގުހެޔޮކޮށް، އިތުބާރާ އެކު ލިބިގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ މީސްމީޑިއާގައި ޝާއިޢުކުރެއްވި ބަޔާނެއްގައެވެ.

ރައީސްގެ ބަޔާނުގައި ވިދާޅުވެފައިވަނީ އައު އީޖާދުތައް ތަރައްގީކޮށް ކާބޯތަކެތި އުފައްދާ މިންވަރު ފުޅާކޮށް، ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުން، ކާބޯތަކެތީގެ ރައްކާތެރިކަން ރާއްޖެއަށް ކަށަވަރުކުރެވި، ރައްޔިތުންނަށް ދުޅަހެޔޮ، އަދި ދެމެހެއްޓެނިވި މުސްތަޤްބަލެއް ހޯދައިދެވޭނެ ކަމަށެވެ.

އެންމެންނަށް ރައްކާތެރި، ފައިދާހުރި އަދި އަގުހެޔޮ ކާބޯތަކެތި ލިބޭކަން ކަށަވަރުކޮށްދޭ، އައު އީޖާދުތަކުގެ މައްޗަށް ބިނާވެފައިވާ، ދެމެހެއްޓެނިވި އަދި ވިލުންތެރި ކާބޯތަކެތީގެ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަން ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ.

ރާއްޖެފަދަ ޖަޒީރާ ޤައުމަކަށް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވިފައި އޮތުމަކީ، ޤައުމީ ވިލުންތެރިކަމަށާއި، ދެމެހެއްޓެނިވި އިޤްތިޞާދަށްޓަކައި، ކޮންމެހެން މުހިންމު ކަމެއްކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

އައު ޓެކްނޮލޮޖީތައް ބަލައިގަތުމާއި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަށާއި، ދަނޑުވެރިންނާއި މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ދިވެހިންގެ އިޖުތިމާޢީ ދިރިއުޅުން ދެމެހެއްޓުމަށް ބޭނުންވާ ޤުދުރަތީ ވަސީލަތްތައް ޙިމާޔަތްކުރުމަށް ވެސް ރައީސްގެ ބަޔާނުގައި ވަނީ ބާރުއަޅުއްވާފައެވެ.

ރައީސް ވިދާޅުވީ ދަނޑުވެރިކަން ތަރައްޤީކުރުމަށްޓަކައި، ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން އެކި ރަށްރަށުގައި ފެށިފައިވާކަމަށެވެ. މިއާއެކު،ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަށާއި، ތާޒާ މޭވާ ހެއްދުމަށްޓަކައި،ދަނޑުވެރިންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން، ރަށްރަށުގައި ހުރި ހުސްބިންތައް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބޭނުންކުރުމަށް އެމަނިކުފާނު ވަނީ ހިތްވަރުދެއްވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ކާބޯތަކެތި ފޯރުކޮށްދޭ ވިއުގަތައް ވަރުގަދަކޮށް، ދަނޑުވެރިންނާއި މަސްވެރިން އުފައްދާ ތަކެތި ވިއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމަށާއި، ދަނޑުވެރިކަމުގެ ދާއިރާއަށް ވުނަކުރާނެ އިތުރު ގޮތްތައް ހޯދުމަށް، ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، ދިވެހި އުފެއްދުންތެރިންގެ މަޢުލޫމާތާއި ތަޖުރިބާގެ އަލީގައި، އައު އީޖާދުތައް ބޭނުންކޮށްގެން، އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ މިންވަރު މަދުކުރުމަށާއި، ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނިޒާމުގެ ވިލުންތެރިކަމާއި ދެމެހެއްޓެނިވިކަން އިތުރުކުރެވިދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމަކީ އެންމެންގެ ޒިންމާއެއްކަ ކަމަށާއި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަށާއި، ދަނޑުވެރިކަމާއި މަސްވެރިކަންކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް، އެންމެހާ ދިވެހިން އެކުގައި މަސައްކަތްކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ގޮވައިލެއްވިއެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ ދަނޑުވެރިންނާއި މަސްވެރިން ބާރުވެރިކުރެވިފައިވާ، ކާބޯތަކެތި އުފައްދާ މިންވަރު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާ، އަދި ކޮންމެ ގެއަކަށްވެސް ފައިދާހުރިކާނާ، ހެޔޮ އަގުގައި ލިބެން ހުންނަ ޤައުމެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.

 

Related News