ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ ދާއިރާވެސް މިހާރަށްވުރެ ފުޅާކޮށް ރައްޔިތުންނަށް ފައިދާ ލިބޭ ދާއިރާއަކަށް ހެދުން ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި، އައްޑޫ މީދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއަކީ ބިން ކުޑަ އަދި ވަސީލަތްތައް މަދު ގައުމެއް ކަމަށެވެ. އޭގެ އިތުރުން ދަނޑުވެރިކަން ކުރުމަށް އެންމެ އެކަށީގެންވާ ބިމާއި ވެލި ރާއްޖޭގައި ނެތްކަން މިނިސްޓަރ ފާހަކަކުރެއްވިއެވެ. އެހެން ދާއިރާތައް ފަދައިން ދަނޑުވެރިކަމަކީވެސް ޚަރަދުތަކެއް ކުރަންޖެހޭ ދާއިރާއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް މީދޫގެ ދަނޑުވެރިންނާއި ރަށުގެ ކައުންސިލާ ގުޅިގެން ދަނޑުވެރިކަން ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީދޫގައި ދަނޑުވެރިން މިހާރު ކުރަމުން އަންނަ ޒަމަނީ ދަނޑުވެރިކަމަކަށް ވާސިލުވުމައްޓަކާ ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަކީ ގައުމުގެ ސަލާމަތާ ރައްކާތެރިކަމާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެން ކަމުން ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ސަރުކަރުން ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.





