ނައިރޯބީ: އެބޯލާ ބަންޑިބުގިއޯ ވައިރަހުގެ އައު 4 ކޭހެއް ކެންޔާއިން ފެނިއްޖެ ކަމަށް އެގައުމުން ކަށަވަރު ކޮށްދީފިއެވެ. މިކަން ކަށަވަރު ކޮށްދީފައިވަނީ ހޮނިހިރު ދުވަހުއެވެ.
އަލަށް ފެނުނު ހަތަރު މީހުންނަކީ ފުރަތަމަ ބަލި ޖެހުނުމީހާއި އޭނާއަށް ފަރުވާދިން ސިއްހީ ތިން އެހީތެރީންނެވެ. މިއާއެކު، ކަށަވަރުކުރެވުނު ޖުމްލަ ކޭސްތަކުގެ ޢަދަދު ވަނީ 7 އަށް އަރާފައެވެ.
މިއީ ކެންޔާގެ އެތެރެއިން ފެނުނު މިފަދަ ފުރަތަމަ ކޭސްތަކެވެ. މީގެ ފުރަތަމަ ބަލިމީހާ ކެންޔާއަށް އައިސްފައިވަނީ އޮކްޓޯބަރު 3 ވަނަ ދުވަހުއެވެ. އޭނާ އައިސްފައިވަނީ ކޮންގޯއިންނެވެ. ނަމަވެސް ސިއްހީ ވުޒާރާއިން ބުނީ އެ މީހާއާ ކޮންޓެކްޓްވި އެންމެހާ ފަރާތްތައްހެން ހޯދައި ކަރަންޓީނުކޮށްފައިވާ ކަމަށެވެ. މުޖުތަމަޢުގެ ތެރޭގައި ވައިރަސް ފެތުރެމުންދާކަމުގެ އެއްވެސް ހެއްކެއް އަދި ނެތް ކަމަށް ވެސް ސިއްހީ ވުޒާރާއިން ވަނީ ބުނެފައެވެ.
މިބައްޔަށް ޕޮޒިޓިވްވި ޞިއްޙީ މަސައްކަތްތެރިންގެ ތެރޭގައި ހިމެނެނީ ދެ ފިރިހެނަކާއި އަންހެނެކެވެ. އެއީ އުމުރުން 29، 35 އަދި 32 އަހަރުގެ މީހުންނެވެ. މިއީ ފުރަތަމަ ފެނުނު ބަލިމީހާއަށް ފަރުވާދިން މީހުންނެވެ. އޮކްޓޯބަރު 9 ވަނަ ދުވަހުން ފެށިގެން އެމީހުން ތިބީ ކަރަންޓީނުގައެވެ. އަލަށް މިބައްޔަށް ޕޮޒިޓިވްވި 4 ގެ ގައިން ބަލީގެ އަލާމާތްތައް ފެނި ބަލި ދެނެގަނެވުނުއިރު ވެސް ތިބީ ކަރަންޓީނުގައި ކަމަށް ކެންޔާއިން ވަނީ ބުނެފައެވެ.
މިބައްޔަށް ފުރަތަމަ ޕޮޒިޓިވް މީހުންގެ ތެރެއިން ދެވަނަ އަދި ތިންވަނަ ބަލިމީހާގެ ޙާލު ރަނގަޅުކަމަށާއި، ބަލިމީހުންނަށް ދޭންޖެހޭ ފަރުވާއާއި، އެހީތެރިކަމުގެ ސަބަބުން އެ މީހުންގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ސިއްހީ ވުޒާރާއިން ބުންޏެވެ. ބަލިމީހާއާ ކޮންކްޓްވި ކަމަށް ލިސްޓުކުރެވުނު 130 މީހުންގެ ތެރެއިން 128 މީހުން (98.5 އިންސައްތަ) ހޯދައި ކަރަންޓީނުކޮށްފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
ކެންޔާއިން ފެނުނު ކޭސްތައް ގުޅިފައިވަނީ ކޮންގޯގައި ހަލުވިކަމާއެކު ފެތުރެމުންދާ އެބޯލާ ރޯގާއާއެވެ. މިއީ މިހާތަނަށް ރެކޯޑުކުރެވުނު ދެވަނައަށް އެންމެ ބޮޑު އައުޓްބްރޭކެވެ. މި ބަލީގައި 9,000 އަށްވުރެ ގިނަ ކޭސް ފެނި، 4,000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
އެބޯލާގެ ބަންޑިބުގިއޯ ސްޓްރެއިންއަށް ޚާއްޞަކޮށްގެން ފާސްކޮށްފައިވާ ވެކްސިނެއް ނުވަތަ ފަރުވާއެއް އަދި ނެތެވެ.





