ދިވެހި|English Oct 20, 2026 · 15:38
Top banner
Advertisement
އެމް.ބީ.އެސްއަށް ކުރިމަތިވެފައިވަނީ ވަރަށް ޚުޠޫރަތްތެރި ވަގުތުކޮޅެއް!
Report

އެމް.ބީ.އެސްއަށް ކުރިމަތިވެފައިވަނީ ވަރަށް ޚުޠޫރަތްތެރި ވަގުތުކޮޅެއް!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫOct 20, 2026

ސަޢޫދީ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށް މިހާރު ކުރިމަތިވެފައިވަނީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތިވެފައި ނުވާ ވަރުގެ ޚުޠޫރަތްތެރި ވަގުތެކޮޅެކެވެ. ފަހަރެއްގައި އެއީ އާލު ސަޢޫދުގެ ވުޖޫދާއި ގުޅިފައިވާ ވަގުތު ކޮޅަކަށްވެސް ވެދާނެއެވެ. ވުޖޫދާއި ގުޅިފައިވާ ވަގުތުކޮޅެކޭ އަހުރެން މި ބުނަނީ ތަފާތު ޖަމާޢަތްތައް ގަންނާކަށް މިހާރު އެމް.ބީ.އެސް އަތުގައި ކުރިން ހުރި ވަރަކަށް ފައިސާއެއް ނެތެވެ. ވަރަށް ފަހުން އޭނާ ވަނީ ކެހިވެރި ޢަރަބި ޢިމާރާތާއި، ޤަޠަރުގެ ވެރިންގެ ކިބައިން 8 ބިލިއަން ޑޮލަރުގެ ލޯނަކަށް އެދިފައެވެ. އެ ދެ ޤައުމުންވެސް ވަނީ 8 ބިލިއަން ޑޮލަރު ދިނުމަށް ދެކޮޅު ހަދާފައެވެ. މިހާރު ދައްމާމާއި، ޖިއްދާގެ މަދަނީ ވައިގެ ބަނދަރުތަކާއި، އަދި ކިންގް ޚާލިދު ބައިނަލްއަޤުވާމީ ވައިގެބަނދަރު ވަނީ ހޫޘީންގެ ހަމަލާތަކުގައި ހަލާކުވެފައެވެ. ސަޢޫދީ ޢަރަބިއްޔާއަކީ، އެ ސަރަޙައްދުގެ އާ ހަބެއްގެ ގޮތުގައި ހެދުމަށް އެމް.ބީ.އެސް ކުރަމުން އައި ޚިޔާލު މިވަނީ ހޫޘީންގެ މިސައިލް ޙަމަލާތަކުގެ ސަބަބުން ފުނޑުފުނޑުވެފައެވެ.

ސަޢޫދީ ޢަރަބިއްޔާގެ 2030 ތަޞައްވުރު އެމް.ބީ.އެސް ބޭނުންވާ ގޮތަށް ދެނެއް ކުރިއަކަށް ނުކަނޑާނެއެވެ. މިހާރު "ލައިން" ޕްރޮޖެކްޓްވެސް ކުރިން ތަދުބީރުކޮށްފައިވާ ގޮތަށް ކުރިއަށް ގެންދެވޭކަށް ނެތެވެ. ވެރިރަށް ރިޔާޒުގައި މައްކާގެ ޙަރަމްފުޅާ އެއްގޮތަށް އެމް.ބީ އެސް ހަދަން ބޭނުންވި ބޮޑު "މުކާބު" ޕްރޮޖެކްޓްވެސް ރޭވިފައިވާ ގޮތަށް ވަގުތަށް ނިންމައެއް ނުލެވޭނެއެވެ. އޭނާ ތަދުބީރުކޮށް ކުރަހާފައިވާ ބިޔަ ސަހަރުތައްވެސް ދެނެއް ތަޢުމީރެއް ނުކުރެވޭނެއެވެ. އަދި އެކަންކަން އޭނާއަކަށް ދެނެއް ޙާޞިލެއް ނުވާނެއެވެ. ޙަޤީޤަތުގައި އޭނާއަށް ޙާޞިލު ކުރެވުނު ހަމައެކަނި ކަމަކީ އިސްލާމްދީނާ ގުޅިފައިވާ ސަޢޫދީ ޢަރަބިއްޔާގެ ހުވިއްޔަތު ނައްތާލުމެވެ. އެކަން އޭނާ ކިތަންމެ ރަނގަޅަކަށްވެސް ކޮށްފިއެވެ. ފަލަސްޠީނުގެ މައްސަލަ އެންމެ ބޮޑަށް ހޫނުވީ ވަގުތުވެސް، އޭނާ ދިޔައީ ޝަކީރާމެން ގެނެސްގެން ބޮޑެތި މިއުޒިކް ޝޯތައް ބާއްވައި، މުންކަރާތްތަކަށް މަގުފަހިކުރަމުންނެވެ. ފަލަސްޠީނުގެ ނިކަމެތި އަޚުންނާއި، އުޚުތުން ކާނެ ބޯނެ އެއްޗެއް ނެތި ބަނޑަށް މަރުވަމުން ދިޔައިރު، އޭނާ ދިޔައީ އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ތަފާތު ފަންނާނުން ގެނެސްގެން މިއުޒިކު ޝޯތައް ބާއްވައި ނަށައި ލަވަކިޔަމުންނެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ﷺ އެތަނެއްގައި މަޑުނުކުރެއްވުމަށް އިސްލާމީ އުއްމަތަށް އަންގަވައި އިރުޝާދު ދެއްވާފައިވާ "މަދާއިން ޞާލިޙު" ނުވަތަ "އަލް އުލާ" އަކީ، އޭނާގެ ފަތުރުވެރިކަމުގެ ތާޖުގެ ޖަވާހިރު ކަމަށް ކަނޑައަޅައި އެތަން އޭނާ ވަނީ ތަރައްޤީ ކޮށްފައެވެ. މި އުއްމަތުގެ އެންމެހައި ޢިލްމުވެރިންވެސް ވަނީ، އަލް އުލާއަކީ ޘަމޫދުބާގައިގެ މީހުން ހަލާކުކުރެއްވި ތަން ކަމަށް އިއްތިފާޤުވެފައެވެ. އެއީ ސައުދީގެ ވަލީއަހުދު މުސްލިމުންގެ ހުވިއްޔަތަށް ފުރައްސާރަކުރުމުގެ ގޮތުން ކުރި ކަމެކެވެ. ނަބިއްޔާ ﷺ އެތަނެއްގައި މަޑުނުކުރެއްވުމަށް އެންގެވި އަލް އުލާގައި ހުރެ އެމް.ބީ.އެސް ބުންޏެވެ. "އަހުރެން މިތަން، އަހުރެންގެ ފަތުރުވެރިކަމުގެ ތާޖުގެ ޖަވާހިރަށް ހަދައިދޭނަމެވެ."

"މައްކާ އިއްތިޙާދު" ގައި ސޮއިކުރިއިރުވެސް އެމް.ބީ.އެސް ނިންމީ ސޮއިކުރި މީހުންގެ ފަހަތުގައި އަންހެން ކުދިންތަކެއް ބައިތިއްބާށެވެ. އެކަމުގައި ގޯހެއް ނެތެވެ. އެކަމަކު އެމީހުން ތިބީ މައްކާގެ ޙަރަމްފުޅުގައި، ކަޢުބާގެ ކައިރީގައި ދެބައިކުޅަ އެއްބައި ނިވާވަރަށް ހިޖާބު އަޅައިގެންކަން އޭނާ ކަށަވަރުކުރިއެވެ. ކީއްވެގެން ހެއްޔެވެ؟ އޭނާ ކުޑަގޮތަކަށް އިސްލާމީ އުއްމަތަށް ހާމަކޮށްދިނީ "މައްކާ އިއްތިހާދުގައި ސޮއިކުރެވޭއިރު، އިސްލާމީ ހުވިއްޔަތެއް" ތިމަންނަ ބޭނުންނުވާ ކަމެވެ. މައްކާ އިއްތިޙާދަކީ ސަޢޫދީ ޢަރަބިއްޔާއާއި، ޠެލްއަވީވް އަދި އެމެރިކާއާ ގުޅިފައިވާ ކަމެކެވެ. އެއީ ސަޙުޔޫނީ އެމެރިކާއާއި އަދި އިޒުރޭލަށް ދިން ނުސީދާ މެސެޖެކެވެ. އެމް.ބީ.އެސް ބުނާގޮތުން މައްކާ އިއްތިޙާދުގައި ސޮއިކުރީ އެމެރިކާއާއި، އިޒުރޭލަށް ގިނަ ކަންތައްތަކެއް ކޮށްދިނުމުންވެސް ބަދަލުގައި އޭނާއަށް އެއްވެސް އެއްޗެއް ނުލިބުމުންނެވެ.

ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދު އިސްލާމީ ދުނިޔޭގެ ގިނަ ޤައުމުތަކުގެ ދިފާޢީ ވަޒީރުންނަށް ގުޅައި އެހީތެރިކަމަށް އެދިފައިވާކަން ހޫޘީންނަށް އެނގެއެވެ. ސަޢޫދީއަށް އެހީތެރިކަން ބޭނުންވާ ކަމަށް ބުނެ މެލޭޝިޔާއަށް ވެސް ގުޅިއެވެ. އެމް.ބީ.އެސް ބޭނުންވަނީ ހޫޘީންނާ ދެކޮޅަށް އޭނާއަށް އެހީތެރިވެދޭނޭ ބައެކެވެ. އެކަމުގެ ތެރެއަށް ތަދައްޚުލުވާނެ ބައެކެވެ. ދެން ނިކަން އަމިއްލަ ނަފުސާއި ސުވާލުކޮށް ބަލާށެވެ. ހޫޘީން ޔަމަނުގެ ވެރިރަށް ސަންޢާ ހިފިތާ 10 އަހަރަށް ވުރެ ގިނަދުވަސް ވެދާނެއެވެ. އެކަމަކު، ސަޢޫދީ ޢަރަބިއްޔާއަށް ވަނީ ހޫޘީން ބަލިކުރުމުގައި ނުކުޅެދިފައެވެ. އަދި ހޫޘީންނާ ދެކޮޅަށް ބައިނަލްއަޤުވާމީ އިއްތިހާދެއް ގާއިމު ކުރުމުގައިވެސް ސަޢޫދީ ޢަރަބިއްޔާ ވަނީ ނުކުޅެދިފައެވެ. އެހެންކަމުން މިވަގުތަކީ ޔަމަނުގެ އެހެން ސަރަޙައްދުތައް ހިފުމަށް ލިބިފައިވާ ރަނުގެ ފުރުސަތެއްކަން ހޫޘީންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ހޫޘީން ވަނީ އެއްވެސް ދެކޮޅުވެރިކަމެއް ކުރިމަތިނުވެ ހުޅަނގުގެ އައްސޭރިފަށުގެ ސަރަޙައްދުތައް ހިފާފައެވެ. ސަޢޫދީން ހީކުރީ ބާބް އަލް މަންދަބާއެކު ހުޅަނގުގެ އައްސޭރިފަށުގެ ސަރަޙައްދުތައް ހޫތީން ހިފުމުން އެމެރިކާ މީހުން އަވަސް އަވަހަށް އެކަމުގެ ތެރެއަށް ވަދެ، ހޫޘީން ފަހަތަށް ޖެއްސުމަށްޓަކާ ސަޢޫދީއަށް އެހީތެރިވާނެ ކަމަށެވެ. އެކަމަކު، ހޫޘީން ވަނީ މާކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވާހަކަ ދައްކާފައެވެ. އެގޮތުން އެމެރިކާއާއި، ހޫޘީންނާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އެމެރިކާއާއި އިޒުރޭލުގެ ބޯޓުތައް ބާބް އަލް މަންދަބް ކަނޑުއޮޅިން އެއްވެސް ހުރަހެއްނެތި ދަތުރުކުރެވޭނެ ކަމުގެ ޔަޤީންކަން ހޫޘީން ވަނީ ދީފައެވެ. ޙޫޘީންނާއި، ސަޢޫދީ ޢަރަބިއްޔާގެ މައްސަލައަކީ ދާޚިލީ މައްސަލައެއް ކަމަށާއި، އެ މައްސަލައިގެ ތެރެއަށް އެމެރިކާ ނުވަންނަހާ ހިނދަކު، ހޫޘީންގެ ފަރާތުން އެމެރިކާގެ މަސްލަޙަތުތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމުގެ ޔަޤީންކަން ހޫޘީން ވަނީ އެމެރިކާއަށް ދީފައެވެ. އަދި ޓްރަމްޕް ވަނީ އެކަމަށްޓަކާ ހޫޘީންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވާކަން ހާމަކޮށްފައެވެ. ނިކަން ވިސްނާލަބަލާށެވެ. ސައޫދީ ޢަރަބިއްޔާއިން ވަނީ އެމެރިކާގައި އެތައް ބިލިއަން ޑޮލަރެއް ވުނަކޮށްފައެވެ. ނަމަވެސް، ހޫޘީން އެންމެ ލޯ ލާރިއެއްވެސް ޚަރަދެއް ނުކުރެއެވެ. އާދެ، ހޫޘީން ޑޮނަލްޑް ޓްރަމްޕަކަށް އެއްވެސް ފައިސާއެއް ނުދެއެވެ. އެކަމަކު، ޑޮނަލްޑް ޓްރަމްޕް ވަނީ ސަޢޫދީ ޢަރަބިއްޔާއާ ދެކޮޅަށް ހޫޘީންގެ ކޮޅަށް މާ ބޮޑަށް ލެނބިފައެވެ. މިއަދު ސަޢޫދީ ޢަރަބިއްޔާއިން ދައްކާ އެއްވެސް ވާހަކައަކަށް ޓްރަމްޕުގެ މާބޮޑު ޝައުގުވެރިކަމެއް ނެތެވެ. ސަޢޫދީ ޢަރަބިއްޔާ ދެކޮޅު ހަދަހަދައި އޮތްވާ މިއަދު ޓްރަމްޕު އެ ބުނަނީ ތިމަންނަ އިސްކަންދޭނީ ހޫޘީންނަށް ޙަމަލާދިނުމަށް ވުރެ ބޮޑަށް، ހޫޘީންނާ ވާހަކަ ދެއްކުމަށް ކަމަށެވެ.

ސަޢޫދީ އަރަބިއްޔާގެ އިސްވެރިޔަކީ ހަމަގައިމުވެސް އެމްބީއެސްއެވެ. އެކަމަކު، ޤައުމުގެ އެތެރެއިންވެސް އޭނާއަށް ވަނީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައެވެ. އޭނާގެ ރަސްކަން ވައްޓާލަފާނެ ކަމުގެ ބިރު އެބައޮތެވެ. އެހެންކަމުން، މިއަދު، ސަޢޫދީ ޢަރަބިއްޔާގެ ޙާލަތާ މެދު ވިސްނާލައިފިނަމަ އެމް.ބީ.އެސްއަށް ވަނީ ތިން ދިމާއަކުން ނުރައްކަލާއި ކުރިމަތިލާން ޖެހިފައެވެ. އެއްކޮޅުން އީރާނުގެ ނުރައްކަލެވެ. އަދި އަނެއްކޮޅުން ހޫޘީންގެ ނުރައްކަލެވެ. އެއަށްފަހު ދެން އޮތީ އެތެރޭގެ ނުރައްކަލެވެ. ޙަޤީޤަތުގައިވެސް ސަޢޫދީ ޢަރަބިއްޔާގެ އެތެރެއިން ވަނީ އާލު ސަޢޫދުންގެ ރަސްކަން ފުރޮޅާލަން ނުކުމެފައެވެ. އެމް.ބީ.އެސްއާއި އޭނާގެ ލެފްޓިނެންޓުންނަށް ވަނީ ސަޢޫދީ ޢަރަބިއްޔާގެ އެތެރެއިން ޙަޤީޤީ ނުރައްކާތެރި ޙާލަތަކާއި ކުރިމަތިލާން ޖެހިފައެވެ. މިއަދު މިދެކޭ ސަޢޫދީ ޢަރަބިއްޔާގެ 94 އަހަރުވީ ރަސްކަމަކީ ހުރިހާ ސަރަޙައްދުތަކެއް އެ ރިޔާސަތުގެ ދަށަށް ގެނައުމަށްފަހު 23 ސެޕްޓެމްބަރު 1932 ގައި އިޢުލާންކޮށްފައިވާ ރިޔާސަތެކެވެ.

Related News