ދިވެހި|English Oct 21, 2026 · 16:21
Top banner
Advertisement
އުމަވީ ދައުލަތާއި، އަޝްކެނާޒީ ޔަހޫދީން!
Report

އުމަވީ ދައުލަތާއި، އަޝްކެނާޒީ ޔަހޫދީން!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫOct 21, 2026

މިއީ އުމަވީ ޚިލާފަތާ ދެކޮޅަށް ޔަހޫދީ ޚަޒާރީން ހިންގި އެންމެ ނުރައްކާތެރި ހަނގުރާމައިގެ ވާހަކައެވެ.

މީލާދީން 8 ވަނަ ޤަރުނުގައި އުމަވީ ޚިލާފަތުގެ އުތުރުގެ ސަރަޙައްދީ ރޮނގުގައި ނުރައްކާތެރި ޢަސްކަރީ ބާރެއް އުފެދި، އިސްލާމީ ދުނިޔެއަށް ސިހުން ލިބުނެވެ. އެއީ އަލަށް ޔަހޫދީ ދީން ޤަބޫލުކުރި ޚަޒާރު ރިޔާސަތެވެ. ޚަޒާރު ރިޔާސަތު ޤާއިމުވެފައި އޮތީ މިހާރުގެ ރަޝިޔާގެ ދެކުނާއި، ޔުކުރޭންގެ ބިންތަކުގައެވެ. ޔޫރަޕާއި، އޭޝިއާ ދެމެދު ވިޔަފާރީގެ މަގުތައް ކޮންޓްރޯލް ކުރަމުން ދިޔައީ އެ ރިޔާސަތުންނެވެ. މީލާދީން 8 ވަނަ ޤަރުނުގައި އެ ރިޔާސަތުގެ ވެރިން ޔަހޫދީ ދީނަށް ބަދަލުވިއެވެ. ގިނަ މަޞްދަރުތަކުގައި ބުނެފައިވާ ގޮތުގައި ޚަޒާރު ރިޔާސަތު މަޝްހޫރުވެފައިވަނީ ޔަހޫދީ ރިޔާސަތެއްގެ ގޮތުގައެވެ. އެ ރިޔާސަތުގެ އާބާދީގައި ތިބީ ތަފާތު ނަސްލުތަކާއި، ތަފާތު ދީންތަކަށް ނިސްބަތްވާ މަސްހުނި އާބާދީއެކެވެ. އެމީހުން މަޝްހޫރު ވެފައިވަނީ އަޝްކެނާޒީ ޔަހޫދީންގެ ނަމުންނެވެ. މިއަދު ފަލަސްޠީނުގައި ޣައިރުޤާނޫނީ ދައުލަތެއް ޤާއިމުކޮށްގެން އެތިބީ، މިދަންނަވާ ޚަޒާރު އަޝްކެނާޒީ ޔަހޫދީންނެވެ. އެއީ މިއަދު ދުނިޔޭގައި އުޅޭ ޔަހޫދީންގެ 80 އިންސައްތައަށް ވުރެ ގިނަ މީހުން ނިސްބަތްވާ މައިގަނޑު ޖަމާޢަތެވެ. އެމީހުންނާއި މުސްލިމުންނާ ދެމެދު ކުރެވޭ ހަނގުރާމައަކީ އަންޒަމާނުއްސުރެ ހިނގަމުން އަންނަ ހަނގުރާމައެކެވެ.

އުމަވީ ޚިލާފަތާއެކު އަހަރުތަކެއް ވަންދެން ހަނގުރާމަ ނުކުރުމަށް ވެފައިވާ އެއްބަސްވުން އުވާލަން ޚަޒާރުން ނިންމައި، މުސްލިމުންގެ ބިންތަކަށް އަރައިގަތުމުގެ ބޮޑު ކެމްޕޭނެއް ކުރިއަށް ގެންދިއުމަށް، ޚަޒާރު ރަސްގެފާނު، އޭނާގެ ދަރިކަލުން ޝެހެޒާދާ ބަރުޖަކަށް އަމުރުކުރެއްވިއެވެ. އިސްލާމީ މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި ޚަޒާރު ލަޝްކަރުގައި ގާތްގަނޑަކަށް 300،000 ހަނގުރާމަވެރިން ތިއްބެވެ.

ހިޖުރައިން 112 ވަނަ އަހަރު ޚަޒާރު ލަޝްކަރުތައް މިހާރުގެ ޑަގެސްތާނުގެ ބާބް އަލް އަބްވާބް ފަހަނައަޅައި ކުރިއަށްގޮސް، ކޯކަސަސް ފަރުބަދަތައް ހުރަސްކޮށް، ވަރަށް ފަސޭހަކަމާއެކު މިހާރުގެ އަޒަރުބައިޖާނަށް ޙަމަލާދިނެވެ. އެ ޙަމަލާ ވެގެން ދިޔައީ މުސްލިމުންނަށް ކުއްލި ސިހުމެއް ގެނުވައިދިން ޙަމަލާއަކަށެވެ. އެއީ ނިސްބަތުން ހަމަޖެހުމާއި، ޞުލްޙައިގެ ޒަމާންތަކަކަށް ފަހު މުސްލިމުންނަށް ކުރިމަތިވި ޙަމަލާއެކެވެ. އަދި އެހާ ބޮޑު ކެމްޕޭނެއް ކުރިމަތިވެދާނެ ކަމަށް މުސްލިމުން ކުރިން ލަފާކޮށްފައިވެސް ނުވެއެވެ. އޭގެ އިތުރުން ޚަޒާރުން ކޯކެސަސްގެ ފަރުބަދަތައް ހުރަސްކުރިލެއް އަވަސްކަމުން އުމަވީންގެ ދިފާޢީ ބާރުތަކަށް ރަނގަޅަށް ތައްޔާރުނުވެވުމުގެ ސަބަބުން އެ ލަޝްކަރާއި ކުރިމަތިނުލެވުނެވެ.

އަރުމީނިއާއާއި، އާޒަރުބައިޖާންގެ ގަވަރުނަރު، ހިތްވަރުގަދަ ކޮމާންޑަރު އަލްޖައްރާޙު އިބްނު ޢަބުދު الله އަލްޙަކަމީ، ޚަޒާރު ލަޝްކަރާ އަޅައި ބަލާއިރު ކުޑަ ލަޝްކަރަކާއެކު އެމީހުންނާ ކުރިމަތިލެއްވުމަށް ނިކުމެވަޑައިގަތެވެ. ފަހަތަށް ޖެހިވަޑައިގެންފިނަމަ ދުޝްމަނުންނަށް މުސްލިމުންގެ ބިންތަކަށް ވަނުމުގެ މަގު ހުޅުވިގެންދާނެކަން އެނގިވަޑައިގެން، އޭނާ ޚިޔާރުކުރެއްވީ ހަނގުރާމަ ކުރެއްވުމަށެވެ. އެ ހަނގުރާމަ ހިނގީ މިހާރުގެ ހުޅަނގު އުތުރު އީރާނުގެ އަރުދަބީލް ސަހަރު ކައިރީގައެވެ. އަލްޖައްރާޙު އެންމެ ކުރީގައި ހުންނަވައިގެން ހަނގުރާމަ ކުރައްވަމުން ވަޑައިގެންނެވިއިރު، މުސްލިމުން ދިޔައީ އެމީހުންގެ ދުޝްމަނުން ހައިރާންކުރަމުންނެވެ. ޚަޒާރުން ޢަދަދުގެ ގޮތުން ކިތަންމެ ގިނަކަމުގައިވީ ނަމަވެސް މުސްލިމުން ދިޔައީ ސާބިތުކަމާއެކު ހަނގުރާމަ ކުރަމުންނެވެ. ކޮންމެއަކަސް އެ ހަނގުރާމައިގައި މުސްލިމުންގެ ހިތްވަރުގަދަ ކޮމާންޑަރު އަލްޖައްރާޙުއާއި، އޭނާގެ ގިނަ އެކުވެރިން، ޝަހީދުވެވަޑައި ގަންނަވަންދެން ހަނގުރާމަ ކުރެއްވިއެވެ. އަރުދަބީލް ވެއްޓުމާއެކު ޚަޒާރުންނަށް އިސްލާމީ ދުނިޔެއަށް އަރައިގަތުމުގެ މަގު ހުޅުވިގެން ދިޔައެވެ. ޚަޒާރުންގެ ލަޝްކަރު ޢިރާޤުގެ އުތުރުން މޫސަލްއާ ހަމައަށް ކުރިއަށް ދިޔައެވެ. އެއީ އުމަވީ ޚިލާފަތަށް، އުތުރުގެ ސަރަޙައްދީ އިމުން ކުރިމަތިވި އެންމެ ބޮޑު ނުރައްކަލެވެ.

އެކަމަކު ޚަލީފާ ހިޝާމް ބިން ޢަބްދުލް މަލިކް، ޢަރަބި ބާޒެއް ފަދަ ތޫނު ލޯފުޅަކުން ފަރުވާތެރިކަމާއެކު ބަލަހައްޓައިގެން ހުންނަވައި، އިސްލާމީ އުއްމަތުގެ އުތުރުގެ އިންތައް ސަލާމަތް ކުރެއްވުމަށް ކޮމާންޑަރު ސަޢީދު ބިން ޢަމުރު އަލްޙަރާޝީ ފޮނުއްވައި ލެއްވިއެވެ.

އަލްހަރާޝީ ކިތަންމެ އަވަހަށް ވަޑައިގަތް ކަމުގައިވީ ނަމަވެސް ޚަޒާރުންނާ އެއްފަހަރާ ކުރިމަތިލެއްވުމުގެ ގޯހެއް އޭނާ ނުހައްދަވައެވެ. ޚަޒާރުންގެ ބާރުތައް އޭރުވަނީ އަރުދަބީލް ހިފުމަށްފަހު ޖަމާޢަތްތަކަކަށް ބެހި، ހިފާފައިވާ ސަރަޙައްދުތަކާއި، ފޭރިގަނެފައިވާ ރަށްތައް ކޮންޓްރޯލް ކުރުމަށް ފޮނުވާފައެވެ. އެ ފުރުޞަތުގެ ބޭނުން އެދެވޭ ގޮތުގައި ހިއްޕަވައި، ޚަޒާރުންގެ ވަކިވަކި ޖަމާޢަތްތަކަށް ހަމަލާދެއްވައި، އެމީހުން ޤަތުލުކޮށް ލެއްވިއެވެ. އެއަށްފަހު، ޚަޒާރުންގެ ބޮޑު ލަޝްކަރާއި ކުރިމަތިލައްވައި ކުރެއްވި ހަނގުރާމައިގައި ޚަޒާރު ލަޝްކަރުގެ ކޮމާންޑަރު ޝެހެޒާދާ ބަރުޖަކް ޤަތުލުކުރުމަށްފަހު، އޭނާގެ ބޯ ޚަލީފާގެ އަރިހަށް ފޮނުއްވިއެވެ. އެހިސާބުން ޚަޒާރުންގެ ލަޝްކަރުގެ ހިތްވަރު އެލި، އެ ލަޝްކަރު ވިއްސިވިހާލި ވެއްޖެއެވެ. އަދި މުސްލިމުން އަލުން އަރުދަބީލް ހިއްޕަވައި، ޢިރާޤުގެ ތެރެއިން ޚަޒާރުންގެ ކުރިއެރުން އެއްކޮށް ހުއްޓުވިއެވެ.

އެއަށްފަހު، ޚަލީފާ ޙިޝާމް ބިން ޢަބުދުލްމަލިކު އޭނާގެ އަޚު މަސްލަމާ ބިން ޢަބްދުލް މަލިކާއި، ކޯކަސަސް ފްރަންޓްގެ ކޮމާންޑަރުކަން ޙަވާލުކުރެއްވިއެވެ. އޭނާ އިސްލާމީ ލަޝްކަރުގެ ސަފުތައް އަލުން އިންތިޒާމުކޮށް، ބާބު އަލް އަބްވާބް ސަޙަރުގެ ދިފާޢު ވަރުގަދަ ކުރެއްވިއެވެ. އަދި ދިފާޢީ ނިޒާމުތައް އަލުން އިންތިޒާމު ކުރައްވައި، އިސްލާމީ ސަރަޙައްދުތަކުގެ ކޮންޓްރޯލް އަލުން ހޯއްދަވައި، ޚަޒާރުންގެ ނުރައްކާތެރި ޙަމަލާއަށް މަގުފަހިކޮށްދިން އުންސުރުތައް ނައްތައިލެއްވުމުގެ ކަންތައްތަކުގައި އިސްދައުރެއް އަދާކުރެއްވިއެވެ.

ދެން އައީ މުޅި ހަނގުރާމައިގެ ފަސްމަންޒަރު ބަދަލުކޮށްލެއްވި ކޮމާންޑަރެވެ. އެއީ ފަހުން އުމަވީ ޚަލީފާއިންގެ ތެރެއިން އެންމެ ފަހުގެ ޚަލީފާއަކަށް ވެވަޑައިގެންނެވި މަޝްހޫރު މަރުވާން ބިން މުޙައްމަދެވެ.

މަރުވާން މަޝްހޫރުވެވަޑައިގަތީ ޚަޒާރުންނާ ދެކޮޅަށް ކުރެއްވި ހަނގުރާމަތަކުގައި އިސްކުރެއްވި ކެތްތެރިކަމުގެ ސަބަބުންނެވެ. އޭނާ ވެވަޑައިގަތީ ސާބިތުކަމާއި، ފަސްޖެހިވަޑައިގަތުމެއް ނެތް ޢަޒުމުގެ ނަމޫނާއަކަށެވެ.

ހަނގުރާމަ މުސްލިމުންގެ ބިންތަކާ ހަމައަށް ހަނިވެފައި އޮތް އޮތުމަށް މަރުވާން ދެކޮޅު ހައްދަވައި، ޚަޒާރުންގެ ސަރަހައްދުގެ ހިތަށް، އާދެ އެންމެ ފުނަށް އެ ހަނގުރާމަ ގެންދެވުމަށް ނިންމެވިއެވެ. އެހެންކަމުން އޭނާ އަރުމީނިއާއިން ނުކުމެވަޑައިގެން، ޑަގެސްތާނުގެ ދެކުނުގައި އޮންނަ ބާބް އަލް އަބްވާބް ހުރަސްކުރައްވައި، ކޯކެސަސް ފަރުބަދަތައް ފަހަނައަޅައި އުތުރަށް ދެމިގެންގޮސްފައިވާ ރަޝިޔާގެ ފުޅާ ސަހަރާގެތެރެއިން ކުރިއަށް ވަޑައިގަތެވެ.

ހިޖުރައިން 119 ވަނަ އަހަރު އިސްލާމީ ތާރީޚުގައި ހިނގި އެންމެ ވަރުގަދަ ޢަސްކަރީ ކެމްޕޭނުގައި އިސްކޮށް ހުންނަވައި، އެތައް ސަތޭކަ ކިލޯމީޓަރެއްގެ އެތެރެއަށް ޚަޒާރު ބިންތަކުގެ ތެރެއަށް ވަދެވަޑައިގެން، މިހާރުގެ ދެކުނު ރަޝިޔާގެ އަސްޓްރާޚާން ސަހަރު ކައިރީ، ވޯލްގާ ކޯރުގެ އައްސޭރީގައި އޮންނަ ޚަޒާރުންގެ ވެރިރަށް އަތިލްއަށް ޙަމަލާދެއްވިއެވެ.

ކުރިއަރަމުން ދިޔަ މުސްލިމުންގެ ލަޝްކަރުގެ ކުރިމަތީގައި ޚަޒާރުންނަށް ހިފަހައްޓައެއް ނުލެވުނެވެ. އެންމެފަހުން ހަނގުރާމައިގެ މައިދާން ދޫކޮށް ޚަޒާރުން ފިލައިގެން ދިޔައީއެވެ. ނަމަވެސް މަރުވާން، ޚަޒާރުންގެ ފަހަތުން ވަޑައިގެން، ރަޝިޔާގެ ފުޅާ، އަދި ފިނި ވޯލްގާ ސަހަރާގެ ތެރޭގައި ޚަޒާރުން ބޮޑު ބައްޔަކުން ބަލިކޮށް ލެއްވިއެވެ. އެ ބައްޔާއެކު، ޚަޒާރުން ސުލްޙައަށް އެދި، އުމަވީ ޚިލާފަތުގެ ޝަރުޠުތައް ޤަބޫލުކޮށް، އިސްލާމީ ދައުލަތުގެ ސަރަޙައްދީ އިންތަކަށް ދޭ ހުރިހާ ޙަމަލާތަކެއް ހުއްޓާލުމަށް ވަޢުދުވިއެވެ.

އަލްޖައްރާޙު ބިން ޢަބްދު الله އަކީ އެ ހަނގުރާމައިގެ ބަޠަލެވެ. އަދި ޤުރުބާނީގެ ރަމުޒެވެ. ޚަޒާރީންގެ އަރައިގަތުން ހުއްޓުވައި، ޢިރާޤު ސަލާމަތް ކުރެއްވި ކޮމާންޑަރަކީ ސަޢީދު ބިން ޢަމްރުލް ހަރުޝީއެވެ. ކޯކަސަސް ފްރަންޓް އަލުން ދިފާޢުކުރުމުގައި މަސްލަމާ ބިން ޢަބުދުލް މަލިކުގެ ދައުރު ވަރަށް ބޮޑެވެ. ނަމަވެސް މަރުވާނަކީ ޚަޒާރުންގެ ނުރައްކާތެރިކަން ނިމުމަކަށް ގެނެސް، ހަނގުރާމަ އެމީހުންގެ ހިތުގެ ތެރެއަށް ގެންގޮސް، މިހާރުގެ ރަޝިޔާގެ އެންމެ ދުރު ހިސާބަށް އުމަވީ ލަޝްކަރުތައް ވާސިލްވާންދެން ހަނގުރާމަ ކުރެއްވި ހިތްވަރުގަދަ ކޮމާންޑަރެވެ.

އެއީ އިސްލާމީ ތާރީޚުގެ އެންމެ ވިދުންގަދަ އެއް ޞަފުޙާއެވެ. މިހާރުގެ ޖީލުތަކަށް އެކަން ފާހަގަނުކުރެވުނު ނަމަވެސް، ޚަޒާރުންގެ ބިޔަ ލަޝްކަރު ފުނޑުފުނޑުކޮށް، ކުރިން މުސްލިމުން ބަލިވި ބަލިވުން ބޮޑު ކާމިޔާބީއަކަށް ބަދަލުކޮށްލި ގޮތާއި، މުޖާހިދުންގެ ހިތްވަރާއި، ވެރިންގެ ކެތްތެރިކަމުން އިސްލާމީ ދައުލަތުގެ ސަރަޙައްދީ އިންތަކަށް އެ ޒަމާނުގައި ކުރިމަތިވި އެންމެ ނުރައްކާތެރި އަރައިގަތުމުން، އިސްލާމީ އުއްމަތް ސަލާމަތްކޮށް، ރައްކާތެރިކުރި ގޮތް މިވާހަކައިން ކިޔައިދެއެވެ.

މަސްދަރު: އަޙުމަދު ބިން ޔަހުޔާ ބިން ޖާބިރު އަލްބިލާޛަރީ، ފުތޫޙުލްބުލްދާން.

Related News