ދިވެހި|English Oct 21, 2026 · 19:06
Top banner
Advertisement
ޕާކިސްތާނުން ރައީސަށް ރަސްމީ ގޮތުން މަރުޙަބާ ދަންނަވައިފި
News

ޕާކިސްތާނުން ރައީސަށް ރަސްމީ ގޮތުން މަރުޙަބާ ދަންނަވައިފި

ހިރި ނިއުސްހިރި ނިއުސްOct 21, 2026

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ޕާކިސްތާނުގެ ސަރުކާރުން އެމަނިކުފާނަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ. މި ރަސްމިއްޔާތު އޮތީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައެވެ.

މިރަސްމިއްޔާތަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީގޮތުން މަރުޙަބާ ދެންނެވީ، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފެވެ. އެއަށްފަހު، ބޮޑުވަޒީރާއެކު ރަސްމީ ފޮޓޯފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއަށްފަހު ދެން ކުރިއަށްދިޔައީ ދެޤައުމުގެ ޤައުމީ ސަލާމް ކުޅުމެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ޕާކިސްތާނުގެ ޢަސްކަރިއްޔާއިން އެރުވި ގާޑް އޮފް އޮނަރއެއް އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއަށް ޕާކިސްތާނު ސަރުކާރުގެ ޢިއްޒަތްތެރިން ތަޢާރަފްކޮށް އެރުވުނެވެ. އަދި، މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ ބޭފުޅުން، ޕާކިސްތާނުގެ ބޮޑުވަޒީރަށް ތަޢާރަފުކޮށް އެރުވުނެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ގަސް އިންދުމުގެ ޙަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ގަހެއް އިންދަވައި ދެއްވިއެވެ. މި މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން، ކުރެވުނު ޚާއްޞަ ދުޢާގައިވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮކްޓޫބަރު 20 އިން 22 އަށް ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ، އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

-ޚަބަރާއި ފޮޓޯ ރައީސް އޮފީސް

Related News